Roadha Mihaaru
ލޫފާ އިން ގައި އުނގުޅުމުން ހަންގަނޑު ހަލާކުވޭ

ލޫފާ އިން ގައި އުނގުޅުމުން ހަންގަނޑު ހަލާކުވޭ

26 ސެޕްޓެމްބަރ 2016

ފެންވަރާއިރު ގައި އުނގުޅަން ގެންގުޅޭ ލޫފާގައި ގިނަ އަދަދެއްގެ ޖަރާސީމު ހުންނަ ކަމަށާއި މުޅި ގައިގައި ލޫފާ އުނގުޅައިގެން ފެން ވެރިޔަސް ފެން ނުވެރުމެކޭ އެއްވަރު ކަމަށް ފަހުގެ ދިރާސާއެއްގައި ބުނެފި އެވެ. މިއީ އެކި ކަހަލަ އިންފެކްޝަންތައް ހަންގަނޑަށް ޖެހުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ފެންވަރާއިރު ގައި އުނގުޅަން ގެންގުޅޭ ލޫފާގައި ގިނަ އަދަދެއްގެ ޖަރާސީމު ހުންނަ ކަމަށާއި މުޅި ގައިގައި ލޫފާ އުނގުޅައިގެން ފެން ވެރިޔަސް ފެން ނުވެރުމެކޭ އެއްވަރު ކަމަށް ފަހުގެ ދިރާސާއެއްގައި ބުނެފި އެވެ. މިއީ އެކި ކަހަލަ އިންފެކްޝަންތައް ހަންގަނޑަށް ޖެހުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރިސާޗަރުންނަށް ހޯދުނު ގޮތުގައި ކިއުކަމްބާގެ ފައިބަރު ނުވަތަ އެ ފާޑުގެ އެއްޗަކުން އުފައްދާފައި ހުންނަ ގައި އުނގުޅަން ބޭނުންކުރާ އެއްޗިއްސަކީ ޖަރާސީމު އަށަގަތުމަށް ވަރަށް ރަނގަޅު މާހައުލަކަށްވެ އެވެ.

ލޫފާއަކީ ހަންގަނޑު ތެތްކޮށް ހުންނަ ވަގުތު ހާކާ އެއްޗަކަށް ވާތީ އާއި ލޫފާގައި ވަރަށް ގެއްލުންލިބޭ ޒާތުގެ ނުރައްކާތެރި ޖަރާސީމުތައް ހުންނާތީ މިއީ ވަރަށް ފަސޭހައިން އިންސާނާގެ ގަޔަށް ޖަރާސީމު ވާސިލުވެވިދާނެ ގޮތެއް ކަމަށް ވެސް ރިސާޗަރުން ފާހަގަކޮށްފައިވެ އެވެ.

ހަންގަނޑުގައި ރަނގަޅަށް ސައިބޯނި ހާކާލައި ފޮނުއަރުވާލުމަށް ފަހު ލޫފާއިން ހަންގަނޑު ސްކްރަބްކުރަނީ ހަމުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލާ ހަންގަނޑު ސާފުކޮށްލުމުގެ ބޭނުމުގަ އެވެ. ނަމަވެސް ފެންވަރާ ނިމޭއިރު ގައިން ނެއްޓޭ މަރުވެފައިވާ ސެލްތައް ނުވަތަ ހަންތައް ލޫފާގެ ތެރޭގައު ތާށިވެފައި ހުރެ އެވެ.

ލޫފާގައި ތެތްކަން ގިނަ ވަގުތު ހުންނާތީ ފިނި ހޫނުމިނަށް އަންނަ ބަދަލާ އެކު އޭގައި ތާށިވެފައި ހުރި ހަންކޮޅުތަކުގައި އިސާހިތަކު ޖަރާސީމު އަށަގަންނަން ފަށަ އެވެ. އަދި ދެ ވަނަ ފަހަރަށް ފެންވަރަށް އެ ލޫފާ ބޭނުންކުރަންވާއިރަށް ޖަރާސީމުތައް އެތައް ގުނައަކަށް އިތުރުވެ އެވެ.

އަދި މިގޮތަށް ފެންވަރާ ކޮންމެ ފަހަރަކު ބެކްޓީރިއާ އިތުރުވުމަށް މަގުފަހިވާނެ އެވެ.

ފެންވަރާ ކޮންމެ ފަހަރަކު އެންޓި-ބެކްޓީރިއަލް ސައިބޯންޏަކުން ލޫފާ ދޮވެފައި ރަނގަޅަށް ހިއްކިޔަސް ބެކްޓީރިއާ މަރުވާ ކަހަލަ ބޭހެއް ނުޖަހާ ނަމަ ގެއްލުން ކުޑައެއް ނުވާނެ އެވެ.

އިސްޕަންޖުން ގައި އުނގުޅުމުން ހަންގަނޑަށް ގެއްލުންވާކަމަށް ދިރާސާތަކުން ދައްކާ

އިސްޕަންޖުން ގައި އުނގުޅުމުން ހަންގަނޑަށް ގެއްލުންވާކަމަށް ދިރާސާތަކުން ދައްކާ

ހަމުގެ ޚާއްސަ ޑޮކްޓަރުންގެ ތެރެއިން ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ފެންވަރާއިރު ގައި އުނގުޅަން ލޫފާ އާއި އިސްޕަންޖު ބޭނުންކުރުމަކީ ކުރަންވާ ވަރުގެ ކަމެއް ނޫނެވެ. އަދި ފެންވަރާއިރު ޖަރާސީމު އަށަގެންފައިވާ އެއްޗެއް ގައިގައި އުނގުޅުމަކީ ފެންވަރަން ފެށުމުގެ ކުރިން ތިމާގެ ހަންގަނޑު ހުރި ހާލަތަށް ވުރެ ވެސް ގޯސް ހާލަތަކަށް ހަންގަނޑު ބަދަލުވާނެކަމެއް ކަމަށް ވެސް ހަމުގެ ޑޮކްޓަރުން ވިދާޅުވެ އެވެ.

ލޫފާ ބޭނުންކުރިޔަސް އެންމެ ގިނަވެގެން ވެސް ތިން ހަފުތާއަށް ވުރެ ގިނަ ދުވަހު ބޭނުންނުކޮށް ލޫފާ ނުވަތަ އިސްޕަންޖު ބަދަލުކުރުމަށް ވެސް ތަޖުރިބާކާރުން އިރުޝާދު ދެއްވަ އެވެ. ޚާއްސަކޮށް އޭގެ ކުލަޔަށް ނުވަތަ ވަހަށް ކުޑަ ނަމަވެސް ބަދަލެއް އަތުވެއްޖެ ނަމަ އިތުރަށް އެ އެއްޗެއް ބޭނުން ނުކުރުމަށް ވެސް އެބޭފުޅުން ނަސޭހަތްތެރިވި އެވެ.

ގައި އުނގުޅަން ގެންގުޅޭ އިސްޕެންޖު ފަދަ ތަކެތީގައި ޖަރާސީމު އަށަގަތަ ނުދިނުމަށް ފެންވަރާ ނިމިގެން ފާޚާނާއިން އެ ނެރެ ރަނގަޅަށް އަދި އަވަހަށް ހިކޭނެ ފަދަ ތަނެއްގައި ބާއްވާއިގެން ރަނގަޅަށް ހިއްކާލަން ވާނެ އެވެ.

މި ދިރާސާ ރިޕޯޓު ވަނީ ޖާނަލް އޮފް ކްލިނިކަލް މައިކްރޮބައިލޮޖީގައި ޝާއިއުކޮށްފަ އެވެ.