Roadha Mihaaru
އެލްޓީޓީއީ އަލުން ފަށަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

އެލްޓީޓީއީގެ ހަރަކާތްތައް ފަށަން ފައިސާ އެއްކުރި ބަޔަކު މެލޭޝިއާ އިން ހައްޔަރުކޮށްފި

14 އޮކްޓޯބަރ 2019

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން އެތައް އަހަރެއް ވަންދެން ހަނގުރާމަކުރި ލިބަރޭޝަން ޓެމިލް ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ ހަރަކާތްތައް އަލުން ފަށަން އެއްކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާ އެކު މެލޭޝިއާ އިން 12 މީހަކު ހައްޔަރުކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން އެތައް އަހަރެއް ވަންދެން ހަނގުރާމަކުރި ލިބަރޭޝަން ޓެމިލް ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ ހަރަކާތްތައް އަލުން ފަށަން އެއްކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާ އެކު މެލޭޝިއާ އިން 12 މީހަކު ހައްޔަރުކޮށްފި އެވެ.

މެލޭޝިއާ ފުލުހުންގެ ކައުންޓަ ޓެރަރިޒަމް ޑިވިޝަންގެ ޕްރިންސިޕަލް އެސިސްޓެންޓް ޑިރެކްޓަރު އައްޔޫބް ޚާން ވިދާޅުވީ މިކަން އެނގުނީ އެލްޓީޓީއާ ގުޅުން ހުރި ކަމަށް ބެލެވިގެން ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ބަޔަކު ހައްޔަރުކޮށް އެ މީހުންނާ ގުޅުން ހުރި ތަކެއްޗާއި ތަންތަން ފާސްކުރުމުން ކަމަށެވެ.

"ތަހުގީގުގައި ވަނީ ތުހުމަތުކުރެވޭ މީހުންގެ އުޅުނު ތަންތަނާއި އެ މީހުންގެ މޯބައިލް ފޯނުތައް ވެސް ފާސްކޮށްފައި. ފާސްކުރި އިރު އެލްޓީޓީއީގެ ދިދަ އާއި ފޮޓޯ އާއި އެލްޓީޓީއީގެ ލީޑަރުގެ ފޮޓޯ އަދި ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވޭ،" އައްޔޫބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފައިސާ އަކީ އެލްޓީޓީއީގެ ޕްރޮމޯޝަނަލް ހަރަކާތްތަކަށް ބޭނުންކުރުމަށް ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފެނުނީ ކިހާ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މެލޭޝިއާ ފުލުހުން ބުނީ މިއީ އެލްޓީޓީއީގެ ހަރަކާތްތައް އަލުން ފަށަން ބަޔަކު މަސައްކަތްކުރަމުންދާކަން އެނގިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮފަރޭޝަން އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މެލޭޝިއާގެ ކޮންމެ ސްޓޭޓެއްގައި ވެސް އެލްޓީޓީއީގެ ބްރާންޗެއް އެބަ ހުއްޓެވެ.

"ހައްޔަރުކުރި މީހުންގެ ތެރޭގައި މެލޭޝިއާގައި ހަމަލާތަކެއް ދޭން އުޅުނު ދެ މީހަކު ވެސް ހިމެނޭ. ކުރިން، 2016 ވަނަ އަހަރު ވެސް، މެލޭޝިއާގައި ހުންނަވާ ސްރީ ލަންކާގެ ހައި ކޮމިޝަނަރަށް ބަޔަކު ހަމަލާ ދީފައިވޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި އައްޔޫބް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މެލޭޝިއާ އިން ވަނީ އެލްޓީޓީއާ ގުޅުން ހުރި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެލްޓީޓީއީގެ ވެރިން ވެސް ހިމެނެ އެވެ.

ވެލުޕިއްލައި ޕްރަބާކަރަން އިސްވެ ހުރެ ލަންކާގައި ވަކި ދައުލަތެއް ހަދަން ހަނގުރާމަކުރި އެލްޓީޓީއީ އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަނިޔާވެރިކަން ބޮޑު ނުރައްކާ ޖަމާއަތެކެވެ. އެ ޖަމާއަތުން ލަންކާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ކުރި ހަނގުރާމާގައި އެތައް ލައްކަ ބަޔަކު މަރުވެފައިވެ އެވެ. ޕްރަބާކަރަން މަރާލައި އެލްޓީޓީއީގެ މައްޗަށް ލަންކާ ސިފައިން ކުރި ހޯދީ 2009 ވަނަ އަހަރުގެ މެއި މަހު އެވެ. އޭގެ ފަހުން އެލްޓީޓީއީ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.