Roadha Mihaaru
މަދަނީ އިޖްރާއާތުގެ ބިލަށް ބޭރުގެ އެކްސްޕާޓެއްގެ އެހީ

މަދަނީ އިޖްރާއާތުގެ ބިލް އެކުލަވާލުމުގައި ބޭރުގެ ތަޖްރިބާކާރެއްގެ އެހީ ހޯދަނީ

07 އޮކްޓޯބަރ 2019

މަދަނީ އިޖްރާއާތުގެ ބިލް އެކުލަވާލުމަށްޓަކައި ރާއްޖެއިން ބޭރުގެ ތަޖްރިބާކާރެއްގެ އެހީތެރިކަން ސަރުކާރުން ހޯދަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ އިޖްރާއާތުގެ ބިލް އެކުލަވާލުމަށްޓަކައި ރާއްޖެއިން ބޭރުގެ ތަޖްރިބާކާރެއްގެ އެހީތެރިކަން ސަރުކާރުން ހޯދަން ފަށައިފި އެވެ.

މަދަނީ އިޖްރާއާތުގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ހިމެނޭ ބިލެކެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި މަދަނީ އިޖްރާއާތުގެ ބިލް އެކުލަވާލުމުގައި ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު ބައިވެރިވަނީ އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވާސިޓީގެ ލޯ ސްލޫކްގެ ސީނިއާ ލޯ ލެކްޗަރާއެއް ކަމަށްވާ އިމެނުއަލް ގުއިންޝާޑް އެވެ.

މަދަނީ އިޖްރާއާތުގެ ބިލް އެކުލަވާލުމުގެ މަސައްކަތުގައި އޭނާ ދާދިފަހުން ވެސް ރާއްޖެ ވަޑައިގަތެވެ. އެ ބިލް އެކުލަވާލުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ އެކު އޭނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފްރާންސަށް ނިސްބަތްވާ ގުއިންޝާޑަކީ ކޮމާޝަލް ލޯ އާއި މަދަނީ މައްސަލަތައް އަވަސް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ހައްލު ކުރުމާ ގުޅޭގޮތުންނާއި ތަފާތު އެކި ލިޔުންތަކާއި ދިރާސާތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭނާ ޔުނިވާސިޓީގައި ކިޔަވާ ދެއްވަމުން ގެންދަވަނީ ވެސް އެދާއިރާއިންނެވެ.

މަދަނީ އިޖްރާއާތުގެ ބިލް އެކުލަވާލުމުގައި ބޭރުގެ ތަޖްރިބާކާރެއްގެ އެހީތެރިކަން ހޯދަމުން ދާއިރު، މިހާރު އަމަލުކުރާ ބައެއް ގާނޫނުތަކަކީ ވެސް ބޭރުގެ ތަޖްރިބާކާރުންގެ އެހީތެރިކަމާ އެކު އެކުލަވާލި ގާނޫނުތަކެކެވެ. އެގޮތުން މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތަކީ ވެސް އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް އެޗް ރޮބިންސްގެ އެހީތެރިކަމާ އެކު އެކުލަވާލި ގާނޫނެކެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނު ވެސް އެކުލަވާލީ ބޭރުގެ ތަޖްރިބާކާރުންގެ އެހީތެރިކަމާ އެކު އެވެ.