Roadha Mihaaru
މަންޓާގެ ސީޕްލޭންތައް އަންނަ ހަފްތާ ތެރޭ ގެންނަނީ

މަންޓާގެ ސީޕްލޭންތައް އަންނަ ހަފްތާގެ ތެރޭ ގެންނަނީ

04 އޮކްޓޯބަރ 2019

މަންޓާ އެއާގެ ސީޕްލޭންތައް މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ އަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަންޓާ އެއާގެ ސީޕްލޭންތައް މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ އަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މަންޓާ އެއާގެ އޮފިޝަލަކު ބުނީ އެ ކުންފުނިން ގެންނަ ދެ ސީޕްލޭން މިއަދު ކެނެޑާއިން ފުރާނެ ކަމަށެވެ. ކެނެޑާގެ ކެލްގަރީ އިން ގެންނަ މި ސީޕްލޭންތައް ރާއްޖެ އަށް އަންނާނީ 16،000 ކިލޯ މީޓަރުގެ ދިގު ދަތުރަކަށް ފަހުގައި ކަމަށް ވާތީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް އެ ބޯޓުތަކަށް ރާއްޖެ އާދެވޭނެ ކަމަށް އޭނާ ބުންޏެވެ.

މަންޓާގެ ސީއީއޯ މުހަންމަދު ޚަލީލް ވިދާޅުވީ މި ސީޕްލޭންތަކަކީ އެ ކުންފުންޏަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށެވެ. އަދި މިހާރު މަންޓާގެ ފްލައިޓުތަކުން ދެމުން އަންނަ ހިދުމަތްތައް އަލަށް ގެންނަ މި ބޯޓުތަކުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވައިފަ އެވެ.

މަންޓާ އެއާއިން ސީޕްލޭންގެ ހިދުމަތް ފެށުމާއެކު ހުރިހާ ދަތުރުތައް ވެސް ކުރާނީ މިހާރު ވެސް އޮންނަ އުސޫލުން ތާވަލެއްގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް މިތާވަލު އަދި އެ އެއާލައިނުން އިއުލާން ކޮށްފައި ނުވެ އެވެ.

އަންނަ ހަފްތާ ބުރާސްފަތި ދުވަހު މަންޓާގެ ދެ ސީޕްލޭން ގެންނަން ހަމަޖެހިފައިވާއިރު މި މަސްތެރޭގައި އިތުރު ދެ ސީޕްލޭން ގެންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި މިއަހަރު ނިމޭއިރު އެ ކުންފުނީގެ ފްލީޓުގައި 10 ސީޕްލޭން އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަންޓާ އެއާއިން މިހާރު ދަތުރު ކުރަމުން އަންނަނީ ދ. އަތޮޅަށާއި ބ. އަތޮޅަށެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެހެން މަންޒިލްތަކަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.