03 އޮކްޓޯބަރ 2019
އިއުލާން ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލިހުގެ އޮފިސަރުންގެ ގޮތުގައި މިހާރު ތިއްބެވި ތިން ބޭފުޅަކު، އިތުރު ދައުރަކަށް އެ މަގާމުތަކުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
އިއުލާން ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލިހުގެ އޮފިސަރުންގެ ގޮތުގައި މިހާރު ތިއްބެވި ތިން ބޭފުޅަކު، އިތުރު ދައުރަކަށް އެ މަގާމުތަކުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ ޖަލްސާގައި ވަނީ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ފާތިމަތު ނިއުޝާ ބެހެއްޓުމަށް މަޖިލިހުގެ 59 މެމްބަރުންގެ އިއްތިފާގުން ރުހުން ދީފަ އެވެ. މިދިޔަ އަހަރުން ފެށިގެން އަމީން އާންމުގެ މަގާމު ފުރުއްވި ނިއުޝާ ވަނީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އަމީން އާންމުގެ ނައިބުކަން ކުރައްވައިފަ އެވެ.
ކައުންސެލް ޖެނެރަލްގެ މަގާމަށް ފިލްޒާ ބަހައްޓަން ފާސް ކުރީ 58 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ 2011 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ކައުންސެލް ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.
ސާޖެންޓް އެޓް އާމްސްގެ މާގަމަށް މުހައްމަދު ހަލީމް އައްޔަން ކުރަން ވެސް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ. މީގެކުރިން އެމްއެންޑީއެފަށް ހިދުމަތް ކުރެއްވި ހަލީމް އެ މަގާމު ފުރުއްވަމުން ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
މަޖިލިހުގެ ގަވައިދުގައި ބުނާ ގޮތުން އަލަށް އެކުލަވާލާ ކޮންމެ މަޖިލިހެއް އިންތިހާބުވެ މަސައްކަތް ފެށުމަށް ފަހު، ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން އަމީން އާންމަކާއި ކައުންސެލް ޖެނެރަލަކާއި ސާޖެންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ. އަދި ގަވައިދަށް އަމަލު ކުރަން ފެށުމަށް ފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލިހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ހިނގަމުންދާ މަޖިލިހުގައި އެ ތިން މަގާމަށް ބޭފުޅުން އައްޔަން ކުރަން ވާނެ ކަމަށް ގަވައިދުގައިވެ އެވެ.
ގަވައިދުގައި ބުނީ އަމީން އާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަން ކުރުމުގައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލިހުގެ ރައީސް އާންމުކޮށް ހުޅުވާލަން ވާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ މީހުންގެ ނަންތައް މަޖިލިހުގެ ރައީސް މަޖިލިހަށް ހުށަހަޅައި އެއިން ކޮންމެ މަގާމަކަށް ބޭފުޅުން އައްޔަން ކުރާނީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވާ މީހެއް ކަމަށް ގަވައިދުގައިވެ އެވެ.
އަމީން އާންމާއި ކައުންސެލް ޖެނެރަލާއި ސާޖެންޓް އެޓް އާމްސްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެގުމަށް ފަހު، ދެން މަޖިލިހުގައި އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ އަމީން އާންމެވެ.
އަމީން އާންމުގެ މަގާމަށް އިތުރު ދައުރަކަށް އައްޔަން ކުރެއްވި ނިއުޝާ ވަނީ އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވަސިޓީ އާއި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. ނިއުޝާ ވަނީ ބެޗްލަސް އޮފް ލޯ އިން މާސްްޓަސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. ނިއުޝާ 2012 އިން ފެށިގެން ހުންނެވީ އަމީން އާންމުގެ ނައިބުގެ މަގާމުގަ އެވެ.
އޭގެ ކުރިން އޭނާ ވަނީ ސީނިއާ ލީގަލް ކައުންސިލްގެ މަގާމާއި ލީގަލް ކައުންސިލްގެ މަގާމާއި ޑެޕިއުޓާ ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. ނިއުޝާ އެންމެ ފުރަތަމަ އަދާކުރެއްވީ ފިނޭންސް މިނިސްޓްރީގައި ޑެސްކް އޮފިސަރެއްގެ މަގާމެވެ.
ނިއުޝާ، ފިލްޒާ އަދި ތޮލްހަތުގެ ދައުރު ދަންމާލައިފި
އަމީން އާއްމުގެ ގަދަރު ކުޑަކުރާތީ ނަޝީދު ކަންބޮޑުވެއްޖެ
ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް 5 ދުވަހުގެ ނޯޓިހެއް
ފަސް މެމްބަރަކަށް ސެކިއުރިޓީ ދޭން ފަށައިފި
ގަތަރުގެ މައްސަލައިގައި ޝާހިދާ ބުދަ ދުވަހު ސުވާލުކުރަނީ
ދައުރު ހަމަވާއިރު،މަޖިލިހުގެ މަސައްކަތްތައް ފުނިޖެހިފައި
އަމީން އާންމުކަމަށް ނިއުޝާ އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ އަމީންއާންމުގެ މަގާމަށް ނިއުޝާ އައްޔަންކުރަނީ
މެންބަރުންނަކީ "ބޮޓުން" ކަމަށް ސިފަ ނުކުރަން އެދިއްޖެ
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު