މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ 18 ވަނަ ދައުރު ނިމުމާ އެކު، އެ ދައުރުގައި ނުނިމި ހުރި ހުރިހާ ބިލްތަކެއް ބާތިލްވާނެ ކަމަށް މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވެއްޖެ އެވެ.
13 އެޕްރީލް 2019
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ 18 ވަނަ ދައުރު ނިމުމާ އެކު، އެ ދައުރުގައި ނުނިމި ހުރި ހުރިހާ ބިލްތަކެއް ބާތިލްވާނެ ކަމަށް މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ފަސް އަހަރު ކުރިން 2014 ގައި ރައްޔިތުން އިންތިޚާބު ކުރި 85 މެމްބަރުންގެ ދައުރު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މި މަސް ނިމުމާ އެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އެހެންވެ، މި ދައުރުގައި ނުނިމި ހުރި މަސައްކަތްތައް މި މަސް ނިމުމުގެ ކުރިން ނިންމަން ޖެހެ އެވެ. އެހެން ނޫން ނަމަ ޖެހެނީ ޗުއްޓީ ތެރޭގައި ޖަލްސާތައް ބާއްވާށެވެ. އާ މަޖިލިހާ އެކު، އާ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ ޖޫން މަހު އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 87 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 28 ގަ އެވެ.
މަޖިލިހުގެ އަމީން އާންމު "މިހާރު" އަށް ވިދާޅުވީ މަޖިލިހުގައި ގިނަ ބިލްތަކެއް ހުރި އިރު، މިހާރު ހިނގަމުން އަންނަ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ބިލްތަކާ މެދު ވަކި ގޮތެއް ނުނިންމައިފި ނަމަ، އެ ބިލްތައް ބާތިލްވާނެ ކަމަށެވެ. އެއީ މަޖިލިހުގައި އަމަލުކުރަމުން އަންނަ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާތިލްވާ ބިލްތައް ފާސް ކުރަން ބޭނުން ނަމަ، ސަރުކާރުން ނޫނީ މެމްބަރުން މެދުވެރިކޮށް ބިލްތައް އަލުން ހުށަހަޅަން ޖެހޭނީ. ކުރިން ވެސް އަމަލުކުރާ އުސޫލަކީ އެއީ،" ނިއުޝާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނީ. މަޖިލިހުގައި ނުނިމި ގިނަ ބިލްތަކެއް އެބަހުރި. ފޮޓޯ: މަޖިލިސް
މަޖިލިހުގެ މި ދައުރުގައި ނުނިމި ހުރި ބިލްތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގާނޫނީ ހިދުމަތުގެ ބިލާއި ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި ބިލް ފަދަ ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް ހިމެނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ފާސްކުރި ފާސްކުރުން ބާތިލްކޮށް، އެ މީހުންނަށް އަލުން ފުރުސަތު ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ވެސް އަދި ފާހެއް ނުކުރެ އެވެ.
- ހެއްކާ ބެހޭ ބިލް
- ތައުލީމްގެ ބިލް
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް
- ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލް
- ނައިބު ރައީސްކަން ކުރި މީހުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް
- ކުޑަކުދިންގެ އަދުލުގެ ބިލް
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ. އަދި އެ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި މަޖިލިހުގެ އެކި ކޮމިޓީތަކުން ނިންމާފައިވާ ވަރަށް ގިނަ މައްސަލަތައް ހިމެނެ އެވެ.
މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 65 ގޮނޑި ވަނީ ލިބިފަ އެވެ. މިއީ މަޖިލިހުގެ އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ސިޔާސީ ޕާޓީ އަކުން ހޯދައި މަޖިލިހުގެ ސުޕަ މެޖޯރިޓީގެ ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ.
މިހާރު ހިނގާ މަޖިލިހުގައި ތިއްބެވި ގިނަ މެމްބަރުންނަށް އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުން ހިމެނެ އެވެ.
އެގޮތުން މިފަހަރުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާ އަށް ކުރިމަތިލެއްވި، ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ވަނީ ގޮނޑި ގެއްލިފަ އެވެ. މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރު، ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސެއިންގެ ގޮނޑި ވަނީ ގެއްލިފަ އެވެ.
18 ވަނަ މަޖިލިހުގެ ފަހު ޖަލްސާ ހޯމަ ދުވަހު
ދައުރުން ބޭރުން ޖަލްސާ ބާއްވަން ތާއީދެއް ނުލިބުނު!
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
މަޖިލިހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޗުއްޓީ އަށް
47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!
މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ
ދެ ބިލަށް ވޯޓަށް ނޭހޭތީ ރައީސް ކަންބޮޑުވޭ: ހޫދު
މެމްބަރުން ވަކިވިޔަސް ވޯޓު ގުނާ ގޮތަށް ބަދަލެއް ނާދޭ