Roadha Mihaaru

މެމްބަރުން ވަކިވިޔަސް މަޖިލީހުގައި ވޯޓު ގުނާ ގޮތަށް ބަދަލެއް ނާދޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވިޔަސް، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ބިލްތަކަށް މަޖިލީހުގައި ވޯޓަށް އެހުމުގައި ގާނޫނުއަސާސީގައި ބުނާ ގާނޫނީ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރުން ވަކިވިޔަސް ވޯޓު ގުނާ ގޮތަށް ބަދަލެއް ނާދޭ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

19 ޑިސެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވިޔަސް، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ބިލްތަކަށް މަޖިލީހުގައި ވޯޓަށް އެހުމުގައި ގާނޫނުއަސާސީގައި ބުނާ ގާނޫނީ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމަކަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގަ އެވެ. އެ އަދަދަށް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ނެތުމުން، މިދިޔަ ހޮނިހިރު ދުވަހުގެ ޖަލްސާގައި ބޮޑެތި ބިލްތަކަކަށް ވޯޓަށް ނާހަ އެވެ.

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން، 2014 ގައި މަޖިލީހަށް އިންތިހާބު ކުރީ 85 މެމްބަރުންނެވެ. އެހެންކަމުން ގާނޫނުއަސާސީގައި ބުނާ އަދަދަކީ 43 މެމްބަރުންނެވެ.

ނަމަވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގައި ކުރިން އުޅުއްވި ހަ މެމްބަރަކު ވަނީ ސަރުކާރަށް ވަޑައިގަތުމަށް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މަޖިލީހަށް އިންތިހާބު ކުރި 85 މެމްބަރުންގެ ތެރެއިން ހަ މެމްބަރަކު މަޖިލީހުން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގައި މިހާރު ތިއްބެވީ 79 މެމްބަރުންނެވެ.

އެހެންވެ، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ ކަންކަމަށް ވޯޓަށް އެހުމުގައި ބަލާނީ 79 މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށް ބެލެވުނެވެ.

ނަމަވެސް، މަޖިލީހުގެ އަމީން އާންމު ނިއުޝާ ވިދާޅުވީ މެމްބަރުން އިސްތިއުފާ ދެއްވައި، މަގާމުން ވަކިވެވަޑައިގަތަސް، މަޖިލީހުގެ ޖުމްލަ އަދަދަކީ އަބަދުވެސް 85 ކަމަށެވެ. އަދި ދެބައިކުޅަ އެއްބައި ގުނުމުގައި އަބަދުވެސް ބަލާނީ މަޖިލީހުގެ ޖުމްލަ އަދަދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ކަންކަން ފާސްކުރަން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނީ 43 މެމްބަރުން ތިއްބަވައިގެން ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ނިއުޝާ އެގޮތަށް ވިދާޅުވިޔަސް، މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތުގެ ދަށުގައި ގާނޫނުއަސާސީގައި ބުނާ އަދަދު ނެތަސް "ޒަރޫރީ ހާލަތްތަކުގައި" އެއަށް ވުރެ މަދުން މެމްބަރުން ތިއްބަވައިގެން ކަންކަމަށް ވޯޓަށް އެހޭ ގޮތަށް މަޖިލީހުން ފާސްކޮށްފައިވެ އެވެ. އަދި އެގޮތަށް ފާސްކޮށްގެން ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ވެސް ނަގާފައި އެބަހުއްޓެވެ.

ގާނޫނުއަސާސީގައި ބުނާ އަދަދު ނެތިގެން، މިިދިޔަ ހޮނިހިރު ދުވަހު ވޯޓަށް ނޭހުނު ބިލްތަކުގެ ތެރޭގައި ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ބިލެއް ހިމެނެ އެވެ. މަޖިލީހުގައި އެވަގުތު ހާޒިރުވެ ތިއްބެވީ 39 މެމްބަރުންނެވެ.

ފަހު ދައުރުގެ ޖަލްސާތަކަށް ފަހު، މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވި އިރު، ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް ފާސްކޮށްފައި ވެސް އެބަހުއްޓެވެ. އެހެންވެ، ފަހު ދައުރަކީ މަޖިލީހުގައި މި އަހަރުގެ ތެރޭގައި އެންމެ ގިނަ ބިލްތަކެއް އަދި މަސައްކަތްތަކެއް ވެސް ކުރި ދައުރެވެ. އަދި މެމްބަރުން ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، އާ ދައުރަކަށް މަޖިލިސް ހުޅުވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.