އުމުރުން 65 އަހަރު ވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީގައި ހިމެނި ޝަރުތު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
29 ނޮވެމްބަރ 2018
އުމުރުން 65 އަހަރު ވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީގައި ހިމެނި ޝަރުތު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ބޭފުޅުންނަށް އަމާޒުކޮށް، 2015 ގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) އަށް 65 އަހަރުގެ ޝަރުތު ހިމެނީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ހުށައެޅުއްވުމަކަށެވެ. މި ޝަރުތުގެ އިތުރުން 30 އަހަރު ވުމުން ރައީސް ކަމަށް ކުރިމަތިލެވޭނެ ގޮތަށް ވެސް ހެދި އެވެ. ކުރިން ގާނޫނުއަސާސީގައި އޮންނަ ގޮތުން ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ މީހުންނަށެވެ. ދޮށީވެގެން ވަކި އުމުރެއް ކަނޑައަޅާފައެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އެންމެ އަރިސް ވާގިވެރިޔަކަށް އޭރު ހުންނެވި ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބު އަޑީގައި ހުންނަވައިގެން ގެނައި އެ ބަދަލު މިރޭ ބާތިލްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ މިހާރު ތިއްބެވި 79 މެމްބަރުންގެ ތެރެއިން މަދުވެގެން 64 މެމްބަރުންގެ ވޯޓެވެ.
އާ ގާނޫނުއަސާސީ އައި ފަހުން ބޭއްވި ފުރަތަމަ ދެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ގާސިމަށް ކުރިމަތިކުރި ހުރަސް އެންމެ ފަހުން ބާތިލް މިކުރީ އެމަނިކުފާނު، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނަވަ އެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެއް ސަބަބަކީ، އިންތިހާބުގައި ވާދަނުކުރެއްވިޔަސް، ގާސިމެވެ.
ރައީސް ކަމަށް ކުރިމަތި ލެވޭނީ 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އަށް ބަދަލު ގެނައީ، ޔާމީންގެ ވެރިކަމުގައި ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އިރުގަ އެވެ. އެކަން ކުރިން އޮތް ގޮތަށް ބަދަލުކުރަން ހުށައެޅީ ވެސް ޕީޕީއެމުންނެވެ.
އުމުރު 30 އަހަރަށް ހަގުކުރީ އޭރު 35 އަހަރު ނުވާ އަދީބު، ނައިބު ރައީސްގެ މަގާމަށް ގެނައުމުގެ ބޭނުމުގަ އެވެ. އޭރު ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ތިއްބެވީ އަދީބުގެ ދަށުވެފަ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އާދެވެނީ އެންމެ ހަގުވެގެން 35 އަހަރު ވުމުންނެވެ. ބައެއް ގައުމުތަކުގައި އެންމެ ހަގު އުމުރު 40 އަހަރަށް ވެސް ހަދާފައި އެބަ ހުއްޓެވެ. އުމުރު ދޮށީވެގެން އެ މަގާމަށް ނާދެވޭނެ ހުރަހެއް ގިނަ ގައުމުތަކުގައި ނެތެވެ.
މެމްބަރުން ވަކިވިޔަސް ވޯޓު ގުނާ ގޮތަށް ބަދަލެއް ނާދޭ
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
މެމްބަރުން ގަޑި އަށް ހާޒިރުނުވާ މައްސަލަ ކޮމިޓީ އަށް
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
މަޖިލިސް މިހާރު އޮތީ ހާމަކަން ބޮޑު ގޮތަކަށް: ގާސިމް
ބިން މިލްކުކުރެވޭ އިސްލާހު އުވާލަން ފާސްކޮށްފި
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
މެންބަރުން އިތުރުނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި