Roadha Mihaaru
ގަތަރުގެ މައްސަލައިގައި ޝާހިދާ ބުދަ ދުވަހު ސުވާލުކުރަނީ

ގަތަރުގެ މައްސަލައިގައި ޝާހިދާ ބުދަ ދުވަހު ސުވާލުކުރަނީ

25 ޖުލައި 2019

ރާއްޖެ އާއި ގަތަރުގެ ގުޅުން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި ގަތަރުގެ ގުޅުން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ތިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންގެ ބައެއް ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށް އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ޝާހިދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ.

މަޖިލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު ފާތުމަތު ނިއުޝާ މިއަދު ވިދާޅުވީ، ވަޒީރުން މަޖިލިހަށް ހާޒިރުވެވަޑައިނުގެންނެވުނީ ރަށުގައި ނޫޅުއްވާތީ ކަމަށެވެ. އަދި މިނިސްޓަރުން ރަށުގައި އުޅުއްވާ ތާރީޚެއް ބަލާފައި ސުވާލުތައް އެޖެންޑާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯޓިސް ހަމަވެފައި ތިން ސުވާލެއް އޮތް އިރު، ނޯޓިސްގެ މުއްދަތު ހަމަ ނުވަނީ ހަތަރު ސުވާލެކެވެ.

ޖާބިރު ހުށަހެޅުއްވި ސުވާލުގައި ވަނީ ގަތަރާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ބެލުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެ ގައުމަށް ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ކޮށް ގަތަރު އެކަހެރިކޮށްލުމާ އެކު އެވެ. އެކަމަކު، ރާއްޖެ އާއި ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެކެވެ.

މި ސަރުކާރު ވެރިކަމަށް އައުމާ އެކު، ފޮރިން މިނިސްޓަރު ޝާހިދު ބޭއްވެވި ފުރަތަމަ ޕްރެސް ބްރީފިންގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު ގުޅުން ގާއިމްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެކަމަކު، މިހާ ދުވަސްވީއިރު ވެސް އެ ގުޅުން އަލުން ގާއިމް ނުކުރެވުނު ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.