Roadha Mihaaru
ގަތަރާއި ބިގްގެ މައްސަލާގައި ދެ ވަޒީރަކު މަޖިލިހަށް

ގަތަރާއި ބިގްގެ މައްސަލައިގައި ދެ ވަޒީރަކާ މަޖިލިހުގައި ސުވާލު ކުރަނީ

02 ޖޫން 2019

މުހިންމު ދެ މައްސަލައެއްގައި ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މުހިންމު ދެ މައްސަލައެއްގައި ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ ބުދަ ދުވަހު ޖާބިރު ފޮނުއްވި ސިޓީއެއްގައި ފޮރިން މިނިސްޓަރު ޝާހިދާ ސުވާލު ކުރަން އެދިވަޑައިގެންފައި ވަނީ ގަތަރާއި ރާއްޖެއާ އޮތް ގުޅުމާ ގުޅޭގޮތުންނެވެ. އެގޮތުން އެ ގައުމާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ އާއި އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ސުވާލު ކުރައްވަން ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެ ގައުމަށް ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ކޮށް ގަތަރު އެކަހެރިކޮށްލުމާ އެކު އެވެ. އެކަމަކު، ރާއްޖެ އާއި ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެކެވެ.

އަދި މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފޮރިން މިނިސްޓަރު ޝާހިދު ބޭއްވެވި ފުރަތަމަ ޕްރެސް ބްރީފިންގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު ގުޅުން ގާއިމްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެކަމަކު، މިހާ ދުވަސްވީއިރު ވެސް އެ ގުޅުން އަލުން ގާއިމް ނުކުރެވުނު ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ބަންޑާރަ ނައިބާ ސުވާލު ކުރަން ޖާބިރު އެދިވަޑައިގެންފައި ވަނީ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް، ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން ބިގަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން އިސްތިއުނާފް ކޮށްފައިވޭތޯ އާއި އެ ކުންފުންޏަށް ފައިސާ ދިނުމަށް އެއްވެސް ފަރާތަކަށް ލަފާ ދެއްވާފައިވޭތޯ ސާފުކޮށްދިނުމަށް ޖާބިރު އެދިވަޑައިގެންފައިވެ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ދެ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށްދޭން ވަނީ އެދިވަޑައިގެންފަ.--- ފޮޓޯ: މިހާރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. ދެ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށްދޭން ވަނީ އެދިވަޑައިގެންފަ.--- ފޮޓޯ: މިހާރު

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބިގަށް ފައިސާ ދިނީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިގާ އެކު ވެފައި އޮތް އެއްބަސްވުމަކާ ގުޅިގެންނެވެ.

ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްޑީޕީގެ ސަރުކާރުން އުފެއްދި އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އޭގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.

ޖާބިރު ވަނީ ގަރާރަކާއި ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ފޮނުއްވައިފަ އެވެ. އެއީ، ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ދާތީ ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ގަރާރެކެވެ. ސަބަބެއް ކަމަށް ޖާބިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ބެންކުތަކުން ފައިނޭންސް ލިބުމަށް ހުރި ދަތިތަކެވެ.

އެހެންކަމުން ގެސްޓް ހައުސްގެ ވިޔަފާރި ކުރުމަށް ދިވެހިންނަށް ފަސޭހައިން އިންވެސްޓްމަންޓް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ޖާބިރު އެދިވަޑައިގެންފައިވެ އެވެ.

ކުއްލި މައްސަލަ ޖާބިރު ހުށަހަޅުއްވާފައި ވަނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް ބާރު އެޅުމަށެވެ. އެގޮތުން، ލިބުނު ގެއްލުންތަކުގެ ތަފްސީލު ބަލައި އެކަންކަން ވީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް ބާރުއެޅުމަށް ޖާބިރު އެދިވަޑައިގަތެވެ.