Roadha Mihaaru
ސްނައިޕަރު މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރު

ސްނައިޕަރު ގެނައި މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި

22 ސެޕްޓެމްބަރ 2016

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕަރު ޝޫޓަރެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕަރު ޝޫޓަރެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ރާވައި، ސްނައިޕަރު ޝޫޓަރެއް ކަމަށް ބުނާ ސްރީ ލަންކާގެ ލަހިރު މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ ދައުވާ ކުރަނީ އަދީބާއި މަޑިޝަންކަރާއި މ. ލިލީޕާކް ފަޒީލް ހަމީދާއި ގ. އޮއިވާލި އިސްހާގު ހުސައިނާއި މައްޗަށެވެ. އެ މީހުންނަށް ކުރަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރުކުރީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައި ވަނިކޮށެވެ. އަޑުއެހުން ސިއްރުކުރި ސަބަބު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ގައުމީ ސަލާމަތަށްޓަކައި ނުވަތަ އިންސާފު ގާއިމް ކުރުމަށްޓަކައި ޝަރީއަތެއް ނުވަތަ ޝަރީއަތަކުން ބައެއް ސިއްރުކޮށްގެން ގެންދިއުމުގެ ބާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް އޮންނާނެ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ދެ ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ. ހެކިބަސް ނަގަނީ ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެންނެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ސްނައިޕަރު ޝޫޓަރެއް ގެނައި ކަމަށް ބުނެ އަދީބަށް ދައުވާ ކުރާއިރު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި، ރައީސް އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އަދީބުގެ މައްޗަށް ކުށް ސާބިތުވެ، ވަނީ ޖަލު ހުކުމެއް އައިސްފަ އެވެ. އިތުރު ދެ މައްސަލައަކާ އެކު ޖުމްލަ 33 އަހަރުގެ ހުކުމެއް އަދީބަށް އައިސްފައިވާއިރު އިތުރު ގިނަ މައްސަލަތަކެއް ވެސް އޭނާއާ ދެކޮޅަށް ދަނީ ހިނގަމުންނެވެ.