Roadha Mihaaru
"ޝޯލޭ" ގެ ކާލިއާ މަރުވެއްޖެ

"ޝޯލޭ" ގައި ކާލިއާގެ ކެރެކްޓާ ކުޅުނު ވިޖޭ ޚޯޓޭ މަރުވެއްޖެ

30 ސެޕްޓެމްބަރ 2019

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ޝޯލޭ" ގައި ކާލިއާގެ ކެރެކްޓާ ކުޅުނު އެކްޓަރު ވިޖޭ ޚޯޓޭ މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ޝޯލޭ" ގައި ކާލިއާގެ ކެރެކްޓާ ކުޅުނު އެކްޓަރު ވިޖޭ ޚޯޓޭ މިއަދު މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި އުމުރުން 77 އަހަރުގެ އެކްޓަރު މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް ފެއިލްވެގެން މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ.

ވިޖޭގެ މަރުގެ ޚަބަރާ އެކު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އާއިލާ އަށް ތައުޒިޔާ ކިޔައި ޓްވީޓްކޮށްފައިވެ އެވެ. އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގައި މަސައްކަތްކޮށްފައިވާ ބަތަލާ ޝުބާ ޙޯޓޭ، 79، ގެ ކޮއްކޮގެ ޖަނާޒާ މިއަދު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަމީތާބް ބައްޗަން އާއި ދަރުމެންދުރާ ލީޑް ރޯލް ކުޅުނު 1975 ގެ ފިލްމު "ޝޯލޭ" ގައި އަމްޖަދު ޚާން ކުޅުނު ނުބައިބައި ރޯލް ގައްބަރު ސިންގް އަށް ވާގިދޭ ޑާކޫ ގްރޫޕްގެ މެމްބަރެއްގެ ގޮތުގައި ވިޖޭ ފެނިގެން ދިޔަ ކާލިއާގެ ކެރެކްޓާއަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ކެރެކްޓާއެކެވެ.

ތިން ސަތޭކައެއްހާ ފިލްމު ކުޅެފައިވާ އެކްޓަރުގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "އަންދާޒް އަޕްނާ އަޕްނާ"، "ގުރުބާނީ، "ކަރްޒް" އަދި "ގަޔާމަތު ސޭ ގަޔާމަތު ތަކް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. ވިޖޭ ކުޅުނު ސިލްސިލާތަކުގެ ތެރެއިން "ޒަބާން ސަބާލްކޭ" އަކީ ވަރަށް މަޝްހޫރުވޮ ސިލްސިލާއެކެވެ.

ވިޖޭ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ "ޖާނޭ ކިޔު ދޭ ޔާރޯ" އެވެ.