Roadha Mihaaru
އަމީތާބަށް އެއްވެސް ކަމެއް ސިއްރު ނުކުރަން: ޖަޔާ

އަމީތާބަކީ ބެސްޓްފްރެންޑް، އެއްވެސް ކަމެއް ސިއްރު ނުކުރަން: ޖަޔާ

05 އެޕްރީލް 2024

އަމީތާބް ބައްޗަން އަކީ ބެސްޓްފްރެންޑް ކަމަށާއި އަމީތާބް އަށް އެއްވެސް ކަމެއް ސިއްރު ނުކުރާ ކަމަށް އޭނާގެ އަންހެނުން ޖަޔާ ބައްޗަން ބުނެފި އެވެ.

އަމީތާބް ބައްޗަން އަކީ ބެސްޓްފްރެންޑް ކަމަށާއި އަމީތާބް އަށް އެއްވެސް ކަމެއް ސިއްރު ނުކުރާ ކަމަށް އޭނާގެ އަންހެނުން ޖަޔާ ބައްޗަން ބުނެފި އެވެ.

ފިލްމީ ދާއިރާއާ ދުރުގައި މިހާރު ސިޔާސީ މަސައްކަތްތަކުގައި އުޅެމުން އަންނަ ޖަޔާ އެހެން ބުނީ އޭނާގެ މާމަ ދަރިފުޅު ނަވްޔާ ނަންދާގެ ވޮޑްކާސްޓް "ވަޓް ދަ ހެލް ނަވްޔާ"ގައި ވާހަކަދައްކަމުންނެވެ. މި ހަފުތާގައި ގެނެސްދިން އެޕިސޯޑުގެ މެހުމާނުންނަކީ ޖަޔާ އާއި ޖަޔާގެ ދޮށީ ދަރިފުޅު އަދި ނަވްޔާގެ މަންމަ ޝްވެތާ ބައްޗަން ނަންދާ އެވެ.

އެ އެޕިސޯޑުގައި ނަވްޔާ ވަނީ ޖަޔާގެ ބެސްޓްފްރެންޑަކީ ކާކުތޯ އަހައިފަ އެވެ.

"އަހަރެންގެ ބެސްޓްފްރެންޑަކީ ފިރިމީހާ. އޭނާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ ގުޅުމެއްގައި ވެސް ތެދުވެރިކަން އޮންނަން ވާނެ. އަމިއްލަ ހިޔާލު ފާޅުކުރަން ބިރުގަނެގެން ނުވާނެ، އެއީ އޭނާ ގަބޫލުކުރާ ވިސްނުމަކަށް ނުވިޔަސް. ދެން އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ނަވްޔާ، އަދި ނަވްޔާ އަހަންނާ ހުރިހާ ވާހަކަތަކެއް ހިއްސާ ނުކުރިޔަސް،" ޖަޔާ ބުންޏެވެ.

އެކަމަކު ޖަޔާ ބުނި ގޮތުގައި، ދިރިއުޅުމުގައި އާއިލާގެ ބޭރުން ވެސް ހިތްވަރުދޭނެ ބަޔަކު ތިބުން ވަރަށް މުހިންމެވެ. އެގޮތަށް އޭނާގެ ވެސް ވަރަށް ގާތް ރައްޓެހިން ތިބެ އެވެ. އެއީ ކޮލެޖް ދުވަސްވަރު އޭނާ އަށް ލިބުނު ރައްޓެހިން ކަމަށާއި އޭނާގެ "ސަޕޯޓް ސިސްޓަމަކީ" އެމީހުންނެވެ.

ނަވްޔާ ބުނީ ޖަޔާ އޭނާގެ ރައްޓެހިންނާ އެކު އޮންނަ ގުޅުން ފެނިފައި ވަރަށް ހައިރާންވާ ކަމަށެވެ. އެއީ އެމީހުން ޖަޔާއާ ދިމާލަށް އެއްވެސް ފަސްޖެހުމެއް ނެތި ކޮންމެ އެއްޗެއް ވެސް ބުނެލާތީ ކަމަށާއި އެއީ އާއިލާގެ އެއްވެސް މީހަކަށް ދުވަހަކު ވެސް ކުރަން ނުކެރޭ ވަރުގެ ކަމަކަށް ވާތީ ކަމަށް ނަވްޔާ ބުންޏެވެ.

އެ އެޕިސޯޑުގައި ވާހަކަދައްކަމުން ނަވްޔާގެ މަންމަ ޝުވެތާ ބުނީ މި ޖީލުގެ ކުދިން ރަހުމަތްތެރިކަމުގެ ގުޅުމަށް އެއްވެސް ކަހަލަ އިހުތިރާމެއް ނުކުރާ ކަމަށާއި ރައްޓެހިންނަށް ވަފާތެރިވުމެއް ވެސް ނޯންނަ ކަމަށެވެ.

"މިހާރުގެ ކުދިން ވަރަށް އަވަސްއަވަހަށް އާ ރައްޓެހިން ހޯދާނެ، ހަމަ އެހާ އަވަހަށް އެ ގުޅުން ހީނަރު ވެސް ވޭ. އެ ގުޅުމަށް ވަރަށް ގަދަރު ކުޑަކުރޭ،" އޭނާ ބުންޏެވެ.

ޝުވެތާ ބުނި ގޮތުގައި، އޭނާގެ ސްކޫލް ދުވަސްވަރުގައި އަބަދުވެސް ބެލީ އެންމެ މޮޅު އަދި "ގައްޑާކޮށް" އުޅުނު ކުދިންނާ ރަހުމަތްތެރިކަން ބޭއްވޭތޯ އެވެ. އެކަމަކު މިހާރު އެ ހިޔާލު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. މިހާރު އޭނާ އެކުވެރިކަން ބާއްވަން ބޭނުންވަނީ އޭނާ ކަހަލަ އަޒުމް ވަރުގަދަ މީހުންނާ އެވެ. އަދި ދިރިއުޅުމުގެ ކަންކަމުގައި ރަނގަޅު ގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރުދޭނެ އެކުވެރިންނެވެ.