Roadha Mihaaru
މީދޫ ޝަމްސުއްދީން ސްކޫލް ބަންދުކުރާތީ ކަންބޮޑުވުން

މީދޫ ޝަމްސުއްދީން ސްކޫލް ބަންދުކުރާތީ ކަންބޮޑުވުން ފާޅުކުރަނީ

29 ސެޕްޓެމްބަރ 2019

އައްޑޫ މީދޫގައި ހިންގާ ޝަމްސުއްދީން ސްކޫލް އުވާލައި އެތަނުގައި ކިޔަވާ ކުދިން ހުޅުދޫގައި ހުންނަ ސ. އަތޮޅު މަދަރުސާ އަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމާ މީދޫގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ މީދޫގައި ހިންގާ ޝަމްސުއްދީން ސްކޫލް އުވާލައި އެތަނުގައި ކިޔަވާ ކުދިން ހުޅުދޫގައި ހުންނަ ސ. އަތޮޅު މަދަރުސާ އަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމާ މީދޫގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މި މައްސަލައިގައި ދެކޮޅަށް އަޑުއުފަލަމުން އަންނަ ބައެއް މީހުން ބުނީ ކިޔަވާ ކުދިންގެ އަދަދު މަދު ކަމަށް ބުނެ ޝަމްސުއްދީން ސްކޫލް ބަންދުކުރުމަކީ އެ މީހުން ރުހޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ނިންމުން ބަދަކުރަން ސަރުކާރަށް ގެންދަނީ ގޮވާލަމުންނެވެ.

ނާސަރީން ފެށިގެން ގްރޭޑް ހަޔަކާ ހަމައަށް ހިންގާ ޝަމްސުއްދީން ސްކޫލްގައި މި ވަގުތު 210 ދަރިވަރުން ކިޔަވަމުން ދެ އެވެ. އަދި އަތޮޅު މަދަރުސާ މިހާރު ކިޔަވައިދެނީ ގްރޭޑް 7-10 އަށެވެ.

ރާއްޖޭގެ އެންމެ ދުވަސް ވީ އެއް ސްކޫލް ކަމަށްވާ 75 އަހަރުގެ ޝަމްސުއްދީން ސްކޫލް ބަންދުކުރަނީ އައްޑޫގެ ބައެއް ސްކޫލްތައް ހިންގަން ގެންނަ ބަދަލުތަކުގެ ތެރޭގަ އެވެ. އެ ބަދަލުތަކާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ވެސް ކޮށްފަ އެވެ.

އެ މަޝްވަރާތަކާ ބެހޭ ގޮތުން ކައުންސިލުން ބުނީ ހުޅުދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލަށް ބަދަލު ގެންނަނީ "ފޭސް އިން އަދި ފޭސް އައުޓް" ސިޔާސަތުގެ ދަށުން ކަމަށެވެ. އެގޮތުން ފޭސް އިންގެ ބައިގައި ހިމެނޭ ސްކޫލްތަކުގެ އުމުރާނީ ވަސީލަތްތައް ތަރައްގީކޮށް، ޖާގަ ބޮޑުކޮށް، އިތުރު ކުދިން ވައްދަ އެވެ. ފޭސް އައުޓް ކުރާ ސްކޫލްތައް ބަދަލުކުރަނީ، ތައުލީމީ އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށެވެ.

މި ސިޔާސަތުގެ ދަށުން ހުޅުދޫ އަތޮޅު މަދުރަސާގައި އިތުރު ހަ ކުލާސްރޫމް ހިމެނޭ ގޮތަށް ދެ ބުރީގެ އިމާރާތެއް އަޅަން ނިންމައި ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށް، އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލާދީ ކައުންސިލުން ބުނެފައިވެ އެވެ.

ޝަމްސުއްދީން ސްކޫލްގައި ގްރޭޑް ތައުލީމު ދިނުން ހުއްޓާލިޔަސް، ތައުލީމީ އެހެން ކަމެއްގައި ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ.

މަރަދޫފޭދޫ ސްކޫލާއި މަރަދޫ އިރުޝާދިއްޔާ ސްކޫލަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވެ އެވެ. އެކަމަކު އެ ބަދަލާ މެދު ކަންބޮޑުވުންތަކެއް ހުރުމުން އިތުރަށް މަޝްވަރާ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގެ ބައެއް ސްކޫލްތަކަށް މީގެ ކުރިން ވެސް މިފަދަ ބަދަލުތައް ގެނެސްފައިވެ އެވެ.

ހިތަދޫގައި ކުރިން ހިންގި މުހިއްބުއްދީން (ސަދަން ސެކަންޑަރީ) ސްކޫލާއި އަތޮޅު ތައުލީމީ މަރުކަޒު އެއްކޮށްލައި، އެ ދެ ސްކޫލް މިހާރު ހިންގަނީ ޝަރަފުއްދީން ސްކޫލްގަ ނަމުގަ އެވެ.