Roadha Mihaaru
އެވޯޑް ދިނުމުގައި މަކަރެއް ނޯންނާނެ: ފީފާ

އެވޯޑް ދިނުމުގައި މަކަރެއް ނޯންނާނެ: ފީފާ

28 ސެޕްޓެމްބަރ 2019

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 28) - ފީފާ އިން ދޭ ބެސްޓް އެވޯޑްސްގައި މަކަރެއް ހަދައިގެން ކަމެއް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެ ފުރުސަތު ނުވެސް ދޭނެ ކަމަށް އެ ފެޑެރޭޝަނުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 28) - ފީފާ އިން ދޭ ބެސްޓް އެވޯޑްސްގައި މަކަރެއް ހަދައިގެން ކަމެއް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެ ފުރުސަތު ނުވެސް ދޭނެ ކަމަށް އެ ފެޑެރޭޝަނުން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ފީފާ ބެސްޓް އެވޯޑްސް އިން ހޮވި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށެވެ. ދެ ވަނަ އަށް ދިޔައީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އަށެވެ. އަދި ތިން ވަނައިގައި ނިންމާލީ މީގެ ކުރިން އެ އެވޯޑް ހާސިލްކޮށްފައިވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފީފާ އެވޯޑް ލިބޭ ކުޅުންތެރިން ހޮވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ސަޕޯޓަރުން އަދި ނޫސްވެރިންގެ ވޯޓުން ކޮންމެ ބަޔެއްގެ 25 އިން ސައްތަ ނަގާ ގޮތަށެވެ.

ފީފާ އެވޯޑްގައި އޮޅުވާލުންތަކެއް އެބަހުރި ކަމަށް ބުނެ ބައެއް ގައުމުތަކުގެ ކޯޗުންނާއި ކެޕްޓަނުން އަންނަނީ މީޑިއާ އަށް މައުލޫމާތު ދެމުންނެވެ. ފީފާ އިން ބުނީ އެ ގޮތަށް އެ ކަންތައްތައް ކުރާތީ ހިތާމަ ކުރާ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ކަމެއް ނޫން ކަމަށެވެ.

"އެވޯޑްގެ އިންސާފުވެރިކަމާ މެދު މީޑިއާގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކާތީ ހިތާމަކުރަން. އެ ވާހަކަތަކުގައި ހަގީގަތެއް ނެތް. ފީފާގެ އެވޯޑް ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް މޮނިޓާ ކުރުމަށް ފަހު އޮބްޒާވްކުރެވިގެން،" ފީފާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ފެޑެރޭޝަނުން ބުނީ އޮޅުވާލައިގެން ކަމެއް ކުރެވޭނެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށާއި ވޯޓު ލުމުގެ ކަންތައްތައް އިލެކްޓްރޯނިކަލީ އަދި ހާޑް ކޮޕީއާ އެކު ވެސް ކުރެވޭ ކަމަށެވެ. އަދި ޒިންމާވާ ފަރާތެއް ކޮންމެ އެސޯސިއޭޝަނަކުން ސޮއި ވެސް ކުރަންޖެހޭނެ ކަމަށް ބުންޏެވެ.

"މެމްބަރު އެސޯސިއޭޝަނުގެ ތަތްގަނޑު ނުޖަހައި ސޮއިނުކޮށް އޮންނަ ވޯޓެއްގެ ސައްހަ ކަމެއް ނެތް. އެހެންވީމަ އޮންނަ އުސޫލުގެ ތެރެއން މިންގަނޑު ތަކެއް ކަނޑައަޅައިގެން ކުރެވޭ ކަމެއްގައި އޮޅުވައެއް ނުލެވޭނެ،" ފީފާގެ ބަޔާނުގައިވެ އެވެ.

ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. ބެސްޓް އެވޯޑްސް ދޭން ފެށި ފަހުން އެ އެވޯޑް ހާސިލްކުރީ ރޮނާލްޑޯ އާއި މޮޑްރިޗް އަދި މެސީ އެވެ.