Roadha Mihaaru
މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުން ތިބީ ޗެލްސީގައި

މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުން ތިބީ ޗެލްސީގައި

18 ޖެނުއަރީ 2022

ޒިޔުރިކް (ޖެނުއަރީ 18) - ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުންގެ އެވޯޑް ޗެލްސީގެ ފިރިހެން ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އާއި، އަހްނެން ޓީމުގެ ކޯޗު އެމާ ހޭޒް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޒިޔުރިކް (ޖެނުއަރީ 18) - ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުންގެ އެވޯޑް ޗެލްސީގެ ފިރިހެން ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އާއި، އަހްނެން ޓީމުގެ ކޯޗު އެމާ ހޭޒް ހޯދައިފި އެވެ.

މިއީ 2016 ވަނަ އަހަރު ފީފާއިން "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ނަމުގައި ދޭން ފެށި އެންމެ މޮޅު ކޯޗުގެ މަގާމު، ފިރިހެން އަދި އަންހެން ކެޓަގަރީން ވެސް އެއް ޓީމަކަށް ނިސްބަތްވާ ދެ ކޯޗުންނަށް ލިބުނު ފުރަތަމަ ފަހަރެވެ.

ޓުޗެލް، 48 ޗެލްސީއާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެޓީމުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑް މަގާމުން ވަކިކޮށް، ޓީމުގެ ނަތީޖާ ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭނާ ޗެލްސީއާ ހަވާލުވި އިރު އެޓީމު އޮތީ ލީގު ޓޭބަލްގެ ނުވަވަނައިގަ އެވެ.

ޓީމާ އެކު ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މެޗު ނިންމާލީ ޕްރިމިއާ ލީގު ރެކޯޑަކާ އެކު އެވެ. ވުލްވްސްއާ ދެކޮޅަށް ކުޅުުނު އެ މެޗުގައި ޗެލްސީ 78.9 ޕަސެންޓް ބޯޅަ ގެންގުޅެފައިވާއިރު 820 ޕާސް ފުރިހަމަ ކުރި އެވެ. މިއީ ލީގުގައި ކޯޗެއްގެ ފުރަތަމަ މެޗެއްގައި ރެކޯޑް އަދަދު ތަކެކެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ އަދި ރެއާލް މެޑްރިޑް ބަލިކޮށް، ފައިނަލުގައި މެންޗެސްޓާ ސިޓީ ވެސް ބަލިކޮށް ޓުޗެލް ވަނީ ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. މީގެ އިތުރުން ޓުޗެލް ވަނީ މެންޗެސްޓާ ސިޓީ ކަޓުވާލާފައި އެފްއޭ ކަޕް ފައިނަލުން ވެސް ޗެލްސީއަށް ޖާގަ ހޯދައިދީފަ އެވެ.

މި ސީޒަނުގައި ޗެލްސީ އަށް ޔޫއެފާ ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްދިން ކޯޗު ޓުޗެލްއާ އެކު ޗެލްސީން ސީޒަނުގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ގޯދަމުން އައި ނަމަވެސް ފަހުން ކޮވިޑާއި އިންޖަރީގެ މައްސަލަތަކާހުރެ ޓީމުގެ ނަތީޖާ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެޓީމު މޮޅުވި މެޗަށް ފަހު ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، މޮޅުވީ ވެސް އެންމެ ދެ މެޗުންނެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޗެލްސީގެ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަން ކުރަމުން އަންނަ އެމާ ހޭޒް، 45، ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ވިމެންސް ސުޕަ ލީގާއި، އެފްއޭ ކަޕް އަދި ލީގު ކަޕް ވެސް ކާމިޔާބު ކޮށްދީފަ އެވެ. އަދި ހޭޒް ވަނީ ފުރަތަމަ ފަހަރަށް އެ ޓީމު ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދީފަ އެވެ.

މި ސީޒަނުގައި ޗެލްސީން ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރއިން ހަތް މެޗުން މޮޅުވެފައިވާއިރު މި ވަގުތު އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ޗެލްސީ ކެޓީ ހެޑް ޓު ހެޑް ގޯލްގެ ތަފާތުންނެވެ. ޗެލްސީ ވާދަކުރި ގުރޫޕުގެ އެއްވަނަ އަދި ދެވަނައަށް ދިޔަ ވުލްވްސްބާގާއި ޔުވެންޓަސް އަށް ވެސް 11 ޕޮއިންޓް ލިބުމުން ޓައި ބްރޭކާ އަކަށް ބެލީ މި ތިން ޓީމު ކުޅެފައިވާ މެޗުތަކުގެ ނަތީޖާއަށެވެ.