Roadha Mihaaru
ފީފާ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިން އިއުލާން ކޮށްފި

ދަ ބެސްޓް ފީފާ ފުޓުބޯޅަ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިން އިއުލާން ކޮށްފި

08 ޖެނުއަރީ 2022

ޒިއުރިކް (ޖެނުއަރީ 8) - ފީފާ ދަ ބެސްޓް އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފައިނަލް ތިން ކުޅުންތެރިންގެ ތެރޭގައި ރޮބާޓް ލެވަންޑޯސްކީ، ލިއޮނެލް މެސީ އަދި މުހައްމަދު ސަލާހު ހިމެނިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޒިއުރިކް (ޖެނުއަރީ 8) - ފީފާ ދަ ބެސްޓް އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފައިނަލް ތިން ކުޅުންތެރިންގެ ތެރޭގައި ރޮބާޓް ލެވަންޑޯސްކީ، ލިއޮނެލް މެސީ އަދި މުހައްމަދު ސަލާހު ހިމެނިއްޖެ އެވެ.

މިދިޔަ އަހަރު ބޭއްވި އެވޯޑްސްގައި 2020 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަރުމަންގެ ބެޔާން މިއުނިކަށް ކުޅޭ ޕޮލެންޑުގެ ތަރި ލެވަންޑޯސްކީ އެވެ. އަދި މެސީ ވަނީ އޭގެ ކުރީ އަހަރު މި އެވޯޑް ހޯދައިފަ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާ އަށް ފްރާންސް ފުޓްބޯލް އިން ދޭ ބަލޮންޑިއޯ އެވޯޑް މިދިޔަ ނޮވެމްބަރު މަހު މެސީ ވަނީ ހޯދައިފަ އެވެ. ބަލޮންޑިއޯގައި ލެވަންޑޯސްކީ އަށް ލިބުނީ ދެވަނަ އެވެ. ތިންވަނައަށް ދިޔައީ ޗެލްސީއަށް ކުޅޭ އިޓަލީގެ ޖޯޖީނިއޯ އެވެ. އަދި ސަލާހު އަށް ބަލޮންޑިއޯގައި ލިބުނީ ހަތްވަނަ އެވެ.

މެސީ އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ އުފުލާލަނީ.--

މެސީ އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ އުފުލާލަނީ.--

ބާސެލޯނާއާ އެކު ކޮޕަ ޑެލްރޭ ކާމިޔާބުކުރުމުގެ އިތުރުން މެސީ ވަނީ މިދިޔަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާ އެކު ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މެސީ ވަނީ އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ފާއިތުވި ދެތިން އަހަރު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ފުޓުބޯޅަ ސަޕޯޓަރުން ދެކެމުން އަންނަ ލެވަންޑޯސްކީ ވަނީ ބެޔާންއާ އެކު ޖަރުމަންގެ ބުންޑެސްލިގާ ކާމިޔާބު ކުރުމުގެ އިތުރުން، ލަނޑު ޖެހުމުގެ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. އޭނާ ވަނީ ބުންޑެސްލިގާގައި ޖަރުމަންގެ ކުރީގެ ފޯވާޑް ގާޑް މުލާގެ ގިނަ ދުވަސްވީ ދެ ރެކޯޑެއް މުގުރާލައިފަ އެވެ.

މުހައްމަދު ސަލާހަކީ މި ވަގުތު ޕްރިމިއާ ލީގުގައި ހުރި އެންމެ ގޯލާ ރައްޓެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނު 20 މެޗުގައި 25 ގޯލު ޖަހަން ބައިވެރިވެފަ އެވެ.

އެންމެ މޮޅު ގޯލްކީޕަރުންނަށް ވާދަކުރާ ކުޅުންތެރިން. ނޯޔާ (ކ)، ޑޮނަރޫމާ (މ) އަދި އެޑުއާޑް މެންޑީ (ވ).--

އެންމެ މޮޅު ގޯލްކީޕަރުންނަށް ވާދަކުރާ ކުޅުންތެރިން. ނޯޔާ (ކ)، ޑޮނަރޫމާ (މ) އަދި އެޑުއާޑް މެންޑީ (ވ).--

އެންމެ މޮޅު ފިރިހެން ގޯލްކީޕަރުންނަށް ވާދަކުރަނީ އިޓަލީގެ ޖިއާންލުއިޖީ ޑޮނަރޫމާ އާއި ބެޔާން އަށް ކުޅޭ މެނުއަލް ނޯޔާގެ އިތުރުން ޗެލްސީ އަށް ކުޅޭ ސެނެގާލްގެ އެޑުއާޑް މެންޑީ އެވެ.

އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗުންނަށް ވާދަކުރަނީ މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ލީގު ކާމިޔާބު ކޮށްދިން ޕެޕް ގާޑިއޯލާ އާއި އިޓަލީ އަށް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ އަދި، ޗެލްސީ އަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ތޯމަސް ޓުޗެލް އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ކޯޗުން. ޓުޗެލް (ކ)، މަންޗިނީ (މ) އަދި ގާޑިއޯލާ (ވ).--

އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ކޯޗުން. ޓުޗެލް (ކ)، މަންޗިނީ (މ) އަދި ގާޑިއޯލާ (ވ).--

އެންމެ މޮޅު އަންހެން ކުޅުންތެރިންނަށް ވާދަކުރަނީ ޗެލްސީ އަށް ކުޅޭ އޮސްޓްރޭލިއާގެ ފޯވާޑް ސޭމް ކާ އާއި ބާސެލޯނާ އަށް ކުޅޭ އެލެކްސިއާ ޕުޓޭލާސް އާއި ޖެނިފާ ހާމޯސޯ އެވެ. މިދިޔަ އަހަރުގެ އަންހެން ބަލޮންޑިއޯ އެވޯޑް ކާމިޔާބުކުރީ އެލެކްސިއާ ޕުޓޭލާސް އެވެ. ޖެނިފާ ހާމޯސޯ ދެވަނަ ހޯދި އިރު، ތިންވަނަ ހޯދީ ސޭމް ކާ އެވެ.

އެންމެ މޮޅު އަންހެން ގޯލްކީޕަރުންނަށް ވާދަކުރަނީ ޗެލްސީގެ އޭން-ކެޓްރީން ބާގާ އާއި ޕީއެސްޖީ އަށް ކުޅުމަށް ފަހު ލިޔޯން އަށް ބަދަލުވި ކްރިސްޓިއާނީ އެންލާ އަދި ޕީއެސްޖީ އިން ގެނައި ސްޓެފަނީ ލާބޭ އެވެ.

އަންހެން ޓީމުތަކުގެ ތެރެއިން މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުންނަށް ވާދަކުރަނީ ބާސެލޯނާގެ ކޯޗު ލުއިސް ކޯޓެސް އާއި ޗެލްސީގެ އެމާ ހޭޒް، އަދި ނެދަލެންޑްސް އާއި އިނގިރޭސި ގައުމީ ޓީމަށް ކޯޗު ކޮށްދިން ސަރީނާ ވިގްމަން އެވެ.

އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި ތިން ގޯލު ޖެހި ކުޅުންތެރިން: ޝިކް (ކ)، ތަރޭމީ (މ) އަދި ލަމޭލާ (ވ).--

އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި ތިން ގޯލު ޖެހި ކުޅުންތެރިން: ޝިކް (ކ)، ތަރޭމީ (މ) އަދި ލަމޭލާ (ވ).--

މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑަށް ވެސް ވަނީ ތިން ގޯލެއް ނޮމިނޭޓް ކޮށްފަ އެވެ. އޭގެ ތެރޭގައި، މިދިޔަ ސީޒަނުގައި ލީގުގައި އާސެނަލް އަތުން 2-1 އިން ޓޮޓެންހަމް ބަލިވި މެޗުގައި ޓޮޓެންހަމްގެ އާޖެންޓީނާ ވިންގާ އެރިކް ލަމޭލާ ޖެހި ރަބޯނާ ގޯލާއި، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޕޯޓޯގެ އިރާނު ސްޓްރައިކަރު މެހްދީ ތަރޭމީ ޖެހި އޯވާހެޑް ގޯލު ހިމެނެ އެވެ. އަދި މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް، ސެންޓަ ސާކަލް ތެރޭ ހުރެފައި ސްކޮޓްލެންޑް ކޮޅަށް ޖެހި ލަނޑު ވެސް ޕުސްކަސް އެވޯޑަށް ވާދަކުރެ އެވެ.

ލަމެލާގެ ގޯލު މިދިޔަ ޕްރިމިއާ ލީގުގެ ސީޒަންގެ އެންމެ މޮޅު ގޯލަށް ހޮވުނުއިރު، ތަރޭމީގެ ލަނޑަށް ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ގޯލުގެ އެވޯޑް ލިބިފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި ޔޫރޯގެ އެންމެ މޮޅު ގޯލަކަށް ހޮވުނީ ޝިކް ޖެހި ލަނޑެވެ.