Roadha Mihaaru
ސުޕްރީމް ކޯޓުގެ ނިންމުމާ އެކު މެންބަރުން ޕާލަމެންޓަށް

ބޮޑު ވަޒީރުގެ ނިންމުން ގާނޫނާ ޚިލާފު: މެންބަރުން ޕާލަމެންޓަށް

25 ސެޕްޓެމްބަރ 2019

ލަންޑަން (ސެޕްޓެމްބަރު 25) - ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިނގިރޭސި ވިލާތުގެ ޕާލަމެންޓް ސަސްޕެންޑްކުރީ ގާނޫނާ ޚިލާފަށް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމި މުހިންމު ނިންމުމާ އެކު މެންބަރުން މިއަދު ޕާލަމެންޓަށް ނުކުންނަށް ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ސެޕްޓެމްބަރު 25) - ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިނގިރޭސި ވިލާތުގެ ޕާލަމެންޓް ސަސްޕެންޑްކުރީ ގާނޫނާ ޚިލާފަށް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމި މުހިންމު ނިންމުމާ އެކު މެންބަރުން މިއަދު ޕާލަމެންޓަށް ނުކުންނަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ 11 ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޕާލަމެންޓް ސަސްޕެންޑް ކުރުން ގާނޫނާޚިލާފު ކަމަށެވެ. އެހެންވެ މިއަދު އިނގިރޭސި ވިލާތުގެ ގަޑިން ހެނދުނު 11:30 (ރާއްޖޭ ގަޑިން 3:30) ގައި މެންބަރުން ހައުސް އޮފް ކޮމަންސް އަށް ނުކުންނާނެ އެވެ. ކޮމަންސްގެ ސްޕީކާ ޖޯން ބާކޯ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ބޮޑު ވަޒީރާ ސުވާލު ކުރުމުގެ ސެޝަން ނޯންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ރައީސް ލޭޑީ ބްރެންޑާ ހޯލް ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ ގާނޫނީ ޒިންމާ އަދާކުރުން ހުއްޓުވާފައި ބޭއްވަން ޖެހޭ މަގްބޫލް ސަބަބެއް ދެއްކިފައި ނުވާ ކަމަށެވެ.

ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ ޖޯންސަންގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ. ލޭބާ ޕާޓީގެ މެންބަރު ޕޯލް ސްވީނޭ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ތާރީޚީ ނިންމުމެއް ކަމަށާއި އެ ނިންމުމާ އެކު ބޮޑު ވަޒީރު އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުން އައިއިރު ބޮޑު ވަޒީރު ޖޯންސަން ހުންނެވީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމަށް ނިއު ޔޯކަށް ވަޑައިގެންނެވެ. ކޯޓުގެ ނިންމުމާ އެކު ޖޯންސަން ވަނީ ފޯނު މެދުވެރިކޮށް ކެބިނެޓާ އެކު 30 މިނިޓުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ފަސް ފަހުތާ އަށް ޕާލަމެންޓް ސަސްޕެންޑް ކުރުން ދިފާއު ކުރަން ޖޯންސަން ވިދާޅުވީ އެކަން ކުރެއްވީ އަންނަ މަހު 14 ވަނަ ދުވަހު ރާނީ ދެއްވާ ތަގްރީރަށް ތައްޔާރުވުމުގެ ގޮތުންނާއި އާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ތައްޔާރު ކުރަން ވަގުތު ބޭނުންވާތީ ކަމަށެވެ. އެކަމަކު އިދިކޮޅު މެންބަރުން ތުހުމަތު ކުރަނީ ޕާލަމެންޓް ސަސްޕެންޑް ކުރީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލައިގެ ބަހުސް ހުއްޓުވުމަށް ކަމަށެވެ. ޖޯންސަން ވިދާޅުވަމުން ގެންދަވަނީ އީޔޫއާ އެކު އެއްބަސްވުމެއް ގާއިމްކުރެވުނަސް ނުވަތަ ނުކުރެވުނަސް އޮކްޓޯބަރު 31 ގައި އެ ޖަމާއަތުން ވަކިވާނެ ކަމަށެވެ. ނަމަވެސް ޕާލަމެންޓް ސަސްޕެންޑް ކުރުމުގެ ކުރިން މެންބަރުން ވަނީ އޮކްޓޯބަރު 17 އަދި 18 ގެ ބައްދަލުވުމުގައި އޔޫން ވަކިވުމާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީޔޫން ވަކިވުން ލަސްކުރަން އެ ޖަމާއަތުގައި ބޮޑު ވަޒީރު އެދެން ޖެހޭނެ ކަމަށް ބުނެ ގާނޫނެއް ފާސްކޮށްފަ އެވެ.