Roadha Mihaaru
ބިރު ތަޖުރިބާ ކުރެވިއްޖެ، ހަރުކަށި ފިކުރު ހުއްޓުވައިދީ

ޓެރަރިޒަމްގެ ބިރު ތަޖުރިބާކުރެވިއްޖެ، ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރު ހުއްޓުވައިދީ: ރައީސް

24 ސެޕްޓެމްބަރ 2019

ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލި މައްސަލަ އިން ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ވިދާޅުވެ ދެއްވައި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ޓެރަރިޒަމާއި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުތަކުން މަސައްކަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލި މައްސަލަ އިން ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ވިދާޅުވެ ދެއްވައި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ޓެރަރިޒަމާއި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުތަކުން މަސައްކަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ގޮވާލައްވައިފި އެވެ.

ރިލްވާން ވަގަށް ނަގައި މަރާލީ ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުންގެ ތަހުގީގު ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.

އދ.ގެ 74 ވަނަ އާއްމު ޖަލްސާގައި، ޓެރަރިޒަމާ ދެކޮޅު ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހައްދުފަހަނާޅާފައިވާ ހަރުކަށި ފިކުރު ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންކަން ރާއްޖެ އަށް ވެސް ވަނީ ތަޖުރިބާ ކުރެވިފައި ކަމަށެވެ. ރިލްވާންގެ މަރާ އެކު އެ އާއިލާ އަށް ލިބުނު ފަދަ ހިތްދަތިކަން އެހެން ދިވެހި އާއިލާއަކުން ތަހައްމަލް ކުރަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު އދ. އަށް ފުރާވަޑައިގަތީ ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުން ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ ޓެރަރިޒަމް ހުއްޓުވަން ކުރާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑއިގަތް ކޮންފަރެންސްގައި ދެއްވައިފަ އެވެ.

މުޅި ދުނިޔެ އަށް ވެސް ޓެރަރިޒަމްގެ ނުރައްކާ ފެތުރިފައި އޮތް އިރު، އެކަން ހުއްޓުވަން އަޅަމުން އައި ފިޔަވަޅުތަކުން މާބޮޑު ނަތީޖާއެއް ފެނިފައި ނުވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ފިޔަވަޅުތަކަކީ އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނަޅައި ސަބަބުތަކަށް ރިއާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ނަސްލީ ތަފާތުކުރުމާއި އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަކަށް ގޮވާލައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައު އާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ޚާއްސަ ކުންފުނިތަކާ ގުޅިގެން، އިންޓަނެޓްގެ ޒަރިއްޔާ އިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެ އެވެ. މިހާރު ވެސް މިގޮތަށް އަމަލުކުރަމުންދާ ގައުމުތަކަށް ރައީސް ތައުރީފް ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަނިޔާވެރިކަމާއި ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިވާ ޒާތުގެ ލިއުންތަކާއި ޝާއިއުކުރާ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އެ އަމަލު ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ. އެ ބަދަލުތަކާ އެކު ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކޮންމެ މީހެއްގެ ވެސް އެންމެ އަސާސީ ހައްގު ކަމުގައިވާ މިނިވަންކަމުގެ ހައްގު ދަމެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ބައިވެރިވެ ވަޑައިގެންނެވި ޓެރަރިޒަމާ ދެކޮޅު ކޮންފަރެންސްގައި އދ.ގެ ސެކްރެޓަރީ ޖެނެރަލާއި ޖޯޑަންގެ ރަސްގެފާނާއި ފްރާންސްގެ ރަސްގެފާނާއި ނިއު ޒީލެންޑްގެ ބޮޑުވަޒީރު ވެސް ބައިވެރިވެވަޑައިގަތެވެ.