Roadha Mihaaru
މިލާން ބަލިކޮށް އިންޓަ މަގާމު ދަމަހައްޓައިފި

މިލާން ބަލިކޮށް އިންޓަ މަގާމު ދަމަހައްޓައިފި

22 ސެޕްޓެމްބަރ 2019

މިލާން (ސެޕްޓެމްބަރު 22) - މިލާން ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މެޗުގައި ރޭ، ވާދަވެރި އޭސީ މިލާން އަތުން 2-0 އިން މޮޅުވެ އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (ސެޕްޓެމްބަރު 22) - މިލާން ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މެޗުގައި ރޭ، ވާދަވެރި އޭސީ މިލާން އަތުން 2-0 އިން މޮޅުވެ އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ އިންޓަ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. ރޭ ހެލަސް ވެރޯނާ އަތުން 2-1 އިން މޮޅުވެ، ޔުވެންޓަސް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން އިންޓަ އިން މިލާން ހާފުގެ ތެރޭގައި ކުޅެމުން ދިޔައިރު، ލިބޭ ބޯޅަތަކުގައި ކައުންޓައެޓޭކުގައި މިލާނުން ވެސް ދިޔައީ ނުރައްކާކުރަމުންނެވެ. އިންޓަ އަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދޭން ޑަނީލޯ ޑީއަމްބްރޯސިއޯ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ސެޓެފާނޯ ސެންސީ އާއި ލަޓާރޯ މާޓިނޭޒް ގުޅިގެން ރަނގަޅު އެޓޭކްތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

ފުރަތަމަ ހާފުގައި މިލާނަށް ލީޑު ނަގައިދޭން އެ ޓީމުގެ ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި މިލާނުގެ ސޫސޯ އޭރިއާތެރެއިން ޖެހި ބޯޅަ އިންޓަ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

އިންޓަ އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި މާސެލޯ ބްރޮޒޯވިޗްގެ ގޯލުން ލީޑުނަގައިފަ އެވެ. މެޗުގެ ރެފްރީ އެ ގޯލު ލާން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ. މެޗު ނިމެން 12 މިނިޓަށް ވެފައި ހުއްޓައި އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ. އޭނާ އަކީ 1914 ވަނަ އަހަރަށް ފަހު މިލާން ޑާބީގައި ލަނޑު ޖެހި ބެލްޖިއަމަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ. މިއީ މި ފަހަރުގެ ލީގުގައި ލުކާކޫ ޖެހި ތިން ވަނަ ގޯލެވެ.

ރޭ ޔުވެންޓަސް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނިޓްގައި ހެލަސް އިން ލީޑުނެގީ މިގޭލް ވެލޯސޯ ޖެހި ގޯލުންނެވެ. އޭގެ 11 މިނިޓް ފަހުން ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅުނު އާރޮން ރަމްސޭ އެވެ. ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.