Roadha Mihaaru
ހުޅުމާލޭގައި ޗައިނާ އިން ސްޓޭޑިއަމެއް އަޅައިދެނީ

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް ޗައިނާ އިން އަޅަނީ

20 ސެޕްޓެމްބަރ 2019

ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއުގެ މަސައްކަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫއުގެ މަސައްކަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ޝައުގުވެރިވީ ޗައިނާގެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީިއެމްއީސީ) އިންނެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އަދި ސީއެމްއީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަދި ރާއްޖޭގެ ސީއެމްއީސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް މރ. ލިއު ޝިއައޯޑާ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ދަށުން ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫއާ ގުޅޭ އެންމެހައި ދިރާސާކޮށް އެ ކުންފުނިން ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ސީއެމްއީސީއަކީ ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިން ހިންގި ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި 1500 ހައުސިން ޔުނިޓް އަޅައިފަ އެވެ.މި މަޝްރޫއުގެ ދަށުން ސީއެމްއީސީ އިން އެންމެ ގިނަ ފްލެޓް އެޅީ ހުޅުމާލޭގަ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނިން ވަނީ 704 ހައުސިން ޔުނިޓް އަޅައިފަ އެވެ.

ސްރީ ލަންކާގެ ކުންފުންޏަކާ ގުޅިގެން ސީއެމްއީސީން ދަނީ މާލެ އަތޮޅުގެ ތިން ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްގީކުރުމުގެ 150 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވެސް ހިންގަމުންނެވެ.

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ޗައިނާ އިން ނިންމި އިރު، ގަލޮޅު ދަނޑު ތަޅާލައި ހުޅުމާލޭގައި އާ ސްޓޭޑިއަމެއް އެޅުމަށް ފައިސާ ހޯއްދަވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ގަލޮޅު ދަނޑު ބޭނުންކުރި ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ދަނޑު މުޅިން ވެސް ބޭނުންކުރަނީ ފުޓްބޯޅަ އަށެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށާއި ބައެއް މިއުޒިކް ޝޯ ތަކަށް އަދިވެސް ދަނޑު ދޫކުރެ އެވެ.

ބޭރުގެ އެހީ ހޯދައިގެން ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ފެށި އިރު، މި ސަރުކާރުން ވަނީ ހުޅުމާލޭގައި މަތީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އަޅަން އިންޑިއާގެ އެހީ ހޯދައިފަ އެވެ.