Roadha Mihaaru
ނިލަންދޫން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

ނިލަންދޫން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

19 ސެޕްޓެމްބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫގެ މައްޗަށް 3-2 އިން ކުރިހޯދައި ފ، ނިލަންދޫ އިން މި ފަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫގެ މައްޗަށް 3-2 އިން ކުރިހޯދައި ފ، ނިލަންދޫ އިން މި ފަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި މޮޅާ އެކު ނިލަންދޫ ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. ކުޅުނު ހަތް މެޗުން ނިލަންދޫ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލީގުގެ ހަތް ވަނައިގައި އޮތް ފޯކައިދޫ އަށް ހަތް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. މި މެޗުން މޮޅުވެގެން އެ ޓީމަށް ލީގުގެ ފަސް ވަނައަށް ޖެހިލުމުގެ ފުރުސަތު އޮތެވެ.

މި މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ނިލަންދޫ އަށް ލީޑުނަގައިދިނީ ދާދި ފަހުން އެ ޓީމާ ގުޅުނު ބިދޭސީ ފޯވާޑް ކްވޭކޫ ލޫކަސް އެވެ. ފޯކައިދޫ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޖެހި ލޫކަސް އަކީ މިދިޔަ އަހަރު ވެސް ނިލަންދޫ އަށް ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ.

ފޯކައިދޫ އަށް މެޗުގެ 31 ވަނަ މިނިޓްގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެގޮތުން މުހައްމަދު ޖައިލަމް (އޮގީ) ދިން ބޯޅަ ގޯލު ކުރިމަތީގައި ހުސްކޮށްހުރި މުސްތަފާ ސެޑިކް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އޭގެ މިނިޓެއް ފަހުން ސެޑިކް ނަގައިދިން ބޯޅަ އެ ޓީމުގެ ޔޫސުފް ޖުނައިދު ޒާހިރު ފޮނުވާލު ނަމަވެސް އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތު ފޯކައިދޫން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ސެޑިކް ހުސްކޮށްލާފައި ދިން ބޯޅަ ޖުނައިދު ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހުސްކޮށް ލިބުނު ފުރުސަތަކުން އޮގީ ވަނީ ފޯކައިދު އަށް ލީޑުނަގައިދީފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ފޯކައިދުން ލީޑުފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އެ ބޯޅަތައް ހުއްޓުވަން ނިލަންދޫ ގޯލުގައި ހުރި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. ނިލަންދޫ މޮޅުވީ މެޗުގެ ފަހު ވަގުތު ދެއްކި ހިތްވަރުންނެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ މެޗުގެ 77 ވަނަ މިނިޓްގައި ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމާޓޯ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ އޭނާ ވަނީ ހަަމަޖެހިލާފައި ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އިތުރު ވަގުތުގައި ނިލަންދޫ މޮޅުވި ގޯލު ޓޮޝީކީގެ މޮޅު ކުޅުމަކާ އެކު ކާމިޔާބުކުރީ އަކުރަމް އިސްމާއިލް އެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިއީ މެނޭޖްމަންޓުން ޓީމުގެ ކަންތައްތައް ރަނގަޅުކުރަން ކުރި މަސައްކަތާއި ކުޅުންތެރިން ދެއްކި ހިތްވަރުން ހޯދުނު މޮޅެއް ކަމަށާއި ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުމުން ޓީމުން ތަފާތު ފެނުނު ކަމަށެވެ. އަދި ނިލަންދޫގެ ކުޅުންތެރިންނަށް ގަވާއިދުން ޕްރެކްޓިހުގައި ބައިވެރިނުވެވެނީ ވަޒީފާގެ ކަންތައްތައް ހުންނަ ގޮތުން ކަމަށާއި ރަނގަޅަށް ޕްރެކްޓިސްކޮށްގެން ކުޅޭނަމަ މި އަށް ވުރެން ވެސް ނަތީޖާތައް ރަނގަޅުކުރެވޭނެ ކަމަށް ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޓީމު އޮތީ ގިނަ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި އެފްއޭއެމްގެ އަޅާލުމެއް ނެތި ފަސް މަސް ހޭދަކުރެވި މިހާރު އޮތީ އުނދަގޫ ހާލަތެއްގައި ކަމަށެވެ. އަދި މިހާރު ހާލަތު އޮތްގޮތުން މެޗު ކުޅެން ކުޅުންތެރިން އަންނަ ކަމަށްޓަކައި އެ ކުޅުންތެރިންނަށް ޝުކުރުއަދާކުރާ ކަމަށް ބުންޏެވެ.