Roadha Mihaaru
ފެނާ އެކު ފަޅަށް ކިސަޑު! އެތައް މައްސަލައެއް!

ފެނާ އެކު ފަޅަށް ކިސަޑު! އެތައް މައްސަލައެއް!

13 ސެޕްޓެމްބަރ 2019

ފަލަ ހޮޅިތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ޕޭވްމަންޓްތަކުން ހިނގައި ބިނގާވެ އުޅެން ދަތިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ދަތިތައް ގިނަ އެވެ. އެކަންކަން ހައްލުނުވެ އޮށްވައި އަނެއްކާވެސް މިވަނީ އެފަދަ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ: މިފަހަރު މާލޭ ފަޅުތެރެއަށެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފަލަ ހޮޅިތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ޕޭވްމަންޓްތަކުން ހިނގައި ބިނގާވެ އުޅެން ދަތިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ދަތިތައް ގިނަ އެވެ. އެކަންކަން ހައްލުނުވެ އޮށްވައި އަނެއްކާވެސް މިވަނީ އެފަދަ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ: މިފަހަރު މާލޭ ފަޅުތެރެއަށެވެ.

އިމާރާތް ކުރާ ތަންތަނުން ބޭރު ކުރާ ފެން އަޅަނީ ފަޅުތެރެއަށެވެ. ސިމެންތި އާއި ކިސަޑު ފެންގަނޑު ބޭރު ކުރުމަށް ފަޅުގެ އެކި ހިސާބުތަކަށް ހޮޅި އަޅާފައި ހުރެ އެވެ. އެގޮތަށް ފެން ބޭރުކުރާތީ ފަޅުގެ ބައެއް ސަރަހައްދުތައް އޮންނަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ. ކިސަޑު ގިނަވެ ފެންގަނޑު ހަޑިވެފަ އެވެ.

އިމާރާތްކުރާ ތަންތަނުން މޫދަށް ފެން ބޭރުކުރަން މާލޭ މަގުމަތީގައި ހޮޅި އަޅާފައި: މިފަދަ ހޮޅިތައް ގިނަވެ، އާއްމު އުނދަގުލަކަށް ވަނީ ވެފައި.

އިމާރާތްކުރާ ތަންތަނުން މޫދަށް ފެން ބޭރުކުރަން މާލޭ މަގުމަތީގައި ހޮޅި އަޅާފައި: މިފަދަ ހޮޅިތައް ގިނަވެ، އާއްމު އުނދަގުލަކަށް ވަނީ ވެފައި.

މާލޭގެ ފަޅަކީ އެހާ ރަނގަޅަށް ލޮނުގަނޑު ދައުރު ކުރާ ތަނަކަށް ނުވާތީ އެ ފެންގަނޑު ސާފު ވުމަށް ގިނަ ވަގުތު ނަގަ އެވެ. ސާފު ނޫން ފެންތަކެއް ގިނަ އިރު ވަންދެން ދައުރު ނުވެ މަޑުޖެހުމުން ތަފާތު އެކި މައްސަލަތައް ވަނީ ކުރިމަތިވާން ފަށައިފަ އެވެ.

މަސްމެހާމެއްސަށް ވެސް ނުރައްކާ

ކިސަޑު ފެން އާންމުކޮށް ފަޅަށް އެޅުމުގެ ސަބަބުން ތިމާވެއްޓަށް ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. އެހެންކަމުން އެއީ މޫދުގެ ދިރުންތަކަށް އޮތް ނުރައްކަލެކެވެ.

ކުރިން ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ އެފަދަ ފެނުގެ ސަބަބުން މަސް މަރުވުމުގެ މައްސަލަ ދިމާވާނެ ކަމަށެވެ. އަދި އެއީ މުރަކަ ފަދަ ދިރުންތައް ވެސް ނެތިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިސަޑާ އެކު ހުންނަ އެ ފެން އެގޮތަށް މޫދަށް ދޫކޮށްލީމަ ފުރަތަމަ އެ ދިމާވަނީ މަސްތަކާ. އޭގެން އެ މަސްތަކަށް އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

މަލޭ ފަޅުތެރެ އެހާ އޮއި ގަދަ ވުމުގެ ސަބަބުން އެ މައްސަލަ އިތުރަށް ބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮއެ ގަދަ ނަމަ ވަރަށް އަވަހަށް [ކިސަޑު] ކަނޑަށް ބޭރުކޮށްލާނެ. އެކަމަކު މާލޭގައި އެހެން ނުވޭ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ފަޅަށް ކިސަޑު އަޅާ ވީޑިއޯއަކާއެކު މީހަކު ކޮށްފައިވާ ޓްވީޓެއް--

ލޯންޗްތަކަށް ވެސް ގެއްލުން

ގިނަ އަދަދެއްގެ ލޯންޗް ފަހަރު ބަނދަރު ކުރާ މާލޭގެ ދެކުނު ފަރާތު ފަޅަށް ކިސަޑު ފެން ބޭރު ކުރާތީ އެ އުޅަނދުތަކަށް ވެސް އެކި މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން އެތައް ހާސް ރުފިޔާއެއްގެ ގެއްލުން ލިބޭ ކަމަށް އުޅަނދު ފަހަރުގެ ވެރިން ބުނެ އެވެ.

"އަހަރެމެން އެންމެ ފަހުން ގެންގުޅުނު ލޯންޗަށް ވެސް ދިމާވީ އެކަހަލަ މައްސަލަތަކެއް. ފެންގަނޑު ހަޑިވީމަ އައުޓް ބޯޓް އިންޖީނަށް އެކިއެކި މައްސަލަތައް ކުރިމަތިވަނީ،" މަސްވެރިކަން ކުރަން ހާއްސަ ލޯންޗެއްގެ ވެރިޔަކު ބުންޏެވެ.

އައުޓް ބޯޑް އިންޖީނުތައް މަރާމާތު ކުރާ މެކޭނިކަކު ބުނީ އެފަދަ ފެނުގެ ސަބަބުން މުޅި އިންޖީނު ހަލާކުވާ ފަދަ މައްސަލަތަކެއް ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް އިންޖީނު ހޫނުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ. އެގޮތަށް ދިމާވަނީ، އޭނާ ބުނި ގޮތުގައި، އިންޖީނުގެ ކޫލިން ސިސްޓަމަށް ލޮނުގަނޑުން ފެން ނަގާއިރު ކުނޑި ޖެހޭތީ އެވެ.

"އިންޖީނު ސުޓާޓް ކުރީމަ އިންޖީނުގެ ތެރެއަށް ފެން ވައްދައި ފެން ނެރެނެރެ ހުންނާނީ. ގިޔަރުން ވައްދާ ފެން ނެރޭނެ. އެގޮތަށް ހަދާއިރު އެކަހަލަ ފެން ވަނީމަ އޯވާ ހީޓް އެލާމް އަޅާނެ. ކުނޑި ޖެހި މައްސަލަތައް ދިމާވާނެ،" ކުރިމަތިވެދާނެ މައްސަލައިގެ ތަފްސީލު އޭނާ ކިޔައިނެވެ.

ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް---

މެކޭނިކުންނާއި ލޯންޗް ފަހަރުގެ ވެރިންނާ ވާހަކަ ދެއްކުމުން އެނގުނީ މާލެއަށް ދަތުރު ކުރާ ލޯންޗް ފަހަރަށް ދިމާވާ މައްސަލަތައް މިހާރު ކުރިއަށް ވުރެ އިތުރު ކަމެވެ.

ހައްލެއް ނުހޯދުނު މައްސަލައެއް

ފައުންޑޭޝަން އަޅަން ކޮންނަ އިރު ބޭރުކުރަން ޖެހޭ ފެނަށް ހެދޭނެ މާ ބޮޑު ގޮތެއް ނެތެވެ. މިސާލަކަށް ކާނުތަކަށް އެ ފެން ހިންދާ ނަމަ މާލޭގެ ޖަންގްޝަންތަކަށް މައްސަލަތައް ދިމާވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން މޫދަށް ހޮޅި އަޅައިގެން އެ ފެންގަނޑު ބޭރުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ހޮޅިތަކުގެ މައްސަލަ ހައްލުކުރަން ޑީވޯޓަރިން ނިޒާމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ.

މިހާރު ހަމައެކަނި މައްސަލައަކަށް މި އޮތީ އިމާރާތްތަކުން ބޭރުކުރާ ފެން މޫދާ ހަމައަށް ފޯރުކޮށްދޭން އަޅާ ހޮޅިތަކެއް އެކަންޏެއް ނޫނެވެ. މޫދުގެ ދިރުންތަކަށް ވެސް އޭގެ ނުބައި އަސަރުކުރުމުގެ ކަންބޮޑުވުމެވެ.