Roadha Mihaaru
އެތައް ހާސް ގަހަކާ އެކު މާލެ ފެހިކޮށްލަނީ

އެތައް ހާސް ގަހަކާ އެކު މާލެ ފެހިކޮށްލަނީ

30 އެޕްރީލް 2019

އިންތިހާ އަށް ހޫނު ގަދަކަމުގެ ޝަކުވާ އެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާއިރު އޭގެ ދުމުން ސަލާމަތް ނުވެވޭ ވާހަކަ އެވެ. މިއީ މާލޭގައި އުޅޭ މީހުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތަކެވެ. އޭސީ ފިނީގެ ބަދަލުގައި ގުދުރަތީ ވައި ލިބުން މިވަނީ ވަރަށް މުހިންމުވެފަ އެވެ. އެކަމުގެ ހައްލަކަށް ވިސްނާއިރު އެންމެ ފަސޭހައިން އެކަން ކުރެވެން އޮތީ މާލޭގައި އިތުރަށް ގަސް އިންދައިގެންނެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންތިހާ އަށް ހޫނު ގަދަކަމުގެ ޝަކުވާ އެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާއިރު އޭގެ ދުމުން ސަލާމަތް ނުވެވޭ ވާހަކަ އެވެ. މިއީ މާލޭގައި އުޅޭ މީހުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތަކެވެ. އޭސީ ފިނީގެ ބަދަލުގައި ގުދުރަތީ ވައި ލިބުން މިވަނީ ވަރަށް މުހިންމުވެފަ އެވެ. އެކަމުގެ ހައްލަކަށް ވިސްނާއިރު އެންމެ ފަސޭހައިން އެކަން ކުރެވެން އޮތީ މާލޭގައި އިތުރަށް ގަސް އިންދައިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ އެ މަސައްކަތް ފަށައިފަ އެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކުރަން އެންވަޔަރަމެންޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް 2،700 ގަސް ހަދިޔާ ކޮށްފައިވާއިރު އެގަސްތައް އިންދުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ގަސް ބޮޑުތަކުރުފާނު މަގުގެ ޕޭވްމަންޓް ސަރަހައްދުގައި އިންދާފައި އެބަ ހުއްޓެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި ދައުލަތުގެ އިސް ބޭފުޅުން ރަސްމީ ފާލަމުގެ ގޮތުގައި ބޭނުންކުރާ ރަސްމީ ފާލަން ކައިރީގައި ވަނީ ކުދި މާގަސް އިންދައިފަ އެވެ. އެ ސަރަހައްދު ޒީނަތްތެރި ކުރަމުން އަންނަނީ އެކި ވައްތަރުތަކުގެ މާ ގަސްތަކުންނެވެ. އެ ގަސްތައް އިންދާފައިވަނީ ރަސްމީ ފާލަން ސަރަހައްދުގައި ބަހައްޓާފައި ހުންނަ ގަސް މުށިތަކުގަ އެވެ.

އެއް ނަމްބަރު ފާލަން ސަރަހައްދުގައި މާ ގަސްތަކެއް: ގަހަކީ ހިތްހަމަޖެހުމެއް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއް ނަމްބަރު ފާލަން ސަރަހައްދުގައި މާ ގަސްތަކެއް: ގަހަކީ ހިތްހަމަޖެހުމެއް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އާޓިފިޝަލް ބީޗް، ޕާކެއްގެ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެތަނުގައި ވެސް ގިނަ އަދަދެއްގެ ގަސް އިންދައި ފެހި ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރޯދަ ފެށެންވާއިރަށް އެތަން ތަރައްގީކޮށް ހުޅުވަން ސަރުކާރުން ބޭނުންވެ އެވެ.

ބުރިޖާ ގުޅިފައިވާ ލޮނުޒިޔާރަތްކޮޅާއި އަޑި ޕާކް ހިމެނޭ ސަރަހައްދު ވެސް ތަރައްގީ ކުރަން ނިންމާފައިވަނީ ގަސް ގިނަ ޕާކެއްގެ ގޮތުގަ އެވެ. އެތަނުގައި ގަސް އިންދަން ވެސް މިހާރު ވަނީ ފަށައިފަ އެވެ. ފެހިކަން ގަދަކޮށް ތަރައްގީކުރާ އެ ޕާކްގައި ދެން ހުންނާނީ މީހުން އިށީނުމަށް ހަދާފައި ހުންނަ ބެންޗްތަކެވެ.

ކައުންސިލްގެ ޓާގެޓް 3،000 ގަސް އިންދުމަށް

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި އެ ކައުންސިލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް މާލޭގައި 3،000 ގަސް އިންދުމެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް އޮތް ތަނުގައި ގަސް އިންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި މާލޭގެ އެތެރޭގެ މަގުތަކާއި ޕާކިން ޒޯންތަކުގެ ގޮތުގައި ކަނޑައަޅާ ތަންތަން ވެސް ހިމެނެ އެވެ.

"ބޭނުންވަނީ މާލެ ފެހިކުރަން، އޭގެ ސަބަބުން ހޫނުން ރައްކާތެރިވެ ވައި ސާފުކުރެވޭނެ. 'ނަލަފެހި މާލެ' ޝިއާރުގެ ދަށުން މިކަން ކުރިއަށް މިގެންދަނީ،" ޝަމާއު ވިދާޅުވި އެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގައި ގަސް އިންދުން ކުރިއަށް: މި އަހަރު 3،000 ގަސް އިންދަން ވަނީ ނިންމާފައި : ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭ ބޮޑުތަކުރުފާނު މަގުގައި ގަސް އިންދުން ކުރިއަށް: މި އަހަރު 3،000 ގަސް އިންދަން ވަނީ ނިންމާފައި : ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގައި އިންދަންވެގެން ގަސް ހެއްދުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ނާސަރީގައި އަންނަނީ ކުރަމުންނެވެ. މާލެއިންނާއި ރަށްރަށުން ގޮފި ގެނެސް އެ އެއްޗެތި ރުވަނީ އެވެ. ކުރިއަށް އޮތް ތަނުގައި މާލޭގައި އިންދަން ނިންމާފައިވަނީ ހިތި ގަހާއި ބޮޑު ޖަވާހިރު ގަހެވެ.

މިހާރު މާލޭގެ މަގުތަކުގައި އެންމެ ގިނައިން ހައްދާފައި ހުރީ ގޮފިއެލޭ ގަހެވެ. އެއީ ވަރަށް ބޮޑަށް ހިޔާ ލިބޭ އަދި ވަރަށް ބޮޑަށް ހެދޭ ގަހެކެވެ.

އެކަމަކުކ ޝަމާއު ވިދާޅުވީ ގޮފިއެލޭ ގަސްތަކުގެ ސަބަބުން މަގުތަކަށާއި އިމާރާތްތަކަށް ގެއްލުންތައް ވަމުން ދާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެފަދަ ގަސް އިންދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެތައް ފައިދާއެއް

ދިރާސާތަކުން އެނގޭ ގޮތުގައި ގަހަކީ އިންސާނުންގެ ނަފްސާނީ ސިއްހަތަށް ވެސް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އޭގެ އިތުރުން ފެހިކަން ގަދަ ތަންތަނުގަި ދަރިވަރުން ތިބޭ ނަމަ ކިޔަވައިދޭ އެއްޗެއް ކުދިންގެ ހަނދާނުގައި ގިނަ ވަގުތު ހުންނަ ކަމަށްވެ އެވެ.

މީގެ އިތުރުން ތިމާގެ ގޭގައި އިންދާފައި ހުންނަ ގަސްތަކުން ތިމާގެ އަވަށްޓެރިންނަށް ވެސް ހިތްހަމަޖެހުމާއި ފައިދާ ލިބޭނެ އެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގައި ފަހުން ގަސް އިންދާފައި: ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ފެހި ކުރަން: ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭ ބޮޑުތަކުރުފާނު މަގުގައި ފަހުން ގަސް އިންދާފައި: ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ފެހި ކުރަން: ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސިޓީ ފަދަ ތަންތަނުގައި ގަސް ހުރުމުން، އެތަނެއްގައި ހަރުލާ ހޫނުމިން މަދުވެ "އާބަން އައިލެންޑް ހީޓް އެފެކްޓް" ވެސް މަދުވެ އެވެ. އަދި ގަސްތަކުން ފޭދޭ ފެނުގެ އާވިން ސިޓީ ފިނިކޮށްދެ އެވެ. އަދި ގަސް ގިނަ ވުމުން މަގުމައްޗަށް ދޭ އަވި މަދުވެ އެވެ.

ޕާކިންލޮޓް ފަދަ ހުސް ބިންތަކުގައި ގަސް ހުރުމުން ޕާކުކޮށްފައި ހުންނަ ކާރުތަކަށް ވެސް އެހާ ހޫނެއް ނުވާނެ އެވެ. އަދި ވައިގެ ކޮލިޓީ ރަނގަޅުކޮށްދޭނެ އެވެ. ވައިގައި ހުންނަ ގެއްލުންދޭ ތަކެއްޗާއި މާއްދާތައް ފިލްޓާކޮށް ވައި ސާފުކޮށްދެ އެވެ.

ގަހަކީ މާލެއަށް މިއަދު ވަރަށް މުހިންމު އެއްޗެކެވެ. ތޮއްޖެހިފައިވާ މާލެއަށް ހިތްހަމަޖެހުމެއް ގެނައުމަށް ގަސް ވަރަށް މުހިންމެވެ.