Roadha Mihaaru
ހިތަށް އެރި ބަޔަކު ހައްޔަރުކުރާނެތީ ސަލީމްގެ ނުރުހުން

ޓެރަރިޒަމްގެ ގާނޫނު ބަދަލުކޮށް ހިތަށް އެރި ބަޔަކު ހައްޔަރުކޮށްފާނެތީ ސަލީމްގެ ނުރުހުން

12 ސެޕްޓެމްބަރ 2019

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެންނަން އުޅޭ ބޮޑެތި އިސްލާހުގެ ސަބަބުން ހިތަށް އެރިހާ ބަޔަކު ހައްޔަރުކޮށްފާނެތީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރައްޔިތުންގެ މަޖިލިހުގައި މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެންނަން އުޅޭ ބޮޑެތި އިސްލާހުގެ ސަބަބުން ހިތަށް އެރިހާ ބަޔަކު ހައްޔަރުކޮށްފާނެތީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރައްޔިތުންގެ މަޖިލިހުގައި މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނީ އެހެން ގާނޫނުތަކުގައި ކޯޓު އަމުރެއް ހޯދައިގެން މީހުން ހައްޔަރު ކުރަން އޮތަސް، ބިލްގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭ މީހަކު އުޅޭ ކަން ބުއްދި އަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ތުހުމަތުކުރެވޭ މީހާ، ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވިދާނެ ކަމަށެވެ.

ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމާ ގުޅޭ ގޮތުން މަޖިލިހުގައި ކުރި ބަހުސްގައި ސަލީމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ނާޖައިޒު ފައިދާތަކެއް ނެގައި މިދިޔަ ދައުރުގެ ތެރޭގައި އެކަން އިންތިހާ އަށް ބޮޑުވެގެން ދިޔަ ކަމަށެވެ. އެކަމަކު، އެ ގާނޫނު އެގޮތަށް އޮއްވައި، އެ ގާނޫނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް ގާނޫނު ވަރުގަދަ ވެގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ އަބަދުވެސް ބާރެއް ލިބުމާ އެކީގައި މި ތިބެނީ މީހުން ހައްޔަރު ކުރުމުގެ ވިސްނުން އައިސްފައި. ކޮންމެ ބަޔަކު ވެސް ވެރިކަމަށް ނާންނަ އިރު މީހަކު ބަންދު ކުރިޔަސް، ހައްޔަރު ކުރިޔަސް، އެ ޕާޓީއެއްގައި ތިބި އެންމެން މަގުމައްޗަށް ނުކުމެ ހައްޔަރު ކުރީތީ އެކަމާ މުޒާހަރާކޮށް އެތައް ކަންތައްތަކެއް ކުރި މަންޒަރު ފެނުނު،" ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވަނީ ޓެރަރިޒަމްގެ ގާނޫނު ބަދަލުކޮށްގެން އަނެއްކާ ވެސް ނާޖައިޒު ގޮތުގައި ކަންކަން ކުރުމަށް ފުރުސަތު ދޭންވީތޯ ސުވާލު އުފައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ބާރުތަކެއް ދީގެން ސިޔާސީ އަދި ނާޖައިޒު ފައިދާ ނަގަން ބަޔަކު އުޅެފާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބަޔަކު ބޭނުންވާ މީހަކު ހައްޔަރު ކުރުމުގެ ފުރުސަތު ދިނުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުރިން އަމަލު ކުރަމުން ދިޔަ ނޫ ގާނޫނުއަސާސީ އުވާލައި ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައީ ބޭނުންހާ ގޮތަކަށް މީހުން ހައްޔަރުކުރުމުގެ ފުރުސަތު ނުދޭށެވެ.

"މިހާރު އޮތް ގާނޫނުއާސާސީ އުވާލާފައި ނޫ ގާނޫނުއަސާސީ ގާނޫނަކަށް ހަދާފައި ދައުލަތުގެ މަތީ ބާރުތަކަށް ހުރިހާ ބާރުތަކެއް ދީފައި ބޭނުންހާ ގޮތަކަށް އަމަލު ކުރުމުގެ ފުރުސަތު ދޭންވީ ނޫންތޯ. އޭރުން އަޅުގަނޑުމެން ހޮވި ވަލިއްޔުލް އަމުރު ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީމަ އެ އޮތީ ރަނގަޅަށް ނޫންތޯ،" ސަލީމް ވިދާޅުވި އެވެ.