Roadha Mihaaru
އަމުރެއް ނެތި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދެނީ!

ޓެރަރިޒަމް ބޮޑެތި ކުށްތަކުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދެނީ!

11 ސެޕްޓެމްބަރ 2019

ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނެފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނީ އެހެން ގާނޫނުތަކުގައި ކޯޓު އަމުރެއް ހޯދައިގެން މީހުން ހައްޔަރު ކުރަން އޮތަސް، ބިލްގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭ މީހަކު އުޅޭ ކަން ބުއްދިއަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ތުހުމަތުކުރެވޭ މީހާ، ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވިދާނެ ކަމަށެވެ.

ބިލްގައި ބުނީ ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށެވެ. އަދި މީހަކު ހައްޔަރުކުރަން ވާނީ، ސަބް އިންސްޕެކްޓަ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުގައި ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެއްވެސް މީހަކު ހައްޔަރު ކުރެވޭނީ ކޯޓު އަމުރެއް ހޯދައިގެންނެވެ. އަދި އެމީހަކު ހައްޔަރު ކުރާތާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރަން އެ ގާނޫނު ލާޒިމް ކުރެ އެވެ.

ބިލުގައި ވަނީ މީހަކު ހައްޔަރު ކުރުމުގައި، ހައްޔަރުކުރެވޭ މީހާ ކޮށްފާނެ ކަމަށް ބެލެވޭ ޓެރަރިޒަމްގެ އަމަލުން ލިބިދާނެ ކަމަށް ބެލެވޭ އެންމެހާ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ގޮތުން އެ ހިނދަކަށް އަޅަންޖެހޭ ގާނޫނު ހުއްދަކުރާ އެންމެހާ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ބިލްގައިވާ ގޮތުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް އޮތީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދޭން އުޅުމާއި ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވަން އުޅުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން އުޅޭ ނަމަ އެވެ.

އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލަން މަސައްކަތް ކުރާ މީހަކު ވެސް ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ބިލުން ލިބިދެ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމަކީ ވެސް ބިލްގައިވާ ގޮތުން ކޯޓު އަމުރެއް ހޯދަން ޖެހޭ ކަމެއް ނޫނެވެ.

ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަ، ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ތަމްރީނު ފޯރުކޮށްދޭން އުޅުމާއި ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް އެމީހަކު ކޯޓު އަމުރާ ނުލައި ހައްޔަރު ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.

ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެން ތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުމާއި ގޮވާތަކެތި އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި އެހެން މީހަކަށް ދިނުމާއި އެހެން ތަނަކަށް ގެންދިއުމާއި ވިޔަފާރި ކުރަން އުޅޭ ނަމަ، ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ބިލްގައިވެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ގޭންގް ނުވަތަ ގްރޫޕް ހަދައިގެން ކުރަން އުޅޭ ނަމަ، އެ ބަޔަކު ކޯޓު އަމުރެއް ނެތި، ފުލުހުންނަށް ހައްޔަރު ކުރެވޭ ގޮތަށް ބިލް އޮތީ ބައްޓަންކޮށްފަ އެވެ.

ކޯޓު އަމުރާ ނުލައި މީހުން ބަލައި ފާސް ކުރެވޭނެ!

ބިލްގައިވާ ގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ބިލްގައި ބުނާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ އަތުގައި، ކުށެއް ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނުވަތަ އެފަދަ ކުށެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް އޮތްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗައް ބިނާކޮށް ތުހުމަތުކުރެވޭ ނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ މީހެއް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

އެއީ އެކަމަކު، ސަބް އިންސްޕެކްޓަ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކު، ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

ބިލްގައި ބުނާ ބޮޑެތި ބައެއް ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގާނޫނޫއަސާސީން ލިބިދޭ ހައްގުތައް ހިފެހެއްޓިގެންވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. ބިލްގައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނައިފަ އެވެ.