Roadha Mihaaru
26.5 މިލިއަން ރުފިޔާގެ ދެ މަޝްރޫއު އެމްޓީސީސީ އަށް

26.5 މިލިއަން ރުފިޔާގެ ދެ މަޝްރޫއުއެއް އެމްޓީސީސީއާ ހަވާލުކޮށްފި

05 ސެޕްޓެމްބަރ 2019

ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު އެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަކާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު އެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ވ. ފެލިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އާއި އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު އެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ. މި ދެ މަޝްރޫއު އަށް 26.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ މި ރަސްމިއްޔާތުގައި ވިދާޅުވީ ފެލިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގައި 61 މީޓަރުގެ ބޭރު ތޮށްޓެއް ލާނެ ކަމަށެވެ. އަދި 180 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 126 މީޓަރުގެ އެއްގަމު ތޮށްޓެއް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއު ފުރިހަމަ ކުރަން ހަތް މަސްދުވަހުގެ މުއްދަތެއް ކަނޑައަޅާފައި ވެ އެވެ.

ފެލިދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އަށް 18.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ.

ރަސްދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާއިން ރާއްޖެ އަށް ދީފައިވާ ހިލޭ އެހީގެ ދަށުން ކަމަށް ޝަނާ ވިދާޅުވި އެވެ. ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ މި މަޝްރޫއު އަށް 7.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށު ގޮނޑުދޮށުން 200 މީޓަރުގެ ސަރަހައްދެއް ހިމާޔަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވަނީ ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފަ އެވެ. މި ހަތަރު މަޝްރޫއު އަށް 162 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.