Roadha Mihaaru
އާރުޓީއެލް ފެރީން ހުވަދޫ ގުޅާލަން ތައްޔާރުވެއްޖެ

އާރުޓީއެލް ފެރީން ހުވަދު އަތޮޅު ގުޅާލަން ތައްޔާރުވެއްޖެ

06 ޖުލައި 2023

އަންނަ ހަފްތާގައި ހުވަދު އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ ހަފްތާގައި ހުވަދު އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އާރްޓީއެލްގެ ހިދުމަތް އެ އަތޮޅުގައި ދޭ ހަ ފެރީ މާލެއިން މިއަދު ވަނީ އެ އަތޮޅަށް ފުރައިފަ އެވެ.

ހުވަދު އަތޮޅުގައި ވެސް ދަތުރުތައް ފަށަނީ އަގެއް ނުނަގަ އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަގު ނަގަން ފަށާނީ އޭގެ ފަހުންނެވެ.

އެމްޓީސީސީން ވަނީ އެ އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް 80 އަަށް ވުރެ ގިނަ މުވައްޒަފުން ނަގައި އެ މުވައްޒަފުން ތަމްރީނު ކުރަން ފަށައިފަ އެވެ.

ގއ. އާއި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ 20 ރަށް އޮވެ އެވެ. އެ ރަށްތަކަށް އާރްޓީއެލްގެ ހިދުމަތް ދޭން ފެށުމުން ފަސް އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފުޅާ ކުރެވޭނެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.

މީގެ ކުރިން އާރްޓީއެލްގެ ހިދުމަތް ފެށީ ހއ، ހދ، ށ އަދި ޅ އަތޮޅުގަ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުއަށް 800 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމާފަ އެވެ.