10 އެޕްރީލް 2023
ޒަމާންތަކެއް ވަންދެން މި ރަށަށް އަރައިފައިބަން ޖެހުނީ މޫދަށް އެރި ތެމިގެންނެވެ. މީގެ 33 އަހަރުކުރިން 1990ގެ އަހަރުތަކުގައި ޖެޓީއެއް އޮތެވެ. އެތަން ހަލާކުވެ ދިޔަ ފަހުން ރަށަށް އަރައިފައިބާނެ ފަސޭހަ ގޮތެއް ނެތެވެ. އޭގެ ފަހުން ވެސް ހެދީ ފާލަމެކެވެ.
ޒަމާންތަކެއް ވަންދެން މި ރަށަށް އަރައިފައިބަން ޖެހުނީ މޫދަށް އެރި ތެމިގެންނެވެ. މީގެ 33 އަހަރުކުރިން 1990ގެ އަހަރުތަކުގައި ޖެޓީއެއް އޮތެވެ. އެތަން ހަލާކުވެ ދިޔަ ފަހުން ރަށަށް އަރައިފައިބާނެ ފަސޭހަ ގޮތެއް ނެތެވެ. އޭގެ ފަހުން ވެސް ހެދީ ފާލަމެކެވެ.
ކަޑަތައް ޖަހައި، ހަގީގަތަކަށް ނުވި ބަނދަރުގެ އުއްމީދުތައް ސަރުކާރުތަކުން ދެއްކި އެވެ. ބަނދަރެއްގެ ނަސީބު ލައްވާނުލި ސަބަބަކީ މި ރަށުގެ އާބާދީ މަދުވެ 500 އަށް ވެސް ނޭރުމެވެ. ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓަން މަންދޫގެ މަދު މީސްކޮޅު މާބޮޑު ބާރަކަށް ނުވުމެވެ.
"ބޮޑެތި ތަންތަނުގައި ބަނދަރު ތިން ހަތަރު ފަހަރަށް އަޕްގްރޭޑްކުރެވިގެން ދާއިރު އަޅުގަނޑުމެންގެ ރަށުގެ ބަނދަރު ނުހެދި އޮތުން އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން," ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވި އެވެ.
އދ. މަންދުއަށް އަރައިފައިބަން އޮންނަ ފާލަން: އެކަހެރިކޮށް އޮތް މި ރަށަށް އެންމެ ބޮޑު ދައްޗަކީ ބަނދަރެއް ނެތުން.
އެކި ހައްލުތަކެއް ހޯދަން އުޅެ ދޫކޮށްލާފައި އޮތް މި ރަށުގައި މުދާއަރުވައި ބޭލުން އަދިވެސް އޮންނަނީ ވަރަށް ދަތިކޮށެވެ. އަތޮޅާ މުޅިން އެކަހެރިކޮށް މާ ދުރުގައި އޮންނަ މި ރަށަށް ދަތުރުފަތުރު ވެސް އެހާ އުނދަގުލެވެ. މި ތަކުލީފުތައް ލުއިވެ ރަށު ބަންދުން ވީއްލެން ދެން މާގިނަ ދުވަހެއް ނެތެވެ. އެކަމަކު މި ރަށުގެ ގިނަ ބަޔަކު އުފަލެއް ނުވެ އެވެ.
"ބަނދަރު ހަދާ ތަން ކަމަކުނުދޭ. އެއީ އަހަރެމެން އެދުނު ގޮތެއް ނޫން, ބޭނުންވި ތަނެއް ވެސް ނޫން."
މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ މަންދޫގެ ބަނދަރު: މި ސަރަހައްދުގައި ބަނދަރު ހަދަން ގިނަ ބަޔަކު ބޭނުމެއް ނުވޭ.
އެމްޓީސީސީން ބޮޑު ސަރަހައްދެއް ހިއްކައިގެން ނިންމަމުން އަންނަ މި ރަށުގެ ފުރަތަމަ ބަނދަރާ ބެހޭ ގޮތުން މި ނޫން ޖަވާބެއް ދޭ މީހަކު މި ރަށުގައި މަދެވެ.
މައްސަލައަކަށް ވީ އިރުމަތީ ފަރާތުގައި ބަނދަރު ނުހެދުމެވެ. ރައްޔިތުންގެ އެ ހުށަހެޅުން އޮއްވައި ސަރުކާރުގެ ނިންމުމަކަށް ވީ ހުޅަނގަށް ބަނދަރު ބަދަލުކުރުމެވެ. މި ސަރަހައްދު ދައްކައި ފުރަތަމަ ފޮނުވި ކޮންސެޕްޓް ކުރެހުމަށް ވެސް ރައްޔިތުން ބުނީ ނޫނެކޭ އެވެ.
ގަދަ ދުވަސްތަކުގައި ދޯނިފަހަރުތަކަށް ގެއްލުން ލިބުމާއި ދަތުރުފަތުރު އުނދަގޫވާނެތީ އެ ސަރަހައްދުގައި ބަނދަރު ބާއްވަން ބޭނުން ނުވަނީ އެވެ.
ހިޔާލުތަފާތުވުން ދިގުލައިގެން ގޮސް ދުވަސްތަކެއް ހޭދަވި އެވެ. އެންމެފަހުން 2019 ގައި އެމްޓީސީސީއާ އެކު ބަނދަރު ހަދަން ސޮއިކުރީ އެވެ.
ބަނދަރު މިހާރު ތަރައްގީކުރަނީ މި ރަށަށް އެންމެ ރަނގަޅު ސަރަހައްދުގައިކަން އެމްޓީސީސީގެ މުވައްޒަފަކު ކުރައިގެން މީހަކަށް ކިޔައިދެނީ. -- ފޮޓޯ | މިހާރު
އޭގެ ފަހުން މެއި 17, 2021 ގައި މިހާރުގެ ކައުންސިލް ހަވާލުވެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރީ ރައްޔިތުން އެދޭ ސަރަހައްދަށް ބަނދަރު ބަދަލުކުރުމެވެ. މިއީ މި ރަށުގައި ސަރުކާރުން ހިންގާ އަސާސީ ހިދުމަތުގެ ހަމައެކަނި މަޝްރޫއެވެ. ފެނާއި ނަރުދަމާއި ކަރަންޓް މި ރަށުގައި ނިންމީ، ޓޫރިޒަމަށް ބިން ކުއްޔަށް ދޫކުރި ކުންފުންޏާ އެކު ވީ އެއްބަސްވުމުގެ ދަށުން ސީއެސްއާރު ތެރޭގައި ހިމަނައިގެންނެވެ.
ސަރުކާރުން މި ރަށަށް ކޮށްދޭން އެދުނު ހަމައެކަނި ކަންތައް އެގޮތަށް ނުވީ އިރުމަތީ ފަރާތުގައި ބަނދަރު ހަދާ ނަމަ ތިލަ ފަޅުމަތިން ބޭނުންވާ ވަރަށް ޖާގަ ނުލިބުމުންނެވެ.
"ރަށުގެ ގިނަ ބަޔަކު ބޭނުންވީ އިންޖީނުގެއާ ހިސާބުން އުތުރަށް އިރު އުތުރު ފަރާތުގައި ބަނދަރު ބާއްވަން. އެ ހިސާބުން ހެދީމާ އަޅުގަނޑު ހަނދާންވާ ގޮތުން ބަނދަރު ތެރެއަށް ލިބެނީ 150 ފޫޓް. އެކަމަކު ދެ ފަރާތުގައި ތޮށިލީމާ އެއަށް ވުރެން ކުޑަވީ," ސައީދު ވިދާޅުވި އެވެ.
"ބަނދަރެއްގެ ގޮތުގައި ބޭނުންކުރަން އެކަށީގެންވާ ތަނެއްގެ ކަމަށް ގަބޫލުނުކުރެވެނީ. އެއަށް ވުރެން އުތުރަށް ޖެއްސީމާ ލިބެނީ 200 ވަރަކަށް ފޫޓް. ރަށުން 100 ފޫޓު ކަނޑަން ޖެހޭ. މިނިސްޓަރު ވިދާޅުވީ ރަށުން އެންމެ ފޫޓެއް ވެސް ކަނޑާ ނުދެއްވޭނެ ކަމަށް."
ކައުންސިލްގެ ރައީސް ސައީދު "މިހާރު"އާ ވާހަކަ ދައްކަވަނީ: ކައުންސިލުން އެންމެ ފަހުން ދޫދިނީ ބަޖެޓުގައި ނުހިމެނި އެ ޕްރޮޖެކްޓް ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވިދާޅުވި.
އިރުމަތިފަރާތުގައި ބަނދަރު ހަދަން މި ރަށުގެ ރައްޔިތުން ކުރި އުއްމީދު ހަގީގަތަށް ނުވުމުގެ ހިތްހަމަނުޖެހުން ބޮޑެވެ.
"ބަނދަރާ މެދު ރައްޔިތު ގިނަ މީހުން ހިތްހަމަނުޖެހޭ. އަހަރެމެން ބޭނުންވިތާކު ނޫން އެހަދަނީ. އެ ހަދާ އެއްޗެއް ކަމަކު ނުދޭ. ވަދެގެން އަންނައިރު ނެރު ދިގުވުމާއި އޮއިގަދަވުން ފަދަ ކަންކަމުގައި ހުރިހާ ގެއްލުމެއް ވާނީ އަހަރެމެންނަށް. އެއްގަމު ވާޓަރެއް ހަދަނީކީއެއްވެސް ނޫން. މިއީ ބަނދަރަކަށް އަހަރެމެން ގަބޫލުކުރާނެ އެއްޗެއް ނޫން." އާދަމް މުހައްމަދު 64, ބުންޏެވެ.
މި ރަށު ބަނދަރު އެމްޓީސީސީން ހަދަމުން އަންނަނީ ބޮޑު ސަރަހައްދެއް ހިއްކައިގެންނެވެ. އެތަނުގައި ބަނދަރު ހަދަން ސަރުކާރުން ނިންމި ގޮތަށް ކައުންސިލުން އެންމެ ފަހުން ދޫދިނީ ބަޖެޓުގައި ނުހިމެނި އެ ޕްރޮޖެކްޓް ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
މަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ.
"ބަނދަރު އޮތް ކޮންސެޕްޓާ އެއްގޮތަށް މަސައްކަތް ނުފެށިއްޖިއްޔާ 2022 ވަނަ އަހަރުގެ ބަޖެޓުގައި ބަނދަރު ހިމެނޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ނުލިބުނު. އެ ހިސާބުން އަޅުގަނޑުމެން މުޅި ކައުންސިލްގައި މަޝްވަރާކޮށްފައި އަޅުގަނޑުމެންގެ ތެރެއިން ނިމުނީ ރައްޔިތުންނަށް ވަކިވަކިން އޮޅުންފިލުވައިދީގެން ނަމަވެސް މި ޕްރޮޖެކްޓް ގެއްލުމަށް ވުރެން ރަނގަޅޭ މަސައްކަތް ކުރުން. ކައުންސިލްގެ އަމިއްލަ ނިންމުމެއް ނޫން ބަނދަރު އެތަނުގައި ހެދުމަކީ،" ސައީދު ވިދާޅުވި އެވެ.
ކައުންސިލުން ބުނި ގޮތުގައި ބަނދަރާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޕްލޭނިން މިނިސްޓްރީއާ ހިއްސާކުރި އެވެ.
ބަނދަރާ އެކު މި ރަށުގެ ރައްޔިތުންނަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ބޮޑު ސަރަހައްދެއް ހިއްކުމުން ބިން އިތުރުވުމެވެ.
"އަޅުގަނޑަށް ވެސް މިހާރު އެބަ ގަބޫލުކުރެވޭ ހަގީގަތުގައި އެތަނުގައި ބަނދަރު ހެދުން އެއީ ރަނގަޅު އެއްގޮތް ކަމަށް ވެދާނެ ކަމަށް. ސަބަބަކީ އެތަނުގައި ބަނދަރު ހެދުމުގެ ސަބަބުން ރަށަށް ކުޑަވަރެއްގެ ރަށެއްގެ ޖާގަ ބިމަށް އިތުރުވެއްޖެ. އެއީ ރަށްރަށުގައި މިހާރު އެންމެ މަދުވަނީ އެ ޖާގަ," ސައީދު ވިދާޅުވި އެވެ.
ބަނދަރާ އެކު މި ރަށުގެ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމަކީ ބޮޑު ސަރަހައްދެއް ހިއްކައި ބިން އިތުރުވުން.
"ޖުމްލަ ގޮތެއްގައި އެތަނުގައި ބަނދަރު ހެދުމެއް ނޫން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި. އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބަނދަރުގެ ދެކުނަށް އައި ކޮޅު 300 ފޫޓު ފުޅާ 730 ފޫޓުގެ ބަނދަރެއް މި ބަނދަރަކީ. ދެކުނަށްވާ ކޮޅު 160 ވަރަކަށް ފޫޓް ކީވޯލް ހަދާފައި ދެން އޮތް ބައި އެއޮތީ ދޫކޮށްލާފައި. އެއީ އަސްލު ކަންބޮޑުވުމަކީ. އެބައި އައިަސްރަށާ ގުޅިފައި ރަށާ ވީ ފަރާތަށް ވާޓަރު (އެއްގަމު ތޮށި) ހަދައިދޭށޭ. އެބައި ރަށާ ގުޅިފައި ނެތުން މައްސަލައަކީ,"
މިކަންބޮޑުވުން ލިއުމުން ހުށަހެޅުމުން ވެސް މިހާތަނަށް ހައްލެއް ނުފެނުނު ކަމަށް ވިދާޅުވި އެވެ.
މަންދޫ: މި ރަށަށް ބަނދަރު ލަސްވީ އާބާދީ މަދުކަމުން ކަމަށް ކައުންސިލުން ދެކޭ.
"އެމްޓީސީސީ ބޭފުޅުން މިތަނުން އެއްކޮށް މަސައްކަތް ނިންމާފައި ފައިބައިގެން ދަންދެން ވެސް އަޅުގަނޑުމެން އެދޭނަން ރަށާ ވީ ފަރާތުން 200 ފޫޓަށް ކީވޯލް ހެދޭތޯ. އެއީ އުއްމީދެއް, އަޅުގަނޑު ގަބޫލުކުރަނީ ވާނެ ކަމަށް." ސައީދު ވިދާޅުވި އެވެ.
ބަނދަރު ނިމުމުން ރަށަށް އަރާ ފޭބުމާއި މުދާ އެރުވުންވަރަށް ބޮޑު ފަސޭހަވާނެ އެވެ. އެއާއެކު މި ރަށް ތަރައްގީވުމުގެ ދޮރު ހުޅުވުނީ އެވެ. ލޯކަލް ޓޫރިޒަމްގެ ފުރުސަތުތައް އިތުރުވާނެ އެވެ. އާމްދަނީ ވަންނާނެ މަގުތައް ތަނަވަސްވާނެ އެވެ. އެހެންވިޔަސް ބަނދަރު ހެދި ސަރަހައްދާ މެދު ރައްޔިތުންގެ މެޖޯރިޓީ ތިބީ ހިތްހަމަނުޖެހިފަ އެވެ.
އެ މީހުންނަށް މި ބަނދަރު ހެދި ތަން ކަމަކު ނުދެ އެވެ.
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
އާރުޓީއެލް ފެރީން ހުވަދޫ ގުޅާލަން ތައްޔާރުވެއްޖެ
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
ސްކޫލް ނިންމާފައި މަހަށް، މިހާރު އެހެން ދިމާއަކަށް!
މި ރީތި ބިނާގެ ފަންނުވެރި ޖީލުގެ ހިލަމެއް ނެތް!
ހަންޏާމީދުއަށް ނާރައި އަލިހުރަސްކަނޑު ގިރާނުކުރެވޭ؟
ރާއްޖެ އަތުނުވެދާނެ ކަމުގެ ބިރުގައި އަށް ގަޑިއިރު
ނިލަންދޫ ރިހާކުރު ފެކްޓަރީ: ފައިސާ އުފައްދާ މެޝިނެއް!
އަޖައިބެއް ފަދަ ރީތި ތުނޑި: މި ރަށުގެ ނަސީބު