Roadha Mihaaru
"ސަރަހައްދީ ހަމަޖެހުމަށް ގުޅިގެން ކަންކަން ކުރަންޖެހޭ"

ސަރަހައްދީ މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ރަނިލް

03 ސެޕްޓެމްބަރ 2019

ރާއްޖެ އާއި ސްރީ ލަންކާ އަކީ ވެސް ވަކި ފަރާތަކަށް ނުޖެހޭ ދެ ގައުުމު ކަމަށާއި ސަރަހައްދީ މައްސަލަތައް ހައްލުކުރަން ދެ ގައުމުން ގުޅިގެން މަަސައްކަތް ކުރަންޖެހޭ ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި ސްރީ ލަންކާ އަކީ ވެސް ވަކި ފަރާތަކަށް ނުޖެހޭ ދެ ގައުުމު ކަމަށާއި ސަރަހައްދީ މައްސަލަތައް ހައްލުކުރަން ދެ ގައުމުން ގުޅިގެން މަަސައްކަތް ކުރަންޖެހޭ ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް އެ މަޖިލީހުގައި މިއަދު ތަގުރީރު ކުރައްވަމުން ރަނިލް ވިދާޅުވީ، ރާއްޖެ އާއި ލަންކާއާ ދެމެދު ޒަމާނުއްސުރެ އޮތީ އެއް ގައުމުން އަނެއް ގައުމަށް ފަސޭހަ ކޮށްދޭ ގުޅުމެއް ކަމަށެވެ. ރަނިލް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ބޮޑު ބަޔަކީ ވިޔަފާރީގެ ގުޅުމެވެ. އަދި އެ ވިޔަފާރި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސްރީ ލަންކާ އާއި ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގެ ހަތަރު އަނގޮޅީގައި އޮތް، ބޮޑުވަމުން އަންނަ ސަރަހައްދީ ނުތަނަވަސް ކަމާއި ޓެރަރިޒަމާއި ކަނޑުފޭރުމާއި ޑްރަގް ޓްރެފިކިންއާ ކުރިމަތިލާން ޖެހިފައިވާ، ވަކި ފަރާތަކަށް ނުޖެހޭ ދެ ގައުމު. އެހެންވީމާ މި ދާއިރާގައި އަޅުގަނޑުމެން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، މި މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރަން ޖެހޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް ދެ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިއުމުގެ ނުރައްކާ ރާއްޖެ އަށް ކުރިމަތިވެފައި ވާއިރު، އެ މައްސަލަ އަށް ހައްލު ހޯދަން ރާއްޖޭން ކުރާ މަސައްކަތްތަކަށް ލަންކާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހެޅިން ރައީސް ސޯލިހަށް ވެސް މި މައްސަލަތަކާ ގުޅޭ މަސައްކަތްތައް ބައިނަލް އަގުވާމީ މަސްރަހުގައި ވެސް ދެ ގައުމުން ގުޅިގެން ކުރަން،" ރަނިލް ވިދާޅުވި އެވެ.

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، ރާއްޖޭގެ ވަފުދެއް އެ ގައުމަށް ގޮސް ދިން އެއްބާރުލުމަށް ރަނިލް ޝުކުރު އަދާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރަނގަޅު ވަގުތުގައި ދިން ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަނީ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަނީ.

ލަންކާގައި ދިން އީސްޓާ ސަންޑޭ ހަމަލާތަކަށް ފަހު، އެ ގައުމުގައި ރައްކާތެރިކަން އޮތްކަން ދެއްކުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އިސްވެ ހުންނެވި ބޮޑު ވަފުދެއް އެ ގައުމަށް ދިޔަ އެވެ.

ރަނިލް މި ފަހަރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން އެއްބަސްވީ ކަންތައްތަކާ ބެހޭ ގޮތުން ވެސް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން، ގުނަވަން ޓްރާންސްޕްލާންޓްގެ ހިދުމަތް ދިވެހިންނަށް ދިނުމަށް ލަންކާ އިން އެއްބަސްވެފައިވާ ކަމަށާއި ވިސާ ދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަައިދޭން އެއްބަސްވެފައިވާކަމަަށް ވިދާޅުވި އެވެ.

ރަނިލް އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވައިފަ އެވެ. އެ އަށް ފަހު ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި ރަނިލް ވިދާޅުވީ، ދިވެހިންނަކީ ބިދޭސީންގެ ގޮތުގައި ސްރީ ލަންކާގެ މީހުން އެއް އިރަކު ވެސް ނުދެކޭ ކަމަށާއި ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަނީ އެހާ ވެސް ގާތް ގުޅުމެއް ކަމަށެވެ.

ރަނިލްގެ އަރިހުގައި ލަންކާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެ އެވެ.

ރާއްޖޭގައި މިއަދު ފަށާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރަނިލް އާއި އެމަނިކުފާނުގެ ވަފުދުން ބައިވެރިވާނެ އެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް 2019 ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންފަރެންސްގައި 35 ގައުމަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި 16 ގައުމެއްގެ މިނިސްޓަރުންނާއި 10 ގައުމެއްގެ އިލްމުވެރިން ބައިވެރިވާނެ އެވެ.

ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ގައުމުތަކަށް ހުރި ގޮންޖެހުންތައް ހިމެނެ އެވެ.