Roadha Mihaaru

ބަރީ އެފްސީ އިނގިރޭސި ލީގުން ވަކިކޮށްފި

ލަންޑަން (އޮގަސްޓް 28) – ކްލަބް ގަންނަން މަސައްކަތްކުރި ކުންފުނިން ފަހު ވަގުތު ފެޔަށް ޖެހުމާ އެކު، އިންގްލެންޑުގެ ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ކުރީގެ ގަދަބާރު ބަރީ އެފްސީ ހިންގާނެ ބަޔަކު ނެތުމުން ލީގުގެ މެމްބަޝިޕް ގެއްލިއްޖެ އެވެ.

ބަރީ އެފްސީ އިނގިރޭސި ލީގުން ވަކިކޮށްފި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

28 އޯގަސްޓް 2019

ލަންޑަން (އޮގަސްޓް 28) – ކްލަބް ގަންނަން މަސައްކަތްކުރި ކުންފުނިން ފަހު ވަގުތު ފެޔަށް ޖެހުމާ އެކު، އިންގްލެންޑުގެ ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ކުރީގެ ގަދަބާރު ބަރީ އެފްސީ ހިންގާނެ ބަޔަކު ނެތުމުން ލީގުގެ މެމްބަޝިޕް ގެއްލިއްޖެ އެވެ.

މިދިޔަ ސީޒަނުގައި ހަތަރު ވަނަ ޑިވިޝަނުން ތިން ވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ބަރީ އެފްސީ އަށް ދިމާވި މާލީ މައްސަލަތަކާ އެކު އެ ކްލަބް ގަންނާނެ ބަޔަކު ހޯދަން ދިން މުއްދަތުގައި ކުންފުންޏަކުން އެ ކްލަބުން ގަންނަން ޝައުގުވެރިވި އެވެ. އެކަމަކު މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް އެ ކުންފުނިން އެންގީ ކުރިއަށް ދެވެން ނެތް ކަމަށެވެ.

މި ކްލަބަކީ އިންގްލިޝް ޕްރިމިއާ ލީގު ފިޔަވައި އަނެއް ތިން ޑިވިޝަން ހިމެނޭ އިންގްލިޝް ފުޓްބޯލް ލީގު (އީއެފްއެލް) އިން 1992 ވަނަ އަހަރު މެއިޑްސްޓޯން ޔުނައިޓެޑް ވަކިކުރި ކުރިން ފަހުން ވަކިކުރި ފުރަތަމަ ކްލަބެވެ. އީއެފްއެލް އަކީ 1888 ވަނަ އަހަރު އުފެދި 1992 ވަނަ އަހަރާ ހަމަޔަށް އިނގިރޭސި އެންމެ މަތީ ޑިވިޝަނެވެ. އެކަމަކު ޕްރިމިއާ ލީގު އުފެދުމާ އެކު އީއެފްއެލްގެ އެންމެ މަތީ ޑިވިޝަން ބަދަލުވެގެން ދިޔައީ ދެ ވަނަ ޑިވިޝަނަށެވެ.

"މިއަދަކީ ލީގުގެ ތާރީހުގައި، އެއްވެސް ޝައްކެއް ނެތް ގޮތެއްގައި އެންމެ އަނދިރި އެއް ދުވަސް،" އީއެފްއެލްގެ އެގްޒެކެޓިވް ޗެއާމަން ޑެބީ ޖީވަންސް ވިދާޅުވި އެވެ.

ބަރީގެ ވާދަވެރި ކްލަބް ކަމަށްވާ ބޯލްޓަން ވޮންޑަރާސް އަށް އިއްޔެ ވަނީ ގަންނާނެ ބަޔަކު ހޯދަން 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ ކްލަބް ވެސް ވަކިކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ކްލަބުން މިވަގުތު ލީގުގައި ވާދަކުރަނީ ޒުވާން ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ.

ބަރީގެ މެމްބަޝިޕް އުވާލުމާ އެކު މި ސީޒަނުގެ ތިން ވަނަ ޑިވިޝަން ކުރިއަށްގެންދާނީ 23 ޓީމާ އެކު އެވެ. އެހެންވެ ހަތަރު ޓީމުގެ ބަދަލުގައި ރެލިގޭޓް ވާނީ ތިން ޓީމެވެ.

އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ބަރީ އެފްސީ އަކީ ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އިންޑިއާގެ ބައިޗުން ބުޓިއާ 1999-2004 އަށް ކުޅުނު ކްލަބެކެވެ.