Roadha Mihaaru
ކަޝްމީރުން ސިފައިންތަކެއް މަރާލުމުން އިންޑިއާ ރުޅިގަދަވެއްޖެ

ކަޝްމީރުން ސިފައިންތަކެއް މަރާލުމުން އިންޑިއާ ރުޅިގަދަވެއްޖެ

19 ސެޕްޓެމްބަރ 2016

ނިއު ދިއްލީ (ސެޕްޓެމްބަރު 19) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒަކަށް ހަނގުރާމަވެރިން ހަމަލާދީ 17 ސިފައިން މަރާލުމުން އިންޑިއާ އިން ރުޅިގަދަވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ސެޕްޓެމްބަރު 19) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒަކަށް ހަނގުރާމަވެރިން ހަމަލާދީ 17 ސިފައިން މަރާލުމުން އިންޑިއާ އިން ރުޅިގަދަވެއްޖެ އެވެ.

ހަމަލާ ދިން ހަތަރު ހަނގުރާމަވެރިން ވެސް ވަނީ މަރާލައިފަ އެވެ. ބަޑި އާއި އަތު ބޮން ހިފައިގެން އެ މީހުން ވަދެފައި ވަނީ ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރީގައިވާ އުރީގެ އަސްކަރީ މަރުކަޒަކަށެވެ. މިއީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ ކަޝްމީރުގައި ދިން މި ބާވަތުގެ އެންމެ ނުރައްކާ ހަމަލާ އެވެ.

މި ހަމަލާއާ ގުޅިގެން އިންޑިއާގެ ހޯމް މިނިސްޓަރު ރަޖުނާތު ސިންގް ވިދާޅުވެފައި ވަނީ ޕާކިސްތާނަކީ "ޓެރަރިސްޓް ދައުލަތެއް" ކަމަށެވެ.

ސިންގް ވިދާޅުވީ އުރީގައި ހަމަލާ ދީފައި ވަނީ ވަރަށް ރަނގަޅަށް ތަމްރީނު ލިބި އަދި ހަތިޔާރު ވެސް ފަސޭހަ އިން ލިބިފައިވާ ބައެއް ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

"ޕާކިސްތާނުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީވަމުން ދިއުމަކީ ވަރަށް ހިތާމަހުރި ކަމެއް،" ސިންގް ވިދާޅުވި އެވެ.

ހަމަލާ ދިން އަސްކަރީ މަރުކަޒު ހިމެނޭ ސަރަހައްދު މަތިން އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ދަތުރު ކުރަނީ.

ހަމަލާ ދިން އަސްކަރީ މަރުކަޒު ހިމެނޭ ސަރަހައްދު މަތިން އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ދަތުރު ކުރަނީ.

ނަމަވެސް ޕާކިސްތާނުން ވަނީ މިއީ އެ ގައުމާ ގުޅުން ހުރި ހަމަލާއެއް ނޫން ކަމަށް ބުނެފަ އެވެ. ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެެއް ނުވެ އެވެ.

"މިއީ ހަމަ އިންޑިއާގެ އާދަ. އެއްވެސް ތަހުގީގެއް ކުރުމެއް ނެތި ޕާކިސްތާނުގެ ބޮލުގައި ވަރަށް އަވަހަށް އަޅުވާނެ،" ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނަފީސް ޒަކަރިއްޔާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ މިލިޓަރީ އޮޕަރޭޝަނުގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ރަންބީރު ސިންގް ވިދާޅުވީ ހަމަލާދީފައި ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބައެއް ކަމަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ހަމަލާ ދިން މީހުން ގެންގުޅުނު ބައެއް ތަކެތިން ޕާކިސްތާނުގެ މާކްތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޝްމީރުގައި ހަމަލާ ދީފައި މި ވަނީ އެ ސްޓޭޓުގައި ހަމަނުޖެހުން ހިނގަމުންދާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. ހަމަޖެހުން އުފައްދާ މީހުން މައިތިރި ކުރުމަށް އިންޑިއާ ސިފައިން ބާރުގެ ބޭނުން ކުރަމުންދާ އިރު ކަޝްމީރުގައި ވަނީ ކާފިއު ވެސް އިއުލާން ކޮށްފަ އެވެ. ކަޝްމީރުގައި އެންމެ ފަހުން ހިނގަން ފެށި ހަމަނުޖެހުންތަކުގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.