Roadha Mihaaru
"ސައްތޭ ޕޭ ސައްތާ" ގެ ރޯލެއް އަނުޝްކާ އަށް؟

ފަރާ ހާންގެ "ސައްތޭ ޕޭ ސައްތާ" ގެ ރޯލެއް އަނުޝްކާ ޝަރުމާ އަށް؟

27 އޯގަސްޓް 2019

ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަަށް ފަރާ ހާން ޑައިރެކްޓްކޮށްދޭން ހަމަޖެހިފައިވާ ކުރީގެ ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ކާސްޓާ ބެހޭ ގޮތުން އަނެއްކާ ވެސް އާ ވާހަކައެއް ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަަށް ފަރާ ހާން ޑައިރެކްޓްކޮށްދޭން ހަމަޖެހިފައިވާ ކުރީގެ ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ކާސްޓާ ބެހޭ ގޮތުން އަނެއްކާ ވެސް އާ ވާހަކައެއް ދައްކަން ފަށައިފި އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 1982 ގައި ރިލީޒްކުރި ފިލްމުގައި އަމީތާބް ބައްޗަންގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޝާހްރުކް ހާން ނުވަތަ ރިތިކް ރޯޝަނެވެ. އަދި ހެމާ މާލިނީގެ ރޯލުން ފެނުން ގާތީ ދީޕިކާ ޕަދްކޯން ނުވަތަ ކެޓްރީނާ ކެއިފެވެ.

މިހާރު މީޑިއާތަކުން ބުނަނީ ފަރާގެ ފިލްމުގެ ރޯލަކަށް އަނުޝްކާ ޝަރުމާ އަށް ހުށަހަޅާފައިވާ ކަމަށާއި އެ ރޯލަށް އޭނާ އެއްބަސްވާނެ ކަމުގެ ސިގްނަލް ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް "ސައްތޭ ޕޭ ސައްތާ" ގެ ރިމެކުން އަނުޝްކާ އަށް ހުށަހެޅީ އޮރިޖިނަލް ފިލްމުގައި ކޮން ބަތަލާއަކު ކުޅުނު ރޯލެއް ކަމެއް ނުބުނެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު މިހާތަނަށް އަނުޝްކާ އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ. އޭނާ މިހާރު އާންމުކޮށް އުޅެނީ ފިރިމީހާ އަދި ކްރިކެޓް ތަރި ވިރާޓް ކޯލީއާ އެކު ކްރިކެޓް މުބާރާތްތަކުގެ ދަތުރުތަކުގަ އެވެ.

ރާޖް އެން ސިއްޕީ ޑައިރެކްޓްކުރި "ސައްތޭ ޕޭ ސައްތާ" ގެ ލީޑް ބަތަލާއިންގެ ތެރޭގައި ހިމެނެނީ ހެމާ މާލިނީ އާއި ރަންޖީތާ ކޯރްގެ އިތުރުން ސަރީކާ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ސައްތޭ ޕޭ ސައްތާ" އަކީ ފާމްހައުސްއެއްގައި ދިރިއުޅޭ ހަތް ބެއިންގެ ވާހަކަ ކިޔައިދޭ އެކްޝަން ކޮމެޑީއެކެވެ.

މި ފިލްމުގެ ރިމެކެއް ފަރާ ހަދާ ވާހަކަ އާއި އޭގެ ކާސްޓާ ބެހޭ ގޮތުން މީޑިއާތަކުން މިހާތަނަށް ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ފަރާ އެއްވެސް އެއްޗެއް ނުބުނެ އެވެ. ގިނަ ބަޔަކު އަންނަނީ އޭނާ ފިލްމު ރަސްމީކޮށް ލޯންޗްކުރާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

ރޯހިތުގެ ކުންފުންޏަށް ހަތަރު ފިލްމެއް ޑައިރެކްޓްކޮށްދޭން ފަރާ ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.