Roadha Mihaaru
"ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ނުހަދާނެ؟

"ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ނުހަދާނެ؟

25 އޮކްޓޯބަރ 2020

ފަރާ ޚާން ޑައިރެކްޓްކުރާނެ ކަމަށް ބެލެވުނު ކުރީގެ ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ނުހަދަން މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަރާ ޚާން ޑައިރެކްޓްކުރާނެ ކަމަށް ބެލެވުނު ކުރީގެ ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ނުހަދަން މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު ކުންފުނި ރޯހިތު ޝެޓީ ޕިކްޗާޒް އަށް ފިލްމެއް ހަދައިދޭން ފަރާ ސޮއިކުރި އިރު، އެ ފިލްމަކީ 1982 ގައި އަމީތާބް ބައްޗަނާއި ހެމާ މާލިނީ ކުޅުނު ކާމިޔާބު ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ކަމަށް ވަރަށް ގަދައަށް އަޑުއެރި އެވެ.

ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނަނީ އެ ފިލްމު ނުހަދަން ނިންމީ ރަސްމީކޮށް "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކެއްގެ ގޮތުގައި ފަރާ ފިލްމު ހަދަން ބޭނުން ނުވާތީ، އިންޑިއާގައި މިހާރު އަމަލުކުރަމުން އަންނަ ކޮޕީރައިޓްގެ ގާނޫނުގެ ދަށުން އެކަން ކުރަން ހުރަހަކަށްވެފައިވާތީ އެވެ. އެހެންވެ "ސައްތޭ ޕޭ ސައްތާ" ގެ އަސްލަކަށް ބަލައިގެން ފިލްމު ނުހަދަން ނިންމީ ކަމަށް ބުންޏެވެ.

އެ ފިލްމަކީ 1954 ގައި ޑައިރެކްޓަރު ސްޓޭންލީ ޑޯނެން ގެނެސްދިން ހޮލީވުޑްގެ މިއުޒިކަލް ކޮމެޑީ "ސެވެން ބްރައިޑްސް ފޯ ސެވެން ބްރަދާޒް" އަށް ބިނާކޮށް ރާޖް އެން ސިއްޕީ ގެނެސްދިން ފިލްމެކެވެ.

އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން ފިލްމުގައި ކިޔައި ދެނީ ހަތް ބެއިންނާއި އެ މީހުންގެ ލޯބިވެރިންގެ ވާހަކަ އެވެ. އަމީތާބާއި ހެމާއާ އެކު "ސައްތޭ ޕޭ ސައްތާ" ގެ ކާސްޓްގައި ޝަކްތީ ކަޕޫރާއި ރަންޖީތާ ކޯރް އާއި ސަޗިން އާއި ޕައިންޓާލް އާއި އިންދަރުޖީތު އާއި ކަންވަލްޖީތު ސިންގް އާއި ޝޯބިނީ ސިންގް އާއި މެކް މޯހަނާއި އަމްޖަދު ޚާން ވެސް ހިމެނެ އެވެ.

މި ފިލްމުގެ ރިމޭކެއް ހަދަން ފަރާ އުޅޭ ވާހަކަ ފެތުރުނު އިރު، ފިލްމުގެ ލީޑުން ފެންނާނެ ކަމަށް ބުނެ އެކިއެކި ތަރިންގެ ނަންތައް ވެސް މީޑިއާތަކަށް ތިލަވި އެވެ. އޭގެ ތެރޭގައި އަމީތާބާއި ހެމާގެ ރޯލްތައް ކުޅޭނެ ކަމަށް ބުނި ތަރިންގެ ތެރޭގައި ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކެއިފާއި ރިތިކް ރޯޝަނާއި އަނުޝްކާ ޝަރުމާ ފަދަ ތަރިން ހިމެނެ އެވެ. އަދި ފަހުން އެރި އެއް އަޑަކީ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކް ހެދުމުގެ ފުރުސަތު ލިބުނީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަނަށް ކަމަށެވެ.

ކޮރިއޮގްރަފާރެއްގެ ގޮތުގައި މަޝްހޫރުވި ފަރާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 "ހެޕީ ނިއު އިޔާ" އެވެ. އޭނާ ފިލްމެއް ގެނެސްދޭން ރޯހިތާ އެކު އެއްބަސްވުމެއް ހެދި ނަމަވެސް ހަދަން އުޅޭ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.