Roadha Mihaaru
ފަރާގެ އައު ފިލްމުން ދީޕިކާ ފެނިދާނެ

ފަރާ ހާންގެ އައު ފިލްމުން ދީޕިކާ ޕަދްކޯން ފެނިދާނެ

09 ފެބުރުއަރީ 2019

ރޯހިތުގެ ޝެޓީގެ ފިލްމު ކުންފުންޏަށް، ފަރާ ހާން ޑައިރެކްޓްކޮށްދޭ ފިލްމުގެ ބަތަލާގެ ރޯލުން ދީޕިކާ ޕަދްކޯން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޯހިތުގެ ޝެޓީގެ ފިލްމު ކުންފުންޏަށް، ފަރާ ހާން ޑައިރެކްޓްކޮށްދޭ ފިލްމުގެ ބަތަލާގެ ރޯލުން ދީޕިކާ ޕަދްކޯން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި އަދި ނަން އިއުލާންކޮށްފައި ނުވާ މި އެކްޝަން ރޮމޭންޓިކް ކޮމެޑީގެ ބަތަލާއަކީ ފިލްމުގެ ވަރަށް ވަރުގަދަ ކެރެކްޓާއަކަށްވެފައި، އެ ރޯލަށް ދީޕިކާ ވަރަށް ފިޓްވާތީ އޭނާ އަށް ފިލްމު ހުށަހަޅާފައިވެ އެވެ. އެކަމަކު މިކަން އަދި ކަށަވަރެއް ނޫނެވެ.

ފަރާއަކީ 2007 ގައި ދީޕިކާ ބޮލީވުޑަށް ނެރެދިން ޑައިރެކްޓަރު ވެސް މެ އެވެ. އެއީ ޝާހްރުކް ހާނާ އެކު ފިލްމު "އޯމް ޝާންތީ އޯމް" އިންނެވެ. މީގެ އިތުރުން 2014 ގައި ފަރާ ގެނެސް ދިން ފިލްމު "ހެޕީ ނިއު އިޔާ" ގައި ވެސް ލީޑް ރޯލް ކުޅުނީ ޝާހްރުކާއި ދީޕިކާ އެވެ.

އެހެންވެ ފަރާގެ ފަރާތުން ލިބޭ ފުރުސަތެއް ދީޕިކާ ދޫކޮށްލާނެ ކަމަކަށް ނުބެލެވެ އެވެ. އޭނާ މިހާރު އަންނަނީ އަންނަ މަހު ޝޫޓިން ފަށާ މެގްނާ ގުލްޒާރު ހަދާ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" ގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.

ރޯހިތާ ގުޅިގެން ފަރާ ފިލްމެއް ހަދާ ވާހަކަ ހިއްސާ ކުރުމާ އެކު، ވަރަށް ގިނަ ބަޔަކު އަންނަނީ މީގެ ބަތަލުގެ ރޯލް ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ވެސް ބަހުސް ކުރަމުންނެވެ. ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި ޝާހްރުކަށް ފިލްމުގެ ބަތަލުގެ ރޯލް ދީފާނެ އެވެ.

"އަހަރެން މިހާރު މިހުރީ ރޯލް ކެމެރާ، އެކްޝަން ކިޔަން ކެތްމަދުވެފައި. އަނެއްކޮޅުން ކޮއްކޮއެއް ކަހަލަ ރޯހިތު ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" މޭ ހޫ ނާ އާއި ތީސް މާރް ހާން ވެސް ގެނެސް ދިން ފަރާ ބުންޏެވެ.

ދޯޕިކާ ވަނީ ރޯހިތު ޑައިރެކްޓް ކުރި ފިލްމެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ 2013 ގައި ޝާހްރުކް ހާނާ އެކު "ޗެންނައި އެކްސްޕްރެސް" ގަ އެވެ.

ރޯހިތު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް ލީޑް ރޯލް ކުޅެ، މިދިޔަ ޑިސެމްބަރުގައި ނެރުނު "ސިމްބާ" އެވެ.