Roadha Mihaaru
"ޕަތާން"ގެ ޑިޖިޓަލް ރިލީޒް އިތުރު މަންޒަރުތަކާ އެކު

"ޕަތާން"ގެ ޑިޖިޓަލް ރިލީޒް އިތުރު މަންޒަރުތަކާ އެކު

17 މާޗް 2023

ބޮކްސްއޮފީހުގައި ގިނަ ރެކޯޑުތަކެއް މުގުރާލި ފިލްމު "ޕަތާން"، އިތުރު މަންޒަރުތަކާ އެކު ޑިޖިޓަލްކޮށް ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮކްސްއޮފީހުގައި ގިނަ ރެކޯޑުތަކެއް މުގުރާލި ފިލްމު "ޕަތާން"، އިތުރު މަންޒަރުތަކާ އެކު ޑިޖިޓަލްކޮށް ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

"ބޮކްސްއޮފީސް ވޯލްޑްވައިޑް" ނޫހުން ބުނީ، އެ ފިލްމުގެ އޯޓީޓީ ވާޝަން ވަރަށް އަވަހަށް ސްޓްރީމިން ޕްލެޓްފޯމް، އެމަޒޯން ޕްރައިމްގައި ޕްރިމިއާ ކުރާނެ ކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ސިދްހާތު އާނަންދުއާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ޑިޖިޓަލްކޮށް ރިލީޒްކުރާނީ ތިއެޓްރިކަލް ރިލީޒުގައި ނުފެންނަ، ޑިލީޓްކޮށްފައި ހުރި މަންޒަރުތައް ހިމަނައިގެންނެވެ.

އެނޫން ވެސް އެތައް ސަޕްރައިޒްތަކެއް، އަންނަ އޭޕްރިލް މަހު ނެރެން ތައްޔާރުވާ "ޕަތާން" ގެ އޯޓީޓީ ރިލީޒްގައި ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ޕަތާން" ގެ މަންޒަރުތަކެއް ފެންނަ ކުރު ޓީޒާއެއް ޕްރައިމް ވީޑިއޯ އިންޑިއާގެ ޓްވިޓާގައި ވެސް ވަނީ ދައްކާލައިފަ އެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ރިލީޒާ އެކު ފްލޮޕްވަމުން އަންނައިރު، މިދިޔަ ޖެނުއަރީ މަހު ސިނަމާތަކުގައި އެޅުވި "ޕަތާން" އަދިވެސް އުޅެނީ ބޮކްސްއޮފީހުގައި ވަރުގަދަކޮށެވެ. މިހާތަނަށް އެ ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 130 މިލިއަން ޑޮލަރު ފަހަނަޅައިފަ އެވެ.

ހަތަރު އަހަރަށް ފަހު ޝާހްރުކް ހާން ސިނަމާއަށް އައި އެ ފިލްމަކީ، ސިނަމާގެ ތާރީހުގައި ހިންދީ ބަހުން ނެެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

އެ ފިލްމުގައި ޝާހުއާ އެކު ދީޕިކާ ޕަދުކޯން ފެންނައިރު، ވިލަންއެއްގެ ރޯލު ކުޅެނީ އެކްޓަރު ޖޯން އަބްރަހަމް އެވެ. އަދި ފިލްމުގެ ކެމިއޯއެއް ގޮތުގައި ސަލްމާން ހާން ފެނުން މަންޒަރަށް ގިނަބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.