Roadha Mihaaru
"ޒީރޯ" ގެ ނާކާމިޔާބީން ޝާހްރުކްގެ އަގު 100 ކްރޯޑަށް

"ޒީރޯ" ގެ ނާކާމިޔާބީ އަށް ފަހު ޝާހްރުކްގެ އަގު 100 ކްރޯޑަށް

27 މާޗް 2021

ބެލުންތެރިން ބަލައިނުގަތް ނާކާމިޔާބު ފިލްމު "ޒީރޯ" އަށް ފަހު އެކްޓިންއާ ދުރުގައި ހުންނަތާ ތިން އަހަރު ފަހުން ޝާހްރުކް ޚާން މިހާރު ކުޅެން ފަށާފައި އޮތް ފިލްމު "ޕަތާން" އަށް އޭނާ އެއްބަސްވީ 100 ކްރޯޑް ރުޕީސް (13.76 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިން ބަލައިނުގަތް ނާކާމިޔާބު ފިލްމު "ޒީރޯ" އަށް ފަހު އެކްޓިންއާ ދުރުގައި ހުންނަތާ ތިން އަހަރު ފަހުން ޝާހްރުކް ޚާން މިހާރު ކުޅެން ފަށާފައި އޮތް ފިލްމު "ޕަތާން" އަށް އޭނާ އެއްބަސްވީ 100 ކްރޯޑް ރުޕީސް (13.76 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެއީ މީގެ ކުރިން ޝާހްރުކް ފިލްމެއް ކުޅެފައިވާ އަގަކަށް ނުވާތީ މިއީ ފިލްމަކަށް އޭނަ އެންމެ ބޮޑު އަގަކަށް އެއްބަސްވި ފުރަތަމަ ފަހަރެވެ. ޝާހްރުކަކީ ކުޅޭ ފިލްމުތަކަށް ކިޔާ އަގުގެ އިތުރުން ސިނަމާތަކުގައި ފިލްމު ދައްކައިގެން ލިބޭ އާމްދަނީން ވެސް ބައިއަޅާ ގޮތަށް ފިލްމުތަކަށް އެއްބަސްވާ މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން އަކްޝޭ ކުމާރަކީ މި ފަހުން 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑުކޮށް ފިލްމުތަކަށް އެއްބަސްވާ އެކްޓަރެކެވެ. އެގޮތުން އޭނާ މި އަހަރުގެ ފަހުން 135 ކްރޯޑް ރުޕީސް (18.56 މިލިއަން ޑޮލަރު) އަށް ވުރެ ކުޑަކޮށް ފިލްމަކަށް އެއްބަސް ނުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަންނަ މެއި 28 ގައި ރިލީޒްކުރާ "ބެލް ބޮޓަމް" އަކީ އަކްޝޭ 100 ކްރޯޑަށް ސޮއިކުރި ފިލްމެކެވެ. އެހެންވެ މި ވަގުތު ބޮލީވުޑްގައި އެންމެ އަގު ބޮޑުކޮށް ފިލްމު ކުޅެނީ އަކްޝޭ އާއި ޝާހްރުކެވެ.

"ޕަތާން" އަކީ ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތައް ގެނެސްދިން އެއް ސްޓޫޑިއޯ ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. އޭނާއާ ގާތް އެކުވެރިކަމެއް އޮންނަ އަދިތިޔާ ޗޯޕްޅާ ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ ސިދާތު އާނަންދެވެ.

"ޕަތާން" ގެ ލުކްގައި ޝާހްރުކް.

ބޮޑު ބަޖެޓަކުން ހަދާ "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ.

"ޕަތާން" ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މި ފިލްމުގެ ފަހުން ޝާހްރުކް ކުޅޭނެ ކަމަށް ބެލެވެނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ސޯޝަލް ކޮމެޑީއެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" ރިލީޒްކުރީ 2018 ގަ އެވެ.