Roadha Mihaaru
ޝާހްރުކްގެ "ޕަތާން"ގެ ކްރޫއާ ޖޯން ގުޅިއްޖެ

ޝާހްރުކް ޚާންގެ "ޕަތާން"ގެ ކްރޫއާ ޖޯން އަބްރަހަމް ގުޅިއްޖެ

08 އެޕްރީލް 2021

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް ޝާހްރުކް ޚާންގެ ފިލްމު "ޕަތާން"ގެ ކްރޫއާ ޖޯން އަބްރަހަމް ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް ޝާހްރުކް ޚާންގެ ފިލްމު "ޕަތާން"ގެ ކްރޫއާ ޖޯން އަބްރަހަމް ގުޅިއްޖެ އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގެ މައި ވިލަންގެ ރޯލު ޖޯން ކުޅޭ އިރު، އަންގާރަ ދުވަހު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ސްޓޫޑިއޯގައި ފިލްމުގެ ޝޫޓިންގެ ތެރޭގައި ޖޯން އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. އެ ފޮޓޯތަކުގައި ޖޯން ފެންނަނީ ޑައިރެކްޓަރާ އެކު އެވެ.

"ޕަތާން"ގެ ޝޫޓިން މިދިޔަ އަހަރު ފެށި ނަމަވެސް މި ފިލްމާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް އެ ފިލްމު ހަދާ ވައިއާރްއެފުން ރަސްމީކޮށް އަދި ހިއްސާކޮށްފައެއް ނުވެ އެވެ. މުމްބާއީގައި ފިލްމުގެ ގިނަ މަންޒަރުތަކެއް މިހާރު ނަގާފައިވާ އިރު މީގެ ވަރަށް މުހިއްމު އެކްޝަން މަންޒަރުތަކެއް ދުބާއީގެ ބުރުޖް ޚަލީފާގައި ޝޫޓްކުރަން ހަމަޖެހިފައިވެ އެވެ.

ނަމަވެސް ޔޫއޭއީ ޝެޑިއުލް މި ވަގުތަށް ފަސްކޮށްފައި އޮތީ ކޮވިޑް-19 ގެ ހާލަތާ ހެދި އެވެ.

"ޕަތާން"ގެ ވިލަންގެ ރޯލު ޖޯން ކުޅޭ އިރު، މިއީ ޝާހްރުކްގެ ފިލްމެއްގައި އޭނާ ބޮޑު ރޯލެއް ފުރަތަމަ ފަހަރެވެ. އަދި މި ފިލްމުން ދެ ތަރިންގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައިދޭނެ އެވެ. "ޕަތާން"ގެ ކްރޫއާ ގުޅުމުގެ ކުރިން ޖޯން ވަނީ "އެޓޭކް" އާއި "ސަރުދާރު ކާ ގްރޭންޑްސަންގެ އިތުރުން "ސަތިއަމޭވް ޖަޔަތޭ 2" ގެ ޝޫޓިން ނިންމާލައިފަ އެވެ. އަދި އޭނާ އަންނަނީ ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން ރިޓާންސް" ގެ މަސައްކަތް ވެސް މި ދުވަސްކޮޅު ކުރަމުންނެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "މުމްބާއީ ސާގާ" އެވެ.

ދެހާސް އަށާރައިގެ "ޒީރޯ" އަށް ފަހު އެކްޓިންއާ ދުރުގައި ހުރުމަށް ފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމު "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ. އަދި މީގެ ވަރަށް ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ.

ބެލެވޭ ގޮތުން އަދިތިޔާ ޗޯޕްޅާ ޕްރޮޑިއުސްކުރާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.