Roadha Mihaaru
ދުބާއީގައި ޔޯގާ އިޝްތިހާރުކުރި ގޮތް ހޫނުވެއްޖެ

ދުބާއީގައި ޔޯގާ އިޝްތިހާރުކުރަން ބެހެއްޓި ބިލްބޯޑެއްގެ މައްސަލަ ހޫނުވެއްޖެ

22 އޯގަސްޓް 2019

ދުބާއީގައި ޔޯގާ އިޝްތިހާރު ކުރި ގޮތަކުން މައްސަލަ ހޫނުވެ، އިޝްތިހާރުކުރަން ބެހެއްޓި ބިލްބޯޑް ނަގައި އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުބާއީގައި ޔޯގާ އިޝްތިހާރު ކުރި ގޮތަކުން މައްސަލަ ހޫނުވެ، އިޝްތިހާރުކުރަން ބެހެއްޓި ބިލްބޯޑް ނަގައި އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.

ދުބާއީގެ އެންމެެ މަޝްހޫރު އެއް މަގު ކަމަށްވާ ޝެއިހް ޒައިދު މަގުގައި ހަރުކުރި ބިލްބޯޑެއްގައި ބުނީ އެއްވެސް ބޭހަކާ ނުލައި ސީދާ ޔޯގާ ހަދައިގެން 10 ދުވަހުގެ ތެރޭގައި ޑިޕްރެޝަނާއި މައިގްރޭން އަދި އެންޒައިޓީ ކަހަލަ ބަލިތަކަށް ފަރުވާ ހޯދޭ ކަމަށެވެ

މި ބިލްބޯޑާ ގުޅިގެން ދުބާއީގެ ވަރަށް ގިނަ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ސޯޝަލް މީޑިއާގައި އެއަށް ފާޑުކިޔައި، އެފަދަ ބިލްބޯޑެއް މަގުމަތީގައި ބެހެއްޓުނީ ހެލްތު މިނިސްޓްރީގެ ހުއްދަ އޮވެގެންތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.

މި މައްސަލަ ސީރިއަސްކޮށް ނެގި ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ޔޯގާ އިން 10 ދުވަހުގެ ތެރޭގައި ބަލިތަކަށް ފަރުވާ ލިބޭނެ ކަމަށް ބުނެ އިޝްތިހާރު ކުރުމަކީ ސިއްހީ ދާއިރާއަށް ކުރި މަލާމާތެކެވެ. އަދި މިއީ ބޮޑު ޖޯކެއް ކަމަށާއި މިފަދަ ގޮތްގޮތަށް އިޝްތިހާރުތައް ކުރަން ހެލްތު މިނިސްޓްރީން ހުއްދަ ދިނުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށް ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަތަކަށް ޖަވާބު ދެމުން ހެލްތު މިނިސްޓްރީން ބުނީ ޔޯގާ ބިލްބޯޑް ޖެހީ މިނިސްޓްރީގެ ހުއްދަ ނެތި ކަމަށެވެ. އަދި އެއީ އެތަނަށް އެނގިގެން ކުރި ކަމަކަށް ނުވާތީ ކަމާބެހޭ ފަރާތްތަކުން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

ބިލްބޯޑް ބެހެއްޓީ ދުބާއީގެ މަޝްހޫރު ޔޯގާ ސްޓޫޑިއޯއެއް ކަމަށްވާ ސަންޖީވް ކްރިޝްނާ ޔޯގާއިންނެވެ. އަދި އޭގައި އިނީ ސަންޖީވްގެ ފޮޓޯ ވެސް ޖަހައިފަ އެވެ. ނަމަވެސް ބިލްބޯޑްގެ މައްސަލަ ހޫނުވުމުން އޭނާ ބުނީ އެއީ ސީދާ އޭނާގެ ސްޓޫޑިއޯގެ ކަމެއް ނޫން ކަމަށެވެ.

"އެއީ އަހަރެމެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް [ރިދަމް އޮފް ލައިފް] ގައި ބައިވެރިވެ، ޔޯގާގެ ފައިދާ ވަރަށް ބޮޑަށް އެނގުނު ޒުވާނަކު ބެހެއްޓި އެއްޗެއް،" ސަންޖީވް ޚަލީޖް ޓައިމްސް އަށް ބުންޏެވެ. "އަދި އެ ބެހެއްޓީ ވެސް އަހަރެމެންގެ ޔޯގާ ސްޓޫޑިއޯ އަށް ސީދާ އެނގިގެނެއް ވެސް ނޫން."

ނަމަވެސް އިޝްތިހާރު ކުރުމުގެ ގާނޫނާ ހިލާފަށް އިޝްތިހާރުކޮށްފައިވާތީ ސަންޖީވް ކްރިޝްނާ ޔޯގާ 5،000 ދިރުހަމް (1,361.30 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެ އެވެ.