Roadha Mihaaru
ޖަންކް ފުޑުން ނަފްސާނީ ބައްޔަކަށް ހުށަހެޅިދާނެ

ޖަންކް ފުޑުން ނަފްސާނީ ބައްޔަކަށް ހުށަހެޅިދާނެ

26 ފެބުރުއަރީ 2019

ޖަންކް ފުޑަށް ދެވިހިފައިވާ ނަމަ އެކަމާ ދުރުވޭތޯ މަސަައްކަތް ކުރަން ޖެހެ އެވެ. ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ޖަންކް ފުޑުގެ ސަބަބުން މީހާ ނަފްސާނީ މައްސަލަތަކަށް ވެސް ހުށަހެޅެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަންކް ފުޑަށް ދެވިހިފައިވާ ނަމަ އެކަމާ ދުރުވޭތޯ މަސަައްކަތް ކުރަން ޖެހެ އެވެ. ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ޖަންކް ފުޑުގެ ސަބަބުން މީހާ ނަފްސާނީ މައްސަލަތަކަށް ވެސް ހުށަހެޅެ އެވެ.

އިންޓަނޭޝަނަލް ފުޑް ސައިންސެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ޖަންކް ފުޑުން މީހާގެ މެޓޮބޮލިޒަމް ހަލާކުކޮށްލުމުގެ އިތުރުން، ޑިޕްރެޝަނާއި ބައިޕޯލާ ޑިސްއޯޑާ ފަދަ ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެސް މީހާ ގެންގޮސްފާނެ އެވެ.

އެހެންވެ ޖަންކް ފުޑަށް އަބަދުވެސް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ޖަންކް ފުޑަށް ދެހިވުމަކީ މި ނޫން ވެސް ސިއްހީ ބޮޑެތި ނުރައްކަލުގެ ތެރެއަށް މީހާ ގެންދާނެ އެއްޗެއް ކަމަށް ދިރާސާގައި ބުންޏެވެ.

ދިރާސާގައި ބުނާ ގޮތުގައި ބައިޕޯލާ ޑިސްއޯޑާ މެދުވެރި ކުރުވާ ކަންކަމުގެ ތެރޭގައި، ގިނައިން ހަކުރު އެކުލެވޭ ކެއުންތައް ހިމެނެ އެވެ. އަދި ސިއްހީ ގޮތުން ރައްކާތެރި ނޫން ގޮތްގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާނާތަކުން ޑިޕްރެޝަނަށް މަގުފަހިކުރުވަފަ އެވެ. އޭގެތެރޭގައި ޑީޕް ފްރައިކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާނާތައް ހިމެނެ އެވެ.

"ކެއުމުގެ ވައްޓަފާޅި އާއި މެންޓަލް ހެލްތާ ވަރަށް ބޮޑު ގުޅުމެއްވާކަން މި ފަހުގެ ހޯދުންތަކުން އަންނަނީ ސާބިތުވަމުން. އެހެންވެ އެބަ ޖެހޭ ކެއުމުގެ އާދަޔަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރަން،" ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ކެލިފޯނިއާގެ ލޯމާ ލިންޑާ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޖިމް އީ ބަންޓާ ވިދާޅުވި އެވެ.

ބަޔަކު ޖަންކް ފުޑް ކަނީ: މިފަދަ ކެއުންތަކާ ދުރުވާން ސިއްހީ ތަޖުރިބާކާރުން ނަސޭހަތްތެރިވޭ.

ބަޔަކު ޖަންކް ފުޑް ކަނީ: މިފަދަ ކެއުންތަކާ ދުރުވާން ސިއްހީ ތަޖުރިބާކާރުން ނަސޭހަތްތެރިވޭ.

އޭނާ ވިދާޅުވި ގޮތުގައި މިކަމަށް މަސައްކަތްތަކެއް ކުރާ އިރު، ޅަ ކުދިންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ސަބަބަކީ މި ފަހަކަށް އައިސް ޒުވާނުންގެ ކެއުމުގެ ވައްޓަފާޅި މުޅިން ނުބައި މިސްރާބަކަށް ދިއުމާ އެކު، އެ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ވެސް ގިނަވަމުންދާކަން ފާހަގަ ކުރެވެމުން ދިޔަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 13 އަހަރަށްދާ އިރު، ގިނަ ކުދިންނަކީ މިހާރު ނަފުސާނީ ކޮންމެވެސް ބައްޔެއްގެ ޝިކާރަކަށްވެފައިވާ ކުއްޖެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތް ވެސް މުހިއްމު ދައުރެއް އަދާ ކުރެ އެވެ.