Roadha Mihaaru
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި

ވިހެއުމުން ކުރިމަތިވާ ޑިޕްރެޝަނަށް ހާއްސަ ބޭހަކަށް އެމެރިކާގައި ހުއްދަ ދީފި

09 އޯގަސްޓް 2023

ވިހެއުމުން ކުރިމަތިވާ ޑިޕްރެޝަންގެ މައްސަލަތަކަށް ހާއްސަކޮށްގެން އުފެއްދި ބޭހަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިހެއުމުން ކުރިމަތިވާ ޑިޕްރެޝަންގެ މައްސަލަތަކަށް ހާއްސަކޮށްގެން އުފެއްދި ބޭހަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

އެ އޮތޯރިޓީން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ ބޮޑެތި މީހުންގެ ޕާސްޕާޓަމް ޑިޕްރެޝަނަށް ހާއްސަކޮށް ހެދި ފުރަތަމަ ބޭސް "ޒުރަނޮލޯން" ބޭނުންކުރަން ހުއްދަ ދީފައިވާ ކަމަށެވެ. އެ ބޭސް ވިއްކާނީ "ޒުރްޒުވޭ" ބްރޭންޑުގެ ދަށުންނެވެ.

އެ ބޭސް ބޭނުންކުރުމަށް ލަފާދީފައިވަނީ ރޭގަނޑުގެ ކެއުމަށް ފަހު އެވެ. އެއީ 14 ދުވަސް ވަންދެން 50 މިލިގްރާމްގެ ބޭހެވެ.

ވިހެއުމުން ކުރިމަތިވާ ޑިޕްރެޝަންގެ މައްސަލަތަކުގައި މިހާތަނަށް ފަރުވާ ދެމުން ދިޔައީ އެޑްމިޓުކޮށްގެން، އައިވީ އިންޖެކްޝަން މެދުވެރިކޮށެވެ. ނަމަވެސް، އެފްޑީއޭގެ ސެންޓާ ފޯ ޑްރަގް އިވެލުއޭޝަން އެންޑް ރިސާޗްގެ ޑިވިޝަން އޮފް ސައިކޭޓްރީގެ ޑިރެކްޓަރު ޓިފަނީ އާރް ފާޗިއޯން ވިދާޅުވި ގޮތުގައި އެފަދަ ނާޒުކު ހާލަތުގައި ތިބި މީހުންނަށް ހާއްސަކޮށް، ކާ ބޭހެއް އުފެއްދުމަކީ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

އެފްޑީއޭއިން ބުނީ ޒުރަނޮލޯން ބޭނުންކުރުމުން، ނިދި އައުމާއި ބޮލުގައި ރިއްސުމާއި ބޭރަށް ހިނގުން އަދި ވަރުބަލިވުން ފަދަ ސައިޑް އިފެކްޓްސް ފެންނާނެ ކަމަށެވެ. އެކަމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، މި ބޭސް ނެގުމަށްފަހު މަދުވެގެން 12 ގަޑިއިރު ވަންދެން ހެވީ ވެހިކަލް ނުދުއްވުމަށް ލަފާދެ އެވެ.

ޕޯސްޓްޕާޓަމް ޑިޕްރެޝް އާއްމުކޮށް ކުރިމަތިވަނީ ވިހެއުމުގެ ފަހުންނެވެ. ނަމަވެސް، ބައެއް މީހުންނަށް މާބަނޑުގެ ފަހު ދުވަސްތަކުގައި ވެސް އެ އުނދަގޫތައް ކުރިމަތިވެ އެވެ. އެހެންވެ، އެ މުއްދަތުގައި ބޭސް ބޭނުންކުރުމަކީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ގެއްލުން ވެދާނެ ކަމަކެވެ. އެކަމަކު، ޒުރަނޮލޯން ބޭނުންކުރާ ނަމަ އެކަށީގެންވާ ރައްކާތެރި ބޭސް ބޭނުންކުރަންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ބޭހުގެ ޓެސްޓިން ޓްރަޔަލްގައި ބައިވެރިވީ ޑިޕްރެޝަންގެ އުނދަގޫތައް ތަހައްމަލުކުރާ ވިހަން ކައިރިވެފައި ތިބި މީހުންނާއި ވިހެއުމަށް ފަހު ހަތަރު ހަފުތާގެ ތެރޭގައި އަލާމާތްތައް ފެނުނު އަންހެނުންނެވެ. ފުރަތަމަ ދިރާސާގައި ބަލާފައިވަނީ ބަލި މީހުންނަށް 14 ދުވަސް ވަންދެން ދުވާލަކު 50 މިލިގްރާމްގެ ޒުރަނޮލޯން ދީގެންނެވެ.

ދެ ވަނަ ދިރާސާގައި، ބަލި މީހުންނަށް ދީފައިވަނީ ޒުރްޒުވެ ބްރޭންޑުގެ އެހެން ބޭހެއްގެ 40 މިލިގްރާމެވެ. އެއީ ވެސް ޒުރަނޮލޯން 40 މިލިގްރާމްގެ ބޭހާ ދާދި އެއްވަރެއްގެ ބޭހެކެވެ. އެ މީހުންނަށް 14 ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު މަދުވެގެން ހަތަރު ހަފުތާ ވަންދެން މޮނިޓާކޮށްފައިވެ އެވެ.

އެކަމަކު، ޒުރުޒުވެ ބޭސް ދިން މީހުންގެ އަލާމާތްތައް، ޒުރަނޮލޯން އެހެން ބޭސް ދިން މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ފާހަގަކުރެވުނު ކަމަށް އެފްޑީއޭއިން ބުންޏެވެ. ޒުރަނޮލޯން އެންމެ ފަހު ބޭސް ނެގިތާ ހަތަރު ހަފުތާ ފަހުން، 42 ވަނަ ދުވަހު ވެސް ފަރުވާގެ އަސަރު ދެމެހެއްޓުނު ކަމަށް އެ ވެބްސައިޓުގައިވެ އެވެ.