Roadha Mihaaru
ކަނޑަށް "ވެއްޓުނު" ބޯޓު ނަގައިފި

އައްޑޫގައި ކަނޑަށް "ވެއްޓުނު" ބޯޓު ނަގައިފި

15 އޯގަސްޓް 2019

އުދުހެނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު ކަނޑަށް ލޭންޑް ކުރި އައްޑޫ ގަމުގެ ފްލައިން ސްކޫލްގެ ކުޑަ މަތިންދާ ބޯޓް މިއަދު ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުދުހެނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު ކަނޑަށް ލޭންޑް ކުރި އައްޑޫ ގަމުގެ ފްލައިން ސްކޫލްގެ ކުޑަ މަތިންދާ ބޯޓް މިއަދު ނަގައިފި އެވެ.

ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ބުނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާ ކައިރި ހިއްސާބެއްގެ ކަނޑު އަޑީގައި އޮތް ބޯޓް ނަގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ބޯޓް ނެގީ ބާޖެއްގައި ކްރޭނެއްގެ އެހީގަ އެވެ.

ބޯޓް ނެގި އިރު އޭތި އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގަ އެވެ.

ހުކުރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ ޓްރޭނިންގައި ބޯޓު ދުއްވީ ދިވެހި އަންހެން ދަރިވަރަކާއި އިންޑިއާގެ އިންސްޓްރަކްޓަރެކެވެ. އިންޖީނު ފެއިލްވުމުން ކަނޑަށް ކޮންޓްރޯލްޑް ލޭންޑިންއެއް ހެދި ހާދިސާގައި އެ ދެ މީީހުންނަށާއި ބޯޓަކަށް ވެސް ބޮޑު ގެއްލުމެއް ނުވެ އެވެ. ބޯޓް ކަނޑަށް ލޭންޑް ކުރުމާ އެކު ދެ މީހުން ވަނީ އެއިން ނުކުމެފަ އެވެ. އަދި އެ މީހުން ކަނޑުން ނެގީ، ބޯޓް ލޭންޑް ކުރި ސަރަހައްދުގައި އޮތް ޝަންގްރިއްލާގެ ރިސޯޓެއްގެ ޑައިވިން ދޯންޏަކުންނެވެ.

ބޯޓުގެ އިންޖީނު ފެއިލްވާން ދިމާވި މައްސަލަ ދެނެގަންނާނެ ކަމަށް އޭއޭއޭ އިން ބުންޏެވެ.

ޝަންގްރިއްލާ ރިސޯޯޓު ކައިރި އަށް ވެއްޓުނު ބޯޓު ކަނޑު އަޑީގައި.

ޝަންގްރިއްލާ ރިސޯޯޓު ކައިރި އަށް ވެއްޓުނު ބޯޓު ކަނޑު އަޑީގައި.

"އަޅުގަނޑުމެންގެ ތަޖުރިބާކާރު ޓީމަކުން އެ މަސައްކަތް ކުރާނެ. ބޯޓަށް ދިމާވި މައްސަލަ ސާފުވީމަ އެނގޭނީ ސީދާ ކިހިނެއް ވެގެންތޯ ބޯޓްގެ އިންޖީނު ވެސް ފެއިލްވީ." ފްލައިން ސްކީލް ހިންގެވުމާ ހަވާލުވެ ހުންނެވި ސުރަންޖަން ޑި ސިލްވާ ވިދާޅުވި އެވެ.

ބޯޓް "ވެއްޓުނު" ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.