Roadha Mihaaru
ފްލައިން ސްކޫލުގެ ޓްރެއިނިން ހެޑްގެ ހުއްދަ ބާތިލް

ފްލައިން ސްކޫލުގެ ޓްރެއިނިން ހެޑްގެ ހުއްދަ ބާތިލްކޮށްފި

22 މެއި 2021

އައްޑޫގައި ހުންނަ ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން މާދަމާ އިން ފެށިގެން އަތުލަން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި ހުންނަ ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން މާދަމާ އިން ފެށިގެން އަތުލަން ނިންމައިފި އެވެ.

އެ ހުއްދަ އޭނާގެ އަތުން އަތުލަނީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވެ އެވެ.

އެ މިނިސްޓްރީން ބުނީ، ފްލައިން ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ އެ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުން ދީފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އައްޑޫ ގަމުގައި އޭޝިއަން އެކަޑެމީ އޮފް އެރޮނޮޓިކްސް އިން ހިންގާ ފްލައިން ސްކޫލުގައި ކިޔަވާ ދަަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި ދަރިވަރުންގެ ކޯސް ފުރިހަމަކުރުމަށް ބުރޫ އަރާފައިވާއިރު އެކަމަށް ހައްލެއް ހޯދުމަށް އެ ސްކޫލުގެ މެނޭޖްމަންޓުން ޒިންމާ އަދާނުކުރާ ކަމަށެވެ.

ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިންއާ މެދު ސިވިލް އޭވިއޭޝަން އޮތޯރިޓީން ފިޔަވަޅު އެޅިއިރު، މިދިޔަ ހަފުތާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި އެ އޮތޯރިޓީގެ އިހުމާލެއް އޮތްތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ބަޔަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ނިންމަވައިފަ އެވެ.

އައްޑޫ ފްލައިން ސްކޫލުގައި ގިނަ ދަރިވަރުން ކިޔަވަނީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށް ވާއިރު، 12-18 މަސް ދުވަހުން ނިމޭ ކޯހެއް އެ މުއްދަތަށް ނުނިމި، ތިން ހަތަރު އަހަރު ނަގަމުންދާތީ އެ ދަރިވަރުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ބޮޑު ފީއެއް ނަގައިގެން އެތަނުން ޕައިލެޓުން ތަމްރީނު ކުރާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން 2019 ގައި އެ އެކަޑަމީ އޮޑިޓް ކުރުމަށް ފަހު، ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންތައްތައް ފާހަގަކޮށްފައިވީ ނަމަވެސް އެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ. އެހެންވެ، އޭރު ތިބި ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުވަނީސް، އިތުރު ދަރިވަރުން ނުނެގުމަށް އެ މިނިސްޓްރީން އެންގި އެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު، އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރާތާ ގިނަ ދުވަސްތަކެެއް ވެއްޖެ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ވެސް ދަރިވަރުން ހުށަހަޅައިފައިވެ އެވެ.

ފްލައިން ސްކޫލުގެ ބައެއް އިސްވެރިންނަށް ފިޔަވަޅު އަޅަން މިއަދު ނިންމުމާ ހަަމައަށް މީގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފިޔަވަޅެއް ނާޅަ އެވެ.