Roadha Mihaaru
ޕައިލެޓު ތަމްރީނުތައް ހިންގަން ޖެހޭނީ އޭއޭއޭ އިން

ޕައިލެޓުންގެ ތަމްރީނުތައް ހިންގަން ޖެހޭނީ އޭއޭއޭގެ ދަށުން: ސިވިލް އޭވިއޭޝަން

15 އޯގަސްޓް 2021

ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް ތަމްރީނުތައް ދޭން ޖެހޭނީ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ކަމަށާއި އެވިޑް ކޮލެޖުގެ މަސްއޫލިއްޔަތަކީ އެތަން މެނޭޖުކުރުން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް ތަމްރީނުތައް ދޭން ޖެހޭނީ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ކަމަށާއި އެވިޑް ކޮލެޖުގެ މަސްއޫލިއްޔަތަކީ އެތަން މެނޭޖުކުރުން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ބުނެފި އެވެ.

އޭއޭއޭގެ އަތުން ބޮޑު ބަދަލެއް ހޯދުމަށް 48 ދަރިވަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ޕްރިމިއާ ޗެމްބާސް އިން ފޮނުވި ސިޓީގެ ޖަވާބުގައި ސީއޭއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެވިޑު ކޮލެޖަށް އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) ނުވަތަ އޭވިއޭޝަންގެ ތަމްރީނުތައް ދިނުމަށް ސިވިލް އޭވިއޭޝަންގެ ގަވައިދުގެ ދަށުން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އެ ސްކޫލާއެކު އެވިޑު ކޮލެޖުން ވެފައި ވަނީ ފްލައިން ސްކޫލު ހިންގުމުގެ އިސްދައުރެއް އަދާކުރުމުގެ އެއްބަސްވުމެއް ކަމަށް ސިވިލް އޭވިއޭޝަނުން ބުނެ އެވެ. ނަމަވެސް، ބޮއްސުންލައިގެން ގޮސްފައިވާ އޭއޭއޭގެ ކަންކަން ރަނގަޅުކުރުމަށް ކަމަށް ބުނެ، މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑު ކޮލެޖުން ވަނީ ފްލައިން ސްކޫލު ހިންގުމާ ހަވާލުވެ ކިޔަވައިދޭން އަލުން ފަށައިފަ އެވެ.

އެ ކަމުގެ އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ ޖޫން 24 ގައި ބޭއްވި ރަސްމިއްޔާތުގައި އެވިޑު ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދު ވިދާޅުވީ ފްލައިން ސްކޫލު ހިންގުމާ އެ ތަނުން ހަވާލު ވަނީ އޭއޭއޭގެ ހުރިހާ ވަސީލަތެއް ގަތުމަށް ފަހު ކަމަށެވެ.

ސީއޭއޭއިން ބުނިގޮތުގައި، ފްލައިން ސްކޫލުގެ ހިންގުން ބަދަލުވުން އަދި އެވިޑު ކޮލެޖުން އިޝްތިހާރުކުރާ ގޮތުން ކަމާގުޅުން ހުރި ފަރާތްތަކުން ކަންބޮޑުވެ އެވެ. އެއާއެކު، އޭއޭއޭ އަދި އެވިޑު ކޮލެޖާއެކު މިދިޔަ މަހުގެ 17 ގައި ބައްދަލުކުރުމަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ހުއްދަ އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެކަން އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

"އޭގެ މާނައަކީ ހުރިހާ ތަމްރީނެއް ކުރިއަށް ގެންދަން ޖެހޭނީ ގާނޫނީ ގޮތުން އެ ހައްގު ލިބޭ ފަރާތް ކަމަށް. އެއީ އޭއޭއޭ،" ސިޓީގައި ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުންގެ މީހަކު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ އޭޓީއޯ އެޕްރޫވަލް ހޯލްޑުކުރާ އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެ ކަމަށެވެ. އެޕްރޫވްޑް އޯގަނައިޒޭޝަނެއްގެ ހިއްސާ ގަންނަ ފަރާތެއް ވާނީ އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިއްސާދާރަކަށް ކަމަށާއި ހިއްސާދާރަކަށް ލިބޭ ހުރިހާ ހައްގުތަކާއި މަންފާތަކެއް އެ ފަރާތަށް ލިބޭނީ އޭރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެކެ އެވެ.

ނަމަވެސް އެވިޑު ކޮލެޖުން އޭއޭއޭގެ ހިއްސާ ގަނެފައި ނުވާތީ އެގޮތަކަށް ފްލައިން ސްކޫލެއް ނުހިންގޭނެ އެވެ.

މުޝްތާގު އޭރު ވިދާޅުވީ އެވިޑު ކޮލެޖުން އެންމެ އިސްކަންދޭނީ އެ ސްކޫލުގައި ކިޔަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެންނާށެވެ. ނަމަވެސް، ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު އޭއޭއޭއިން ވެފައިވާ އެއްބަސްވުން މިދިޔަ މަހު ހަމަވެފައިވާތީ، އެ އިމާރާތުގައި ކިޔެވުން ކުރިއަށް ގެންދިއުމުގެ މަގު ބަންދުވީ އެވެ.