Roadha Mihaaru
ފްލައިންސްކޫލުގެ މައްސަލައިގައި ރައީސްގެ ނިންމެވުންތަކެއް

ފްލައިން ސްކޫލުގެ މައްސަލައިގައި އިހުމާލުވިތޯ ބަލަން ސިވިލް އޭވިއޭޝަންގެ އޮޑިޓެއް ހަދަނީ

11 މެއި 2021

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާ ގުޅޭގޮތުން ރައީސް މިހާރު ވަނީ ވަކި ގޮތްތަކެއް ނިންމަވާފައި ކަމަށެވެ. އޭގެ ތެރޭގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނެއް ނިންމެވުމަކީ ފްލައިން ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް އޮތްތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ބަޔަކާ މެދު ފިޔަވަޅު އެޅުމެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ބޮޑެތި ލޯނުތައް ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެކަމަކު 12-18 މަސް ދުވަހުން ނިމޭ ކޯހެއް އެ މުއްދަތަށް ނުނިމި، ތިން ހަތަރު އަހަރު ނަގަމުންދާތީ އެ ދަރިވަރުން ކަންބޮޑުވުން ފާޅުކުރެ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ރައީސް ވަނީ އެ ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް އިންޓަރެސްޓް އަރަމުންދާތީ، އެ ލޯނުތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ވެސް ނިންމަވައިފަ އެވެ.

ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންް އެތަނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ކަންބޮޑުވުންތަކަށް ސަރުކާރަށް މިހާތަނަށް ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ.

ބޮޑު އަގު ނަގައިގެން އެތަނުން ޕައިލެޓުން ތަމްރީނު ކުރަމުން އަންނައިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނާ މެދު ފިޔަވަޅު އަޅައިފަ އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން 2019 ވަނަ އަހަރު އެކަޑަމީ އޮޑިޓް ކުރުމަށް ފަހު، ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންތައްތައް ނަމަވެސް އެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތްކޮށްފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ. އެހެންވެ، އޭރު ތިބި ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުވަނީސް، އިތުރު ދަރިވަރުން ނުނެގުމަށް ހަޔަ އެޑިއުކޭޝަނުންް އެންގި އެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު، އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރާތާ ގިނަ ދުވަސްތަކެެއް ވެއްޖެ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ވެސް ދަރިވަރުން ހުށަހަޅައިފައިވެ އެވެ.