06 އެޕްރީލް 2020
އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލް ކޮރޯނާވައިރަހާ ހެދި ވަގުތީ ގޮތުން ބަންދުކޮށްފައިވާތީ، ވަކި ދުވަހެއްގެ ކުރިން ހަދަންޖެހޭ އިމްތިހާނުތައް ނުހެދި އަލުން ކިޔަވަން ޖެހިދާނެ ކަމަށް ބުނެ ބައެއް ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލް ކޮރޯނާވައިރަހާ ހެދި ވަގުތީ ގޮތުން ބަންދުކޮށްފައިވާތީ، ވަކި ދުވަހެއްގެ ކުރިން ހަދަންޖެހޭ އިމްތިހާނުތައް ނުހެދި އަލުން ކިޔަވަން ޖެހިދާނެ ކަމަށް ބުނެ ބައެއް ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެތަނުގައި ކިޔަވާ ދަރިވަރަކު ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު ބަންދުކުރި ހިސާބުން ފްލައިން ސްކޫލްގެ ހުރިހާ ހަރަކާތްތަކެއް ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އަލުން ކިޔެވުން ފަށާނީ ބަލީގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށް ބުނި ނަމަވެސް، ވަކި ދުވަހެއްގެ ކުރިން ހަދަންޖެހޭ ޓެސްޓްތަކެއް ހުރުމުން ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ބުންޏެވެ.
ނަން ހާމަ ނުކުރާ ގޮތަށް ވާހަކަ ދެއްކި ދަރިވަރަކު ބުނި ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި އޭނާ ހަދަން ޖެހޭ ތިން އިމްތިހާނެއް އޮތް ނަމަވެސް، އެ އިމްތިހާނުތައް އެ މުއްދަތުގެ ކުރިން ނުހެދޭ ނަމަ ޖެހޭނީ އަލުން ކޯސް ފަށާށެވެ.
"އެހެންވެ މިހާރު މި ތިބީ ހަދާނެ ގޮތެއް ނޭނގިފައި. އެކޮޅުން [ފްލައިން ސްކޫލުން] މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަހަރެމެންނަކަށް ލިބޭ ގޮތެއް ނުވޭ،" އޭނާ ބުންޏެވެ. "ވާނުވާގައި ތިބެން ޖެހުނީމަ ކޯހަށް ވެދާނެ ގޮތަކާ ދޭތެރޭ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި."
ދުއިސަައްތައެއްހާ ދަރިވަރުން ގަމުގައި ޕައިލެޓްކަން ކިޔަވަމުން އަންނަ އިރު، ބައެއް ދަރިވަރުން ބުނީ މިހާރު އެ މީހުން ތިބީ ކޯހުގެ މުއްދަތު އިތުރަށް ދިގުލައިގެން ގޮސް، ދައްކަން ޖެހޭ ފީ އަނެއްކާ ވެސް އިތުރުވެގެން ހިނގައިދާނެތީ އެ ހާސްކަން ވެސް އެބަ އޮތް ކަމަށެވެ.
"ސްޓޫޑަންޓް ލޯން ނަގައިގެން މި ކިޔަވަނީ. ކޯހަށް ވަރަށް ބޮޑު އެއްޗެއް އެބަޖެހޭ ދައްކަން. އެހެންވީމަ އިތުރަށް ދިގުލައިގެން ދަންޏާ ފައިނޭންޝަލީ ވަރަށް ބޮޑު ބާޑަންއަކަށްވާނީ،" ދަރިވަރަކު ބުންޏެވެ.
ބައެއް ދަރިވަރުން ބުނި ގޮތުގައި ފްލައިން ސްކޫލްގެ ކޯސްތައް ކުރިއަށް ދަނީ ރާވާފައިވާ ޕްލޭންތަކަށް ވުރެ ވެސް ލަސްކޮށް ކަމަށްވާތީ މިހާރު ވެސް، އެއް އަހަރުން ނިމެން އޮތް ކޯހަށް އިތުރު އެއް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާ ކަމަށެވެ.
މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ބައެއް ދަރިން ވަނީ މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ވެސް މަަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ކުރުމުގައި ވެސް ދަތިތަކެއް ހުރި ކަމަށް ބުންޏެވެ.
"ސިވިލް އޭވިއޭޝަން އޮތޮރިޓޯއާ މިކަން ޝެއާކުރަން ކުރި މަސައްކަތް އަދިވެސް ކާމިޔާބުވާ ގޮތެއް ނުވޭ. ފޯނަކުން ގުޅޭ ގޮތެއް ނުވޭ. ދެން ކޮވިޑްއާ ގުޅިގެން އުފެއްދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާ މި މައުލޫމާތު ހިއްސާކޮށްގެން ވެސް މިކަމަށް މިހާތަނަށް އެކަށީގެންވާ އިޖާބައެއް ނުލިބޭ." ދަރިވަރަކު ބުންޏެވެ.
ކޯސް ހަދާ ދަރިވަރެއްގެ ބެލެނިވަރިއަކު ބުނީ އެންމެ ކަންބޮޑުވަނީ ބޮޑު އަގު ދައްކައިގެން ހަދާ ކޯހަށް ވާނެ ގޮތެއް ސާފު ނުވެ، އަނެއްކާ މުއްދަތު ދިގުލައިގެން ވެސް ކޯހުގެ ފީ އިތުރުވެދާނެތީ ކަމަށެވެ.
"އެއީ ވަރަށް ބޮޑު ބުރައަކަށް ވާނެ. ވަރަށް ދަތިކޮށް އުޅެން މި ޖެހެނީ. އެކަން އެހެން އޮތްވައި ކޯސް އިތުރަށް ދިގުދެމޭ ގޮތް ވަންޏާ އާއިލާ އަށް ވަރަށ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ." އޭނާ ބުންޏެވެ. "ކޯހަށް ވާނެ ގޮތެއް ސާފުކޮށް ދިނުމަކީ މި ދަނޑިވަޅުފައި ވަރަށް މުހިއްމު ކަމެއް."
ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ގެ ބަހެއް މިކަމާ ބެހޭ ގޮތުން ހޯދުމަށް، އެތަން ހިންގެވުމާ ހަވާލުގެ ހުރި ސުރަންޖަން ޑި ސޫޒާ އަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ތިން ޕްރޮޕޯސަލެއް
އޭއޭއޭގެ ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފި
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި އޭޖީގެ ލަފައަކަށް
ފްލައިން ސްކޫލުގެ ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް
ފްލައިން ސްކޫލުގެ ޓްރެއިނިން ހެޑްގެ ހުއްދަ ބާތިލް
ފްލައިން ސްކޫލުން 15ދަރިވަރުން ވަކިކުރުމުން އިންޒާރެއް
ފްލައިން ސްކޫލްގެ ބޯޓެއް ރަންވޭމައްޗަށް "ވެއްޓިއްޖެ"
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން އަލުން ހުޅުވާލައިފި