Roadha Mihaaru
ފްލައިން ސްކޫލުން 15ދަރިވަރުން ވަކިކުރުމުން އިންޒާރެއް

ފްލައިން ސްކޫލުން 15 ދަރިވަރުން ވަކިކޮށްފި، މިނިސްޓަރު ވިދާޅުވީ ފިޔަވަޅު އަޅާނެ ކަމަށް

29 ނޮވެމްބަރ 2020

ޕައިލެޓުން ތަމްރީނުކުރާ އައްޑޫގެ ފްލައިން ސްކޫލުން އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ވަކިކުރަން ނޯޓިސް ދިނީ ބޭއިންސާފުން ކަމަށާއި އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕައިލެޓުން ތަމްރީނުކުރާ އައްޑޫގެ ފްލައިން ސްކޫލުން އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ވަކިކުރަން ނޯޓިސް ދިނީ ބޭއިންސާފުން ކަމަށާއި އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ދެއްވައިފި އެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ބޮޑު އަގު ނަގައިގެން ހިންގާ ފްލައިން ސްކޫލުގެ ސްކޫލުގެ 15 ދަރިވަރަކު ވަކިކުރަން ނޯޓިސް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ކޯސް ފުރިހަމަ ކުރުމުގެ އެންމެ ފަހު މަރުހަލާގައި ތިބި ކުދިން ވެސް ހިމެނެ އެވެ. ކުރިން ވަކިކުރި ފަސް ދަރިވަރަކަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިގެން އަލުން ފުރުސަތު ދީފައި ވަނިކޮށް މިފަހަރު ނޯޓިސް ދިނީ އެ ދަރިވަރުން ވެސް ހިމެނޭ ގޮތަށެވެ.

ދަރިވަރުން ވަކިކުރަން ނޯޓިސް ދިނީ އެކަކު ބުނިގޮތުގައި އެ ބުނާ މުއްދަތުގައި ފުރިހަމަ ނުކުރެވޭނެ ޝަރުތުތަކެއް ކުރިމަތި ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގައި ފައިސާ ދެއްކުމާއި ކޯސް ނިންމުން ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ.

"މި ފަހުން ގިނަ ކުދިން މި ކަނޑާލީ ކުރިން އިންޒާރު ދިނުމަކާ ވެސް ނުލައި. ބައެއް ކުދިން ކަނޑާލީ ޓެސްޓް ހަދަމުން ދަނިކޮށް،" އޭނާ ބުންޏެވެ.

"މިތަނުގެ އެއްވެސް ދަރިވަރަކަށް އެ ބޭފުޅުން ބުނާ ޓައިމްލައިން ތެރޭ ކޯހެއް ނުނިންމޭ. ސަބަބަކީ ކުދިން ގިނަވުމާއި އެއާކްރާފްޓްތައް އެވަރަށް ނެތުމާއި އިންސްޓްރަކްޓަރުން އެވަރަށް ނެތުން. އަޅުގަނޑުމެން މި ކޯހަށް ވަންއިރު މި ދަތިތައް ހުރި ކަމުގެ ވާހަަކައެއް ނުބުނޭ."

މިނިސްޓަރު ނަހުލާގެ ޓުވީޓެއް.

މިނިސްޓަރު ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަމުން ދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލު ކޮށްފައިވާތީ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފްލައިން ސްކޫލުން އަނެއްކާވެސް ދަރިވަރުންތަކެއް މި ވަކިކުރީ، އެތަނުގެ ގިނަ މައްސަލަތަކަކާ ހެދި ސަރުކާރުން އެތަނަށް ފިޔަވަޅު އަޅާފައި ވަނިކޮށެވެ. ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެެއް ވަނީ ވެފަ އެވެ. އެފަދަ ގިނަ ޝަކުވާތަކެއް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ވެސް ހުށަހަޅާފައިވެ އެވެ.

ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ އެތައް ކަމެއް ފްލައިން ސްކޫލުން ހިންގާ ކަމަށް ސިވިލް އޭވިއޭޝަނުން ކުރި އޮޑިޓަށް ފަހު ވެސް ބުނެފައިވެ އެވެ.