Roadha Mihaaru
ބޯޓް ވެއްޓުނީކީ ނޫން، އެއީ ކޮންޓްރޯލް ލޭންޑިންއެއް: އޭއޭއޭ

ފްލައިން ސްކޫލްގެ ބޯޓް ވެއްޓުނީކީ ނޫން، އެއީ ކޮންޓްރޯލް ލޭންޑިންއެއް: އޭއޭއޭ

10 އޯގަސްޓް 2019

އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރެއްގެ ޓްރޭނިން ތެރޭގައި އުދުހެމުން ދިޔަ ބޯޓް އިންޖީނު ފެއިލްވެގެން ކަނޑަށް "ވެއްޓުނު" މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރެއްގެ ޓްރޭނިން ތެރޭގައި އުދުހެމުން ދިޔަ ބޯޓް އިންޖީނު ފެއިލްވެގެން ކަނޑަށް "ވެއްޓުނު" މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.

އެތަން ހިންގުމާ ހަވާލުވެ ހުންނެވި ސުރަންޖަން ޑި ސިލްވާ "މިހާރު" އަށް ވިދާޅުވީ ފްލައިން ސްކޫލްގެ އަންހެން ދިވެހި ދަރިވަރަކާއި އިންޑިއާގެ އިންސްޓަރްޓަރާ އެކު ބޯޓް "އިއްޔެ ވެއްޓުނީ ނޫން" ކަމަށެވެ.

"އިންޖީނު ފެއިލްވީމަ ރަންވޭގެ ލޭންޑިންއަކަށް ދާނެހާ ވަގުތު ނެތީމަ ކަނޑަށް ފްލައިޓް ކޮންޓްރޯލްޑް ލޭންޑިންއެއް ހަގީގަތުގައި ކުރީ. އެއީ އެ ދަނޑިވަޅުގައި ކުރަން އެންމެ ރައްކާތެރި ގޮތް ކަމަށް ވާތީ އެގޮތަށް އަމަލު ކުރީ. އެއާ އެކު ބޯޓް އަޑިއަށް ދިޔައީ،" އޭނާ ވިދާޅުވި އެވެ.

"މިއީ އެއްގޮތަކަށް ވެސް ބޯޓް ވެއްޓުމެއް ނޫން. ވޯޓް ވެއްޓުނު ނަމަ އޭގައި ތިބި ދެ މީހުންނާއި ބޯޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނީސް."

ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ކައިރީގެ ތިލަ ހިސާބަކަށް ބޯޓު "ލޭންޑްކުރުމުން" އޭގައި ތިބި ދެ މީހުން އެ ސަރަހައްދުގައި އޮތް ޝަންގްރިއް-ލާގެ ޑައިވިން ދޯންޏަށް ނަގައި، ރިސޯޓަށް ގެންދިޔަ އެވެ. މި ހާދިސާގައި އެ މީހުންނަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. ފަހުން އެ މީހުން އެމްއެންޑީއެފްގެ އެހީގައި ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް ޗެކްކުރި އެވެ.

ބޯޓުގައި އިން ޕައިލެޓްކަން ދަސްކުރާ އަންހެން ކުއްޖާ ޝަންގްރިއް-ލާގައި. --ފޮޓޯ:އެމްއެންޑީއެފް

ބޯޓުގައި އިން ޕައިލެޓްކަން ދަސްކުރާ އަންހެން ކުއްޖާ ޝަންގްރިއް-ލާގައި. --ފޮޓޯ:އެމްއެންޑީއެފް

ސުރަންޖަން ވިދާޅުވީ ބޯޓްގެ އިންޖީނު ފެއިލްވި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

"ބޯޓް ނެގުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. އެހެންވީމާ އެއަށް ފަހު ސީދާ ބޯޓަށް ދިމާވި މައްސަލަ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަޖުރިބާކާރު ޓީމަކުން މި މަސައްކަތް ކުރާނެ. ބޯޓަށް ދިމާވި މައްސަލަ ސާފުވީމަ އެނގޭނީ ސީދާ ކިހިނެއް ވެގެންތޯ ބޯޓްގެ އިންޖީނު ވެސް ފެއިލްވީ."

މި ބޯޓަށް 2015 ގައި ވެސް އެކްސިޑެންޓެއް ކުރިމަތިވި އެވެ. ޓްރޭނިން ތެރޭގައި ގަން އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ރަންވޭ އިން ކަހާލުމުން އޭގެ ކުރީކޮޅަށް ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް އިއްޔެގެ ހާދިސާ ހިނގި އިރު، ބޯޓްގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް ސުރަންޖަން ވިދާޅުވި އެވެ.

"ޓްރޭނިންތަކުގައި ބޭނުން ކުރާ ބޯޓްތަކަށް އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ދިމާވޭ. އަދި އެކަހަލަ މައްސަލަތައް އަބަދުވެސް ބަލާފައި ރަނގަޅުކޮށްފައި ހުންނާނީ. އެހެންވީމަ އިއްޔެގެ ހާދިސާގައި ބޯޓްގެ އިންޖީނު ފެއިލްވުމާއި ކުރިން ބޯޓްގައި ހިނގި ހާދިސާއަކާ އެއްވެސް ގުޅުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ހާދިސާ ހިނގި ފަހުން ވެސް ތިން އަހަރު ވެއްޖެ. ޓްރޭނިންތަކުގައި ބޮޑެތި މައްސަލަތަކެއް ނުޖެހި އެ ބޯޓް ވެސް ހަމަ ބޭނުން ކުރަމުން މި އަންނަނީ."

ސުރަންޖަން ވިދާޅުވި ގޮތުގައި ޕައިލެޓުން ތަމްރީނު ކުރާ އިރު މިފަދަ ހާދިސާތައް ހިނގާނެ އެވެ. އެކަމަކު އަބަދުވެސް އެންމެ އިސްކަންދެނީ ރައްކާތެރިކަމަށް ކަމަށް ވިދާޅުވި އެވެ.

"އިއްޔެ ހާދިސާ ހިނގި އިރު ބޯޓްގައި އިން އަންހެން ދަރިވަރަކީ ގިނަ އުދުހުންތަކެއްގެ ޓްރޭނިން މިހާތަނަށް ލިބިފައި ހުރި ދަރިވަރެއް. އެހެންވީމާ ނޭނގިގެން ބޮޑު ހާދިސާއެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ވެއްޓުނު ބޯޓު އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގަ އެވެ.

ސުރަންޖަން ވިދާޅުވީ ބޯޓް އަޑިއަށް ދި ނަމަވެސް، ބޮޑު ގެއްލުމެއް ވެފައި ނުވާތީ ބޯޓް ނެގުމުގެ މަސައްކަތް ރާނީ އެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް ކަމަށެވެ.