12 އޯގަސްޓް 2019
މެންޗެސްޓާ (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 4-0 އިން ޗެލްސީ އަތުން މޮޅުވުމުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ މި ސީޒަނާ ކުރިމަތިލި ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑަށް ހިތްދަތި ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މެންޗެސްޓާ (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 4-0 އިން ޗެލްސީ އަތުން މޮޅުވުމުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ މި ސީޒަނާ ކުރިމަތިލި ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑަށް ހިތްދަތި ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ 1965 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ޔުނައިޓެޑް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. ޗެލްސީ އަތުން އެންމެ ފަހުން 4-0 އިން ޔުނައިޓެޑް މޮޅުވީ 1994 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގަ އެވެ.
ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ގެނައި ހެރީ މެގުއާގެ އިތުރުން ބޮޑު އަގުގައި ގެނައި ފުލްބެކް އާރޮން ވަން ބިސާކާ ފުރަތަމަ އެގާރައިގައި ހިމަނައިގެން ނުކުތް ޔުނައިޓެޑް ކޮޅަށް މެޗުގެ ކުރީކޮޅުގައި ގޯލެއް ނުވަނީ ކިރިޔާ އެވެ. އޭރިއާތެރެއިން ޗެލްސީގެ ކުރިއަށް ކުޅެމުން ދިޔަ ޓެމީ އަބްރަހަމް ޖެހި ބާރު ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
ޔުނައިޓެޑަށް ލީޑުނަގައިދިނީ މެޗުގެ 18 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން މާކަސް ރެޝްފޯޑް އެވެ. މިއީ ލޯން އެއްބަސްވުމެއްގެ ދަށުން ފާއިތުވި ސީޒަންތަކުގައި ސްޓޯކް ސިޓީ އާއި އެވަޓަން އަށް ކުޅުނު ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ހާފުގައި ޗެލްސީ އަށް އެއްވަރުކޮށްދޭން ބްރެޒިލްގެ ވާތު ބެކް އެމަސަން ޕަލްމިއޭރީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެ ވަަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ތިން ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ އެންމެ ކުރިއަށް ކުޅެމުންދިޔަ އެންތަނީ މާޝިއަލް އެވެ. ރޮމެލޫ ލުކާކޫ ޔުނައިޓެޑް ދޫކޮށްލުމުން އޭނާ ބޭނުންކުރި ނުވަ ނަމްބަރު ޖޯޒީގައި ކުޅެމުންދިޔަ މާޝިއަލް މި ގޯލު ޖެހީ އަންޑްރެއަސް ޕެރޭރާ ދިން ބޯޅައަކުންނެވެ. އެ ގޯލު ޖެހިތާ ދެ މިނިޓް ވެސް ހަމަނުވަނިސް ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހީ ޕައުލް ޕޮގްބާ ދިން ބޯޅައަކުން ރެޝްފޯޑް އެވެ.
ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނިއަލް ޖޭމްސް އެވެ. ސްވަންސީ ސިޓީ ދޫކޮށް ޔުނައިޓެޑާ މި ފަހަރު ގުޅުނު ޖޭމްސް މި ލަނޑު ޖެހީ ކުޅެން އެރިތާ ހަތް މިނިޓް ތެރޭގަ އެވެ. މިއީ ވެސް ޕޮގްބާ ތަނަވަސްކުރި ފުރުސަތަކުން ޖެހި ގޯލެކެވެ.
މެޗަށް ފަހު ލަމްޕާޑް ދަނޑުމަތީގައި.-- ފޮޓޯ: އޭއެފްޕީ
ޗެލްސީ ކޯޗުކަމާ ހަވާލުވެ ލަމްޕާޑަށް މި ފަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިން ގެނެވެން ނެތުމެވެ. ގަވައިދާ ހިލާފަށް ޒުވާން ކުޅުންތެރިން ޓީމަށް ގެނެސްފައިވާތީ ފީފާ އިން ވަނީ ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބުދީފަ އެވެ. ލަމްޕާޑް ވަނީ އެކަމަކު ޝަކުވާ ނުކުރާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
މިރޭގެ މެޗަށް ފަހު ލަމްޕާޑް ބުނީ މެޗު ދިޔަ ގޮތަށް ބަލާއިރު 4-0 އަކީ އިންސާފުވެރި ނަތީޖާ ކަމަށް ނުދެކޭ ކަމަށެވެ.
"އަހަރެމެން މި މެޗުގެ 60 މިނިޓާ ހަމައަށް ކޮންޓްރޯލް ކުރީ. ފުރަތަމަ ހާފު އަހަރެމެންނަށް ލީޑުގައި އޮވެ ނިންމެންޖެހޭ. މިއީ މެޗުގައި ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު އަހަންނަށް ގަބޫލުކުރެވޭ ހަގީގަތް. އެކަމަކު އަހަރެމެން ފަހަތުން ހެދި މިސްޓޭކްތަކާ ހެދި އެ ގޮތަށް ގޯލު ވަނުމުން ދެން ކުރެވޭނެ ކަމެއް ނެތް. އޮތީ މައްސަލަ ތަކަށް ހައްލުހޯދުން،" ލަމްޕާޑް ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި ޕްރެޝަރުގައި ކުޅެން ޖެހުނު ވަގުތުތަކުގައި ޓީމުގެ ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.
ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން ވަނީ ޕިއޭ އެމެރިކް އޮބާމަޔަން ދެ ވަނަ ހާފުގައި ޖެހި ގޯލުން 1-0 އިން ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ ވުލްވްސްއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ޗެލްސީ ބަދަލުވެއްޖެ، ޔުނައިޓެޑުން އެކަމާ ވިސްނަންޖެހޭ
ގޯސް ޕްރެޝަރުތަކެއް ބޭނުމެއް ނޫން: ސޯލްޝެއާ
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އެންމެން ހައިރާން ކޮށްލައި ޔުނައިޓެޑް މޮޅު ވެއްޖެ
މައުންޓް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފި
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ލަމްޕާޑާ އެކު ޗެލްސީން ފުރަތަމަ ފަހަރަށް ހަމަނޭވާއެއް