Roadha Mihaaru
ޗައިނާ ޖައްވަށް، ދެން ހަނދަށް

ޗައިނާ ޖައްވަށް، ދެން ހަނދަށް

16 ސެޕްޓެމްބަރ 2016

ޖައްވުގައި ވަޒަންވެރިވުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި ޗައިނާ އަކީ މުރާލި ގައުމެކެވެ. ވާދަވެރިން ދެކޭ ގޮތުގައި ޗައިނާ މޮޅީ ނަކަލުކުރާށެވެ. އަމިއްލަ އުފެއްދުން މަދެވެ. އެހެން ނަމަވެސް ޗައިނާއިން ހަނދަށް އުޅަނދެއް ފޮނުވި އެވެ. އުންމީދުކުރި ވަަށް ވުރެ ގިނަ ދުވަހު އެ އުޅަނދުން ސިގްނަލް ލިބުނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޖައްވުގައި ވަޒަންވެރިވުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި ޗައިނާ އަކީ މުރާލި ގައުމެކެވެ. ވާދަވެރިން ދެކޭ ގޮތުގައި ޗައިނާ މޮޅީ ނަކަލުކުރާށެވެ. އަމިއްލަ އުފެއްދުން މަދެވެ. އެހެން ނަމަވެސް ޗައިނާއިން ހަނދަށް އުޅަނދެއް ފޮނުވި އެވެ. އުންމީދުކުރި ވަަށް ވުރެ ގިނަ ދުވަހު އެ އުޅަނދުން ސިގްނަލް ލިބުނެވެ.

ޗައިނާއިން ޖައްވުގައި ދެމިތިބުމަށް އަމިއްލަ ސްޓޭޝަނެއް ބިނާކުރަން ވަނީ ފަށާފަ އެވެ. އަހަރުތަކެއް ކުރިން، ސެޕްޓެމްބަރު 2011 ގައި "ސްޕޭސް ލެބް"އެއް ވަނީ ޖައްވަށް ފޮނުވާފަ އެވެ. އެހެން ނަމަވެސް އޭގެ "ޓްރާންސްމިޝަން" ވަނީ މި އަހަރު މާޗްގައި ހުއްޓިފަ އެވެ. އުންމީދުކުރެވޭ ގޮތުގައި އޭގެ ބައިތައް އަންނަ އަހަރު ފަހުކޮޅު ދުނިޔެ އަށް ފައިބާނެ އެވެ.

"ސްޕޭސް ލެބް" ހަރުދަނާކޮށް ދެ ވަނަ އުޅަނދެއް ގޮތުގައި ޖައްވަށް ފޮނުވުމަށް ޗައިނާއިން ވަނީ ނިިންމާފަ އެވެ. ލަސްތަކެއް ނުވެ ޖައްވުގައި އެ އުޅނަދު މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ. ޗައިނާއިން ރާވާފައި ވަނީ "ސްޕޭސް ލެބް" ޖައްވުގައި ހަމަޖެހުނުހައި އަވަހަކަށް ދެ އެސްޓްރޮނޯޓުން ފޮނުވުމަށެވެ.

އެމެރިކާ އާއި ޔޫރަޕުން ކުރި ހޯދާފައިވާ ސިނާއަތަކަށް ވި ނަމަވެސް ޗައިނާއިން ދަނީ ބިލިއަނުން ޚަރަދުކުރަމުންނެވެ. ވާދަވެރިންނަށް ފުކެއް ދޫނުކޮށް، 2020 ލައިގަންނައިރު، ޗައިނާ ރަމްޒުކުރާ އުޅަނދެއް މާސްގެ ބިމަށް ތިރިކުރުވުމަކީ އެ ގައުމަށް ދެން ލިބޭނެ އެންމެ ބޮޑު ފަޚުރެވެ.

ޖައްވުގައި ޗައިނާއިން ސްޓޭޝަނެއް ބިނާކުރަނީ ގިނަ ބޭނުންތަކަކަށް ނިޔަތް ގަނެގެންނެވެ. އިންސާނަކު ހަނދަށް ފޮނުވަން ވެސް އެ ގައުމުން ބޭނުންވެ އެވެ. ވާހަކަތައް ހުރި ގޮތުން ބެލެވެނީ ބިމުން ފުރައިގެން ދާ މީހުން "ސްޕޭސް ލެބް"ގައި މަޑުކުރުމަށް ފަހު ހަންދާން ފުރާނެ ކަމަށެވެ.

ދުނިޔޭގެ ވިޔަފާރީގައި ދަގަ ބާރަކަށް ޗައިނާ ވި ގޮތަށް، ހަނދަށް އެރުމުގައި ވެސް ކުރި ހޯދަފާނެ ކަމަށް ވާދަވެރިން ދެކެ އެވެ. އެ މީހުން ތިބީ ޗައިނާ އަށް ވައްކަޅިން ބަލަ ބަލަ އެވެ.